އަންހެން ކުދިންނަށް އިންވެސްޓްކުރުމަކީ ފާގަތި މުސްތަގުބަލެއްގެ ބިންގާ: ރައީސް
ބައިނަލްއަޤުވާމީ އަންހެން ކުދިންގެ ދުވަހުގެ މުނާސަބަތުގައި ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ސޯޝަލް މީޑިއާ މެދުވެރިކުރައްވައި ޚާއްޞަ މެސެޖެއް ހިއްސާކުރައްވައިފިއެވެ.
އަހުމަދު އާހިލް ސައީދު
ބައިނަލްއަޤުވާމީ އަންހެން ކުދިންގެ ދުވަހުގެ މުނާސަބަތުގައި ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ސޯޝަލް މީޑިއާ މެދުވެރިކުރައްވައި ޚާއްޞަ މެސެޖެއް ހިއްސާކުރައްވައިފިއެވެ.
އެ މެސެޖުގައި ރައީސް ވިދާޅުވީ، އަންހެން ދަރިންނަށްޓަކައި މިއަދު ކުރެވޭ ކޮންމެ އިންވެސްޓްމަންޓަކީ މުޅި މުޖުތަމަޢުގެ ފާގަތި މުސްތަޤުބަލަށް ކުރެވޭ ވަރަށް މުހިންމު މަސައްކަތެއް ކަމަށެވެ. ދުނިޔޭގެ އެކި ކަންކޮޅުތަކުގައި ދިރިއުޅޭ އަންހެން ކުދިންގެ ޙައްޤުތައް ޙިމާޔަތްކޮށް ކުރިއެރުވުމަށް ބައިނަލްއަޤުވާމީ ފެންވަރުގައާއި ޤައުމީ ފެންވަރުގައި ހިންގާ މަސައްކަތްތަކުގައި ދިވެހި ސަރުކާރު ސާބިތުކަމާ އެކު ދެމިއޮންނާނެ ކަމުގެ ޔަޤީންކަން ވެސް އެ މަނިކުފާނު ދެއްވައިފައިވެއެވެ.
އަންހެން ކުދިންނާއި ޒުވާން އަންހެނުންނަކީ ޤައުމު ހިންގުމުގެ ޤާބިލު ލީޑަރުންނަށް ހެދުމަކީ ސަރުކާރުގެ މުހިންމު އަމާޒެއް ކަމަށް ރައީސް ވިދާޅުވިއެވެ. އެ ކުދިންގެ ފުރިހަމަ ޤާބިލުކަން ބޭނުންކޮށްގެން ރައްކާތެރި މާޙައުލެއްގައި ޤައުމީ ތަރައްޤީގައި މާނަހުރި ދައުރެއް އަދާކުރެވޭނެ މަގު ފަހިކޮށްދިނުމަށް ހަރުދަނާ ސިޔާސަތުތައް އެކަށައެޅުމަށް ސަރުކާރުން ޚާއްޞަ އިސްކަމެއް ދެއްވާނެ ކަމަށް ވެސް ވިދާޅުވިއެވެ.
މި އަމާޒަށް ވާޞިލުވުމަށްޓަކައި ވަކިވަކި ޢާއިލާތަކާއި މުޅި މުޖުތަމަޢު އަދި ކަމާ ގުޅުން ހުރި އެންމެހައި މުއައްސަސާތަކުގެ ފުރިހަމަ އެއްބާރުލުމާއި ބައިވެރިވުން ނުހަނު ބޭނުންތެރި ކަމުގައި ރައީސް ވިދާޅުވިއެވެ. މެސެޖު ނިންމަވައިލައްވަމުން އެ މަނިކުފާނު ވިދާޅުވީ، އަންހެން ދަރިންގެ ކުރިއެރުމަށް ކުރެވޭ ކޮންމެ ހޭދައަކީ ހަމަހަމަކަމާއި އެންމެންގެ ބައިވެރިވުން ހިމެނޭ އުޖާލާ މާދަމައެއް ބިނާކުރުމަށް އެޅޭ އެންމެ މުހިންމު ބިންގާ ކަމަށެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް