މައިގަނޑު ބަޔަށް ދާން

ހަބަރު

އިޓްލޮސް މައްސަލައިގައި ރާއްޖެ ޢަމަލުކުރި ގޮތް ބެލުމަށް ހަތް މެންބަރުންގެ ކޮމިޝަނެއް އުފައްދައިފި

ފޯޅަވައްސާއި ރާއްޖެއާ ދެމެދު ކަނޑުގެ އިން ކަނޑައެޅުމަށް މޮރިޝަސްއިން އިންޓަރނޭޝަނަލް ޓްރައިބިއުނަލް ފޮރ ދަ ލޯ އޮފް ދަ ސީ (އިޓްލޮސް) އަށް ހުށަހެޅި މައްސަލައިގައި ރާއްޖެއިން ޢަމަލުކުރި ގޮތް ތަޙުޤީޤުކުރުމަށް ރައީސް ޑރ. މުޙައްމަދު މުޢިއްޒު މިއަދު ޚާއްޞަ ކޮމިޝަނެއް އުފައްދަވައިފިއެވެ.

އިޓްލޮސް މައްސަލައިގައި ރާއްޖެ ޢަމަލުކުރި ގޮތް ބެލުމަށް ހަތް މެންބަރުންގެ ކޮމިޝަނެއް އުފައްދައިފި

ފޯޅަވައްސާއި ރާއްޖެއާ ދެމެދު ކަނޑުގެ އިން ކަނޑައެޅުމަށް މޮރިޝަސްއިން އިންޓަރނޭޝަނަލް ޓްރައިބިއުނަލް ފޮރ ދަ ލޯ އޮފް ދަ ސީ (އިޓްލޮސް) އަށް ހުށަހެޅި މައްސަލައިގައި ރާއްޖެއިން ޢަމަލުކުރި ގޮތް ތަޙުޤީޤުކުރުމަށް ރައީސް ޑރ. މުޙައްމަދު މުޢިއްޒު މިއަދު ޚާއްޞަ ކޮމިޝަނެއް އުފައްދަވައިފިއެވެ.

ޤާނޫނުއަސާސީގެ 115 ވަނަ މާއްދާގެ (ގ) އިން ރައީސުލްޖުމްހޫރިއްޔާއަށް ލިބިދޭ ބާރުގެ ދަށުން އުފެއްދެވި މި ކޮމިޝަނަށް ދީފައިވާ ނަމަކީ "އިޓްލޮސްގެ ކޭސް ނަންބަރު 28 ގައި ދިވެހިރާއްޖެއިން ޢަމަލުކުރި ގޮތް ތަޙުޤީޤުކުރުމަށް އުފައްދާ ރައީސުލްޖުމްހޫރިއްޔާގެ ޚާއްޞަ ކޮމިޝަން" އެވެ. ރައީސް ޑރ. މުޢިއްޒު ވަނީ މިއަހަރުގެ ރިޔާސީ ބަޔާނުގައި ވެސް މިފަދަ ކޮމިޝަނެއް އުފައްދަވާނެކަން އިޢުލާނުކުރައްވައިފައެވެ.

ރައީސުލްޖުމްހޫރިއްޔާގެ އޮފީހުން ބުނީ މި ކޮމިޝަން އުފެއްދީ، މޮރިޝަސްއިން ހުށަހެޅި މައްސަލަ ދިރާސާކޮށް ރާއްޖެއިން ކުރިއަށްދާނެ ގޮތެއް ހޯދުމަށް ޢައްޔަންކުރެވުނު ބައިނަލްއަޤުވާމީ ޚަބީރުންގެ ރިޕޯޓުތަކާ ގުޅިގެން ކަމަށެވެ. އެ ރިޕޯޓުތަކުގައި ފާހަގަކޮށްފައިވާ ގޮތުން، ރާއްޖޭގެ ސަރަހައްދުން ބޮޑު ބައެއް ގެއްލުނީ އޭރު ދިވެހި ދައުލަތުން ކަންކުރި ގޮތުންނެވެ. އެ ގެއްލުމަކީ ރާއްޖޭގެ މަސްވެރިކަމަށާއި ކަނޑުގެ އަދި ކަނޑުއަޑީގެ ބިމުގެ މުއްސަނދިކަމަށް ފޫނުބެއްދޭ ވަރުގެ ބޮޑު ގެއްލުމެއް ކަމަށް ވެސް އެ ރިޕޯޓުތަކުގައި ބުނެފައިވެއެވެ.

ކޮމިޝަނުގެ ރައީސަކަށް ޢައްޔަންކުރެއްވީ ނިޝާން ދިޔަމިގިލީ ޝަރަފުގެ ޢިއްޒަތް ލިބިވަޑައިގެންފައިވާ އަޙްމަދު ޝާކިރެވެ. ދެން ކޮމިޝަނުގައި ހިމެނިވަޑައިގަންނަވަނީ ޢަބްދުލްޢަޒީޒް ޔޫސުފާއި، ޑރ. އާމިނަތު ޝާފިޔާ އާދަމާއި، ޑރ. ޢަބްދުލްމުޙްސިން މުޙައްމަދާއި، ޑެޕިއުޓީ ކޮމިޝަނަރ އޮފް ޕޮލިސް (ރިޓަޔާޑް) މުޙައްމަދު ޞާދިޤާއި، އަޙްމަދު ޢަލީމަނިކާއި، ފާޠިމަތު މިންހަތު ޢިއްޒަތެވެ.

ކޮމިޝަނުގެ މައިގަނޑު މެންޑޭޓުގައި ހިމެނެނީ އިޓްލޮސްއަށް މައްސަލަ ހުށަހެޅުމާ ހަމައަށް އަދި އެ މައްސަލަ ކުރިއަށް ގެންދިޔަ ގޮތް ބެލުމާއި، ޖަވާބުދާރީވުމުގައި ދައުލަތުގެ މުވައްޒަފުންނާއި ލަފާދިން ފަރާތްތަކާއި ސީދާ ގޮތުންނާއި ނުސީދާ ގޮތުން ޝާމިލުވި މަސްއޫލުވެރީން ޢަމަލުކުރި ގޮތް ތަޙުޤީޤުކުރުމެވެ. އޭގެ އިތުރުން، ޤާނޫނީ އިހުމާލެއް އޮތްތޯ ބަލައި، އިހުމާލެއް ވާނަމަ އެ އިހުމާލުގެ އިންތައް ކަނޑައެޅުމާއި ޒިންމާކުރުވަންޖެހޭ ފަރާތްތަކާ މެދު ފިޔަވަޅު އެޅުމަށް ހުށަހެޅުން ވެސް ކޮމިޝަނުގެ ޒިންމާތަކުގައި ހިމެނެއެވެ. މައްސަލައާ ގުޅޭ ލިޔެކިޔުންތައް ރައްކާކުރެވިފައިވާ ގޮތް ބެލުމާއި، ކުރިއަށް އޮތް ތަނުގައި މިފަދަ ކަމެއް ތަކުރާރުނުވާނެ ގޮތަށް ކަންކަން އިންތިޒާމުކުރުމަށް ލަފާ ހުށަހެޅުން ވެސް މެންޑޭޓުގައި ހިމެނެއެވެ.

ރައީސުލްޖުމްހޫރިއްޔާގެ ޤަރާރު ނަންބަރު 2026/17 ގައިވާ ގޮތުން، ކޮމިޝަނަށް ހަވާލުކޮށްފައިވާ ހުރިހާ މަސައްކަތެއް ފުރިހަމަވެއްޖެ ކަމަށް ރައީސުލްޖުމްހޫރިއްޔާ ކަނޑައަޅުއްވަންދެން ކޮމިޝަން ދެމިއޮންނާނެއެވެ.

ކޮމެންޓް ކުރޭ

އީމެއިލް ނުފެންނާނެއެވެ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް

ނިއުސް ކާސްޓް

އެންމެ ފަހުގެ ޚަބަރުތަކާއި، ސިޔާސީ އަދި އިޖުތިމާޢީ ކަންކަމުގެ އެންމެ ފުރިހަމަ މަޢުލޫމާތު އެންމެ އަވަހަށް ގެނެސްދިނުމަށް ޚާއްޞަކޮށްފައިވާ ވެބްސައިޓެކެވެ. އަޅުގަނޑުމެންގެ މަޤްޞަދަކީ، ހަމަހަމަކަމާއި އިންޞާފުވެރިކަމާއެކު، އިތުބާރު ހުރި ޚަބަރުތައް ކިޔުންތެރިންނާ ހަމައަށް ގެނެސްދިނުމެވެ.

Copyright © 2026 Newscast. All rights reserved.