ނުކުޅެދުންތެރިކަމުގެ އެލަވެންސަށް ސެޕްޓެމްބަރު މަހު 59 މިލިއަނަށް ވުރެ ގިނަ ރުފިޔާ ދޫކޮށްފި
ނުކުޅެދުންތެރިކަން ހުންނަ މީހުންނާއި ކުދިންނަށް މާލީ އެހީގެ ގޮތުގައި ސެޕްޓެމްބަރު މަހު 59.2 މިލިއަން ރުފިޔާ ދޫކޮށްފައިވާ ކަމަށް ނެޝެނަލް ސޯޝަލް ޕްރޮޓެކްޝަން އެޖެންސީ (އެންސްޕާ) އިން މިއަދު ބުނެފިއެވެ.
އަހުމަދު އާހިލް ސައީދު
ނުކުޅެދުންތެރިކަން ހުންނަ މީހުންނާއި ކުދިންނަށް މާލީ އެހީގެ ގޮތުގައި ސެޕްޓެމްބަރު މަހު 59.2 މިލިއަން ރުފިޔާ ދޫކޮށްފައިވާ ކަމަށް ނެޝެނަލް ސޯޝަލް ޕްރޮޓެކްޝަން އެޖެންސީ (އެންސްޕާ) އިން މިއަދު ބުނެފިއެވެ.
އެންސްޕާގެ ތަފާސްހިސާބުތައް ދައްކާ ގޮތުން ސެޕްޓެމްބަރު މަހު 15،571 މީހަކަށް އެ އެހީ ލިބިފައިވެއެވެ. އޮގަސްޓް މަހު އެ އެހީ ދީފައި ވަނީ 15،498 މީހަކަށް ކަމަށް ވާއިރު، އެ މަހު ޖުމުލަ ދޫކުރީ 58.4 މިލިއަން ރުފިޔާއެވެ. އެހެންކަމުން ސެޕްޓެމްބަރު މަހު އެހީ ލިބުނު މީހުންގެ ޢަދަދާއި ދޫކުރި ފައިސާގެ ޢަދަދު ވެސް ވަނީ އިތުރުވެފައެވެ.
ސެޕްޓެމްބަރު މަހު ނުކުޅެދުންތެރިކަން ހުންނަ މީހުންގެ ދަފުތަރަށް އަލަށް 263 މީހަކު ރަޖިސްޓްރީކޮށްފައިވެއެވެ. އޮގަސްޓް މަހު ދަފުތަރަށް އިތުރުވީ 169 މީހުން ކަމުގައި ވާއިރު، މިހާރު އެ ދަފުތަރުގައި ޖުމުލަ 15،885 މީހުން ހިމެނެއެވެ.
ނުކުޅެދުންތެރިކަމުގެ އެލަވެންސްގެ އިތުރުން ތެލެސީމިއާ އެލަވެންސެއް ވެސް އެންސްޕާ އިން ދޫކުރެއެވެ. ސެޕްޓެމްބަރު މަހު ތެލެސީމިއާ އެލަވެންސަށް 1،082،000 ރުފިޔާ ޚަރަދުކޮށްފައިވާ އިރު، އޮގަސްޓް މަހު ދޫކުރީ 1،070،000 ރުފިޔާއެވެ. ސެޕްޓެމްބަރު މަހު ތެލެސީމިއާ ދަފުތަރަށް ހަ މީހަކު އަލަށް އިތުރުވެ، އެ ދަފުތަރުގެ ޖުމުލަ ޢަދަދު ވަނީ 541 އަށް އަރައިފައެވެ.
އެންސްޕާގެ ހިސާބުތަކުން ދައްކާ ގޮތުގައި ނުކުޅެދުންތެރިކަމުގެ ދަފުތަރާއި ތެލެސީމިއާ ދަފުތަރުގައި ރަޖިސްޓްރީ ކުރާ ފަރާތްތަކުގެ ޢަދަދު ކޮންމެ މަހަކު ވެސް ދަނީ އިތުރުވަމުންނެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް