ސަރުކާރަށް ދައްކަން ހުރި ބިލްތަކުގެ ފައިސާ ޓެކުހުން އުނިކުރެވޭ ގޮތް ހަދައިފި
ދައުލަތުގެ އިދާރާތަކުންނާއި ސަރުކާރު ހިއްސާވާ ކުންފުނިތަކުން އަމިއްލަ ފަރާތްތަކަށާއި ވިޔަފާރިތަކަށް ދައްކަން ޖެހި ނުދައްކާ ހުރި ފައިސާ، މީރާއަށް ދައްކަން ޖެހޭ ޓެކުހުން އަޅައިކެނޑޭނެ އިންތިޒާމެއް ފިނޭންސް މިނިސްޓްރީން ހަމަޖައްސައިފިއެވެ.
ދައުލަތުގެ އިދާރާތަކުންނާއި ސަރުކާރު ހިއްސާވާ ކުންފުނިތަކުން އަމިއްލަ ފަރާތްތަކަށާއި ވިޔަފާރިތަކަށް ދައްކަން ޖެހި ނުދައްކާ ހުރި ފައިސާ، މީރާއަށް ދައްކަން ޖެހޭ ޓެކުހުން އަޅައިކެނޑޭނެ އިންތިޒާމެއް ފިނޭންސް މިނިސްޓްރީން ހަމަޖައްސައިފިއެވެ.
ފިނޭންސް މިނިސްޓްރީން ނެރުނު ބަޔާނުގައިވާ ގޮތުން، ސަރުކާރުން ލިބެން ޖެހި ނުލިބި ހުރި ފައިސާއެއް އޮތް ފަރާތަކުން، އެ ފައިސާ މޯލްޑިވްސް އިންލަންޑް ރެވެނިއު އޮތޯރިޓީ (މީރާ) އަށް ދައްކަން ޖެހޭ ޓެކުހާ އަޅައިކެނޑުމަށް ބޭނުންވާ ނަމަ، މީރާއަށް ހުށަހެޅުމުން އެކަން ހަމަޖެހޭނެއެވެ.
މި އިންތިޒާމުގެ ދަށުން، ފައިސާ ނުލިބި ހުރި ބިލްތައް ހުށަހެޅި ކުދި އަދި މެދު ފަންތީގެ ވިޔަފާރިތަކަށް ދެ ގޮތަކުން އަޅައިކެނޑޭނެއެވެ. ޓެކުހުގެ ގޮތުގައި ދައްކަން ޖެހޭ އަދަދު، ސަރުކާރުން އެ ފަރާތަށް ދައްކަން ޖެހޭ ފައިސާއަށް ވުރެ ބޮޑު ނަމަ، ސަރުކާރުގެ ދަރަނި އުނިކޮށް ބާކީ ޓެކުހުގެ ގޮތުގައި އެ ފަރާތުން މީރާއަށް ދައްކަން ޖެހޭނެއެވެ. ޓެކުހުގެ އަދަދު ކުޑަ ނަމަ، ޓެކުސް އުނިކުރުމަށް ފަހު ބާކީ ފައިސާ ސަރުކާރުން އެ ވިޔަފާރިއަކަށް ދައްކައި ޚަލާސްކުރާނެ ކަމަށް އެ މިނިސްޓްރީން ބުނެފައިވެއެވެ.
ފައިސާ އަޅައިކެނޑުމަށް އެދި ހުށަހަޅާ އިރު، ފައިސާގެ ތަފްސީލާ އެކު މީރާއިން ކަނޑައަޅާފައިވާ އުސޫލުތަކާ އެއްގޮތަށް ހުށަހެޅުމަށް ސަމާލުކަން ދޭން ޖެހޭނެ ކަމަށް ފިނޭންސް މިނިސްޓްރީން ބުނެފައިވެއެވެ. ވިޔަފާރިތަކަށް ކުރިމަތިވެފައިވާ މާލީ ދަތިތަކަށް ލުޔެއް ހޯދައިދިނުމަށް އެޅި ފިޔަވަޅެއް ކަމަށް އެ މިނިސްޓްރީން ސިފަކޮށްފައިވެއެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް