މައިގަނޑު ބަޔަށް ދާން

ހަބަރު

ސަފާރީ ޑައިވް ޓީމުތަކުގެ ހަމަނުޖެހުން - އިންސާފުވެރި ތަހުގީގަކަށް އެންބީއޭއެމް ގޮވާލައިފި

މޯލްޑިވްސް ލެޖެންޑް ލައިވްއަބޯޑާއި އިންފިނިޓީ އެކްސްގެ ޑައިވިން ޓީމުތަކުގެ މެދުގައި ހިނގި ހަމަނުޖެހުން ވަކި ފަރާތަކަށް ނުޖެހި ތަހުގީގުކުރުމަށް ނެޝަނަލް ބޯޓިން އެސޯސިއޭޝަން އޮފް މޯލްޑިވްސް (އެންބީއޭއެމް) އިން ގޮވާލައިފިއެވެ.

ސަފާރީ ޑައިވް ޓީމުތަކުގެ ހަމަނުޖެހުން - އިންސާފުވެރި ތަހުގީގަކަށް އެންބީއޭއެމް ގޮވާލައިފި

މޯލްޑިވްސް ލެޖެންޑް ލައިވްއަބޯޑާއި އިންފިނިޓީ އެކްސްގެ ޑައިވިން ޓީމުތަކުގެ މެދުގައި ހިނގި ހަމަނުޖެހުން ވަކި ފަރާތަކަށް ނުޖެހި ތަހުގީގުކުރުމަށް ނެޝަނަލް ބޯޓިން އެސޯސިއޭޝަން އޮފް މޯލްޑިވްސް (އެންބީއޭއެމް) އިން ގޮވާލައިފިއެވެ.

މި ހާދިސާގެ ވީޑިއޯތައް މީސްމީޑިއާއާއި ބައިނަލްއަޤުވާމީ މަންސަތަކުގައި ދައުރުވަމުންދާއިރު، އެންބީއޭއެމުން ބުނެފައިވަނީ މިއީ ނާޒުކު އަދި ސީރިއަސް މައްސަލައެއް ކަމަށާއި ފުރިހަމައަށް ތަހުގީގު ކުރެވެންޖެހޭ ކަމަށެވެ. ޤާނޫނާ ޚިލާފު ޢަމަލެއް ނުވަތަ އިހުމާލެއް ފެނިއްޖެނަމަ ރާއްޖޭގެ ޤާނޫނުތަކާ އެއްގޮތަށް ފިޔަވަޅު އެޅެންޖެހޭނެ ކަމަށް ވެސް އެ ޖަމިއްޔާއިން ބުނެފައިވެއެވެ.

މީގެ އިތުރުން ދާއިރާގެ އެތެރޭގައި އެކަކު އަނެކަކަށް ތުހުމަތުކުރުމާއި ގޮތް ނިންމުމުން ދުރުހެލިވުމަށް އެންބީއޭއެމުން ވަނީ އިލްތިމާސްކޮށްފައެވެ. ހަޤީޤަތް އެނގޭނީ ސާބިތު ހެކީގެ މައްޗަށް ބިނާކޮށް ހިންގާ ތަހުގީގަކުން ކަމަށާއި، ވަކިވަކި ފަރުދުންގެ ޢަމަލުތަކާ ހެދި މުޅި ޑައިވިން އަދި ބޯޓިން ދާއިރާގެ އަބުރަށް އުނިކަން ލިބޭ ގޮތަށް ވާހަކަ ދެއްކުމަކީ ބަލައިގަނެވޭނެ ކަމެއް ނޫން ކަމަށް ވެސް އެ ޖަމިއްޔާއިން ބުނެފައިވެއެވެ. މި ހާދިސާގެ ހަޤީޤަތް ހާމަކަން ބޮޑު ގޮތެއްގައި ހޯދުމަށް ފުލުހުންނާއި ޓޫރިޒަމް މިނިސްޓްރީ އަދި ކަމާ ބެހޭ އެންމެހައި އިދާރާތަކަށް އެންބީއޭއެމުން ވަނީ ގޮވާލައިފައެވެ.

އެންބީއޭއެމުން ވަނީ ރާއްޖޭގެ ކަނޑުފަޅުތަކުގައި ބޭރު ފަރާތްތަކުން ވިޔަފާރިކުރާއިރު ދިވެހިންގެ ހަޤީޤީ ބައިވެރިވުމެއް ނެތި ހަމައެކަނި ކުންފުނި ރަޖިސްޓްރީކޮށްގެން ހިންގާ އުޅަނދުތަކާ މެދު ހުރި ކަންބޮޑުވުންތައް ތަކުރާރުކޮށްފައެވެ. އިންފިނިޓީ އެކްސް އަކީ ކުރިން ބޭރުގެ އުޅަނދެއްގެ ގޮތުގައި އޮތުމަށް ފަހު ޤަވާއިދަށް އައި ބަދަލާ އެކު ރާއްޖޭގައި ރަޖިސްޓްރީ ކޮށްފައިވާ ކުންފުންޏަކަށް ބަދަލުކޮށްފައިވާ އުޅަނދެއް ކަމަށާއި، އެ ފަދަ އުޅަނދުތަކުގެ ހަޤީޤީ މިލްކުވެރިކަމާއި އޮޕަރޭޝަނަލް ކޮންޓްރޯލް އޮތް ގޮތް ކަމާ ބެހޭ ފަރާތްތަކުން ބަލައި ފާސްކުރަންޖެހޭ ކަމަށް އެ ޖަމިއްޔާއިން ބުނެފައިވެއެވެ.

އެންބީއޭއެމުން އިތުރަށް ފާހަގަކޮށްފައިވާ ގޮތުގައި، ޓޫރިޒަމް މިނިސްޓްރީގެ ރަސްމީ ދަފްތަރުގައި ގޯލޯ މޯލްޑިވްސް ޕްރައިވެޓް ލިމިޓެޑްގެ ދަށުން ރަޖިސްޓްރީ ކޮށްފައިވާ އިންފިނިޓީ އެކްސްގައި 20 ކޮޓަރިއާއި 40 އެނދު ހުންނަ ކަމަށް ބަޔާންކޮށްފައި ވީ ނަމަވެސް، ލައިވްއަބޯޑް.ކޮމް ފަދަ ވެބްސައިޓްތަކުގައި އިޝްތިހާރުކޮށްފައި ވަނީ 19 ކެބިންއާ އެކު އެންމެ ގިނަވެގެން 30 ފަތުރުވެރިން އުފުލެވޭ ކަމަށެވެ. މި ފަރަގުތައް ސާފުކޮށް، ސަލާމަތީ ޤަވާއިދުތަކަށް ހުރުމަތްތެރިކޮށް ހިތާ ކަން ކަށަވަރުކުރުމަށް ވެސް އެ ޖަމިއްޔާއިން ވަނީ ގޮވާލައިފައެވެ.

ދިވެހި ބޯޓިން ދާއިރާ އަކީ ދިވެހި ވިޔަފާރިވެރިންގެ ބުރަ މަސައްކަތުން ބިނާކޮށްފައިވާ ދާއިރާއެއް ކަމުން، ޤަވާއިދުތަކުގެ ނާޖާއިޒު ފައިދާ ނަގައިގެން ހިންގާ ނުވަތަ ވާދަވެރިކަން ގެއްލޭ ފަދަ ވިޔަފާރިތަކުން ދިވެހި ވިޔަފާރިތައް ހިމާޔަތްކުރަންޖެހޭ ކަމަށް އެންބީއޭއެމުން ބުނެފައިވެއެވެ.

ކޮމެންޓް ކުރޭ

އީމެއިލް ނުފެންނާނެއެވެ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް

ނިއުސް ކާސްޓް

އެންމެ ފަހުގެ ޚަބަރުތަކާއި، ސިޔާސީ އަދި އިޖުތިމާޢީ ކަންކަމުގެ އެންމެ ފުރިހަމަ މަޢުލޫމާތު އެންމެ އަވަހަށް ގެނެސްދިނުމަށް ޚާއްޞަކޮށްފައިވާ ވެބްސައިޓެކެވެ. އަޅުގަނޑުމެންގެ މަޤްޞަދަކީ، ހަމަހަމަކަމާއި އިންޞާފުވެރިކަމާއެކު، އިތުބާރު ހުރި ޚަބަރުތައް ކިޔުންތެރިންނާ ހަމައަށް ގެނެސްދިނުމެވެ.

Copyright © 2026 Newscast. All rights reserved.