އީގަލް ހިލްސްގެ މަޝްރޫޢު ވަގުތުން ހުއްޓައިލުމަށް ރައީސް ޔާމީން ގޮވައިލައްވައިފި
އީގަލް ހިލްސް ކުންފުނިން ރާއްޖޭގައި ހިންގުމަށް ރާވާފައިވާ މަޝްރޫޢަކީ ދިވެހި ރައްޔިތުންގެ އިހުސާސްތަކާ ޚިލާފު ކަމެއް ކަމަށް ވިދާޅުވެ، އެ މަޝްރޫޢު ވަގުތުން ހުއްޓައިލުމަށް ކުރީގެ ރައީސް ޢަބްދުﷲ ޔާމީން ގޮވައިލައްވައިފިއެވެ.
އަހުމަދު އާހިލް ސައީދު
އީގަލް ހިލްސް ކުންފުނިން ރާއްޖޭގައި ހިންގުމަށް ރާވާފައިވާ މަޝްރޫޢަކީ ދިވެހި ރައްޔިތުންގެ އިހުސާސްތަކާ ޚިލާފު ކަމެއް ކަމަށް ވިދާޅުވެ، އެ މަޝްރޫޢު ވަގުތުން ހުއްޓައިލުމަށް ކުރީގެ ރައީސް ޢަބްދުﷲ ޔާމީން ގޮވައިލައްވައިފިއެވެ.
އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ރައީސް ޔާމީން ސިފަކުރެއްވީ އީގަލް ހިލްސްއަކީ ސަރުކާރުގެ ނާޖާއިޒު ފައިދާ ނަގައިގެން ރައްޔިތުންގެ ޝުޢޫރުތަކަށް ފަރުވާލެއް ނެތި މަސައްކަތް ކުރަމުންދާ ކުންފުންޏެއްގެ ގޮތުގައެވެ. ޚާއްޞަކޮށް ފަލަސްޠީނުގެ ޙައްޤުގައި ވަކާލާތުކުރާ، ސައްތައިން ސައްތަ މުސްލިމް މުޖުތަމަޢެއްގެ ތެރޭގައި ޔަހޫދީން ވަޒަންވެރިކުރުވުމަށް މަގުފަހިވާ ފަދަ މަޝްރޫޢެއް ހިންގުމަކީ އެ ކުންފުނީގެ މުނާފިޤުކަން ހާމަވާ ކަމެއް ކަމަށް އެމަނިކުފާނު ވިދާޅުވިއެވެ.
ރައީސް ޔާމީން އިތުރަށް ވިދާޅުވީ މި މަޝްރޫޢަކީ ދިވެހި މުޖުތަމަޢުގެ އަގުތަކާއި އިސްލާމީ އުސޫލުތަކާ މުޅިން ފުށުއަރާ ކަމެއް ކަމަށާއި، އެ ސަބަބާ ހުރެ ދިވެހިންގެ މެދުގައި އެ ކުންފުންޏާ މެދު އޮތީ ނަފުރަތާއި ނުރުހުން ކަމަށެވެ. އެހެންކަމުން ބުއްދިވެރި ގޮތަކީ މި މަޝްރޫޢު އިތުރަށް ކުރިއަށް ނުގެންގޮސް، މިހާރުން މިހާރަށް އުވައިލުން ކަމަށް ވެސް ވިދާޅުވިއެވެ.
މި މަޝްރޫޢާ މެދު ކުރިން ވެސް އިދިކޮޅު ބައެއް ފަރާތްތަކުން ކަންބޮޑުވުން ފާޅުކޮށްފައިވާ އިރު، ސަރުކާރާ އެއްކޮޅު ފަރާތްތަކުން ދަނީ އެ މަޝްރޫޢުގެ ދިފާޢުގައި ވާހަކަ ދައްކަމުންނެވެ. އަވައްޓެރި ސްރީލަންކާގެ ބައެއް މީޑިއާތަކުން ވެސް މި މަޝްރޫޢާ ބެހޭ ޚަބަރުތައް ގެނެސް، އެ ފަދަ މަޝްރޫޢެއް އެ ޤައުމަށް ނާންނަ ސަބަބާ ގުޅޭ ގޮތުން ރިޕޯޓުކޮށްފައިވެއެވެ.
ރައީސް ޑރ. މުޙައްމަދު މުޢިއްޒުގެ ސަރުކާރުން ކުރިއަށް ގެންދާ މި މަޝްރޫޢުގެ ފުރަތަމަ މަރުހަލާގެ އެއްބަސްވުމުގައި ސޮއިކުރެއްވީ ކޮންސްޓްރަކްޝަން އެންޑް އިންފްރާސްޓްރަކްޗާ މިނިސްޓަރު ޑރ. ޢަބްދުﷲ މުއްޠަލިބާއި އީގަލް ހިލްސްގެ ޗެއާމަން މުޙައްމަދު އަލާއްބާރެވެ. މި މަޝްރޫޢުގެ އެކި ފިޔަވަހިތަކުގެ އަންދާޒާ އަގު 20 ބިލިއަން ޑޮލަރަށް އަރާ އިރު، 54،000 އަށް ވުރެ ގިނަ ވަޒީފާ އުފެދި، އަހަރަކު ދެ ބިލިއަން ޑޮލަރުގެ ފަތުރުވެރިކަމުގެ އާމްދަނީއެއް ލިބޭނެ ކަމަށް ސަރުކާރުން ލަފާކޮށްފައިވެއެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް