މޭރީ ގްރޭސް މެރުމުގެ ކުށުގައި އުމުރަށް ޖަލަށްލީ ހުކުމް މާވިން ހައިކޯޓުގައި އިސްތިއުނާފުކޮށްފި
އައިޖީއެމްއެޗުގައި މަސައްކަތްކުރި ފިލިޕީންސްގެ ނަރުސް މޭރީ ގްރޭސް މެރުމުގެ ކުށް ސާބިތުވެ އުމުރު ދުވަހަށް ޖަލަށްލާން ކްރިމިނަލް ކޯޓުން ކުރި ހުކުމް، އޭނާގެ ފިރިމީހާ މާވިން އެސްވައި ހައިކޯޓުގައި އިސްތިއުނާފުކޮށްފިއެވެ.
އަހުމަދު އާހިލް ސައީދު
އައިޖީއެމްއެޗުގައި މަސައްކަތްކުރި ފިލިޕީންސްގެ ނަރުސް މޭރީ ގްރޭސް މެރުމުގެ ކުށް ސާބިތުވެ އުމުރު ދުވަހަށް ޖަލަށްލާން ކްރިމިނަލް ކޯޓުން ކުރި ހުކުމް، އޭނާގެ ފިރިމީހާ މާވިން އެސްވައި ހައިކޯޓުގައި އިސްތިއުނާފުކޮށްފިއެވެ.
ހައިކޯޓުން އެ މައްސަލަ ބަލައިގެންފައިވާ ކަން އަދި ޔަގީނެއް ނުވެއެވެ. މާވިންގެ މައްޗަށް ދައުލަތުން އުފުލާފައިވަނީ އެނގި ހުރެ މީހަކު މެރުމުގެ ކުށުގެ ދައުވާއެވެ. ދަށު ކޯޓުގެ ޝަރީއަތުގައި ދައުލަތުގެ ވަކީލު ފާހަގަކުރެއްވީ މާވިންއަކީ މޭރީގެ ފިރިމީހާ ކަމާއި ދަރިފުޅުގެ ބައްޕަ ކަމާއި ފެންވަރު ހުރި ނަރުހެއް ކަމަށެވެ. ނަމަވެސް އެ ކުށުގެ އަމަލުގައި ރަހުމެއް، ކުލުނެއް ނުވަތަ ހަމްދަރުދީއެއް ނެތް ކަމަށް ދައުލަތުން ބުނެފައިވެއެވެ. ދައުލަތުން އެދުނީ އުމުރު ދުވަހުގެ ޖަލު ހުކުމެއް އިއްވައި ކުށުގެ އަދަބު ވީ އެންމެ ބޮޑުކޮށްދިނުމަށެވެ.
ޝަރީއަތުގައި އަދަބާ ބެހޭ ބަހުސަށް ފަހު މާވިންއަށް ވާހަކަ ދެއްކުމުގެ ފުރުސަތު ލިބުމުން، ބުނާނެ އެއްވެސް ވާހަކައެއް ނެތް ކަމަށް އޭނާ ބުނެފައިވެއެވެ.
2021 ވަނަ އަހަރުގެ އޮކްޓޫބަރު މަހު ހިނގި މި ހާދިސާއާ ގުޅިގެން މާވިންގެ ލޯބިވެރިޔާ ލަމްހާގެ މައްޗަށް ވެސް ތިން ދައުވާއެއް ސާބިތުވެފައިވެއެވެ. އެއީ މެރުމުގައި ބައިވެރިވުމާއި، ހުއްދަ ނޫން ގޮތުގައި އެހެން މީހެއްގެ މުދަލަށް ބާރު ހިންގުމާއި، ހުއްދަ ބޭނުންވާ ކަމެއް ހުއްދައެއް ނެތި ކުރުމުގެ ކުށެވެ. ލަމްހާއަށް 15 އަހަރުގެ ޖަލު ހުކުމެއް އިއްވާފައިވެއެވެ.
ބަންދުގައި ހުރި މުއްދަތުގައި މާވިން ވަނީ އިސްލާމް ދީން ޤަބޫލުކޮށް ނަން ޔޫސުފަށް ބަދަލުކޮށްފައެވެ. އެ ކަން އިސްލާމިކް މިނިސްޓްރީއަށް ވެސް އޭނާގެ ފަރާތުން އަންގާފައިވެއެވެ. މި މައްސަލައިގެ އިސްތިއުނާފް މަރުހަލާ ހައިކޯޓުން ކުރިއަށް ގެންދާނެ ގޮތެއް އަދި ހާމަވެފައެއް ނުވެއެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް