ނަފްސާނީ ދުޅަހެޔޮކަމާ ބެހޭ ސާކް ކޮންފަރެންސް މާލޭގައި ފަށައިފި
ދިވެހިރާއްޖޭގެ ޤައުމީ ޔުނިވަރސިޓީ (އެމްއެންޔޫ) އިން އިންތިޒާމުކޮށްގެން، ސާކް ސައިކިއޭޓްރިކް ފެޑެރޭޝަންގެ 16 ވަނަ ބައިނަލްއަޤުވާމީ ކޮންފަރެންސް މާލޭގައި ރަސްމީކޮށް ފަށައިފިއެވެ.
ދިވެހިރާއްޖޭގެ ޤައުމީ ޔުނިވަރސިޓީ (އެމްއެންޔޫ) އިން އިންތިޒާމުކޮށްގެން، ސާކް ސައިކިއޭޓްރިކް ފެޑެރޭޝަންގެ 16 ވަނަ ބައިނަލްއަޤުވާމީ ކޮންފަރެންސް މާލޭގައި ރަސްމީކޮށް ފަށައިފިއެވެ.
ނޮވެމްބަރު މަހުގެ 1 އިން 2 އަށް ކުރިއަށްގެންދާ މި ކޮންފަރެންސް ހުޅުވުމުގެ ރަސްމިއްޔާތު ޝަރަފުވެރިކޮށްދެއްވީ ރައީސުލްޖުމްހޫރިއްޔާގެ އަނބިކަނބަލުން މެޑަމް ސާޖިދާ މުޙައްމަދެވެ. މި ބައްދަލުވުމަކީ ދެކުނު އޭޝިއާ ސަރަޙައްދުގެ ނަފްސާނީ ބަލިތަކާ ބެހޭ ޑޮކްޓަރުންނާއި ދިރާސާވެރިންނާއި އެކަޑަމިކް މާހިރުން އެއް ތަނަކަށް ޖަމާވެ، ތަޖުރިބާ ޙިއްޞާކޮށް، ނަފްސާނީ ޞިއްޙަތުގެ ޚިދުމަތް ހަރުދަނާކުރުމަށް ބާއްވާ ބައްދަލުވުމެކެވެ.
އެމްއެންޔޫގެ ނޫސް ބަޔާނުގައިވާ ގޮތުން، ކޮންފަރެންސްގައި ކީނޯޓް ދަރުސްތަކާއި ސިމްޕޯޒިއަމްތަކާއި ވޯކްޝޮޕްތަކުގެ އިތުރުން ދިރާސީ ކަރުދާސްތައް ހުށަހެޅުން ކުރިއަށްދާނެއެވެ. އެގޮތުން މޫސުމީ ބަދަލުތަކާ ނަފްސާނީ ދުޅަހެޔޮކަމާ ހުރި ގުޅުމާއި، ހަމަހަމަ ނަފްސާނީ ފަރުވާއާއި، ސްކޫލް މާޙައުލުގައި ދެވޭ ޞިއްޙީ ޚިދުމަތްތަކާއި، ނިއުރޯސައިކިއޭޓްރީ އާއި "ޖެނެރޭޝަން ޒެޑް" އަށް ކުރިމަތިވާ ނަފްސާނީ ގޮންޖެހުންތަކާ ގުޅޭ ގޮތުން ފުޅާ ދާއިރާއެއްގައި މަޝްވަރާކުރުމަށް ވަނީ ހަމަޖެހިފައެވެ.
ފުރަތަމަ ދުވަހު ބޭއްވި ސިމްޕޯޒިއަމްގައި ރާއްޖެ، ބަންގްލަދޭޝް، އިންޑިއާ، ނޭޕާލް، ޕާކިސްތާން އަދި ސްރީލަންކާއިން ބައިވެރިވެފައިވެއެވެ. ރާއްޖޭގެ ފަރާތުން ކަރުދާސް ހުށަހަޅުއްވައިދެއްވާނީ ޑރ. ޢާރިފް މުޙައްމަދު އަދި ޑރ. ޢަބްދުﷲ ނާޡިމެވެ. މީގެ އިތުރުން ނަފްސާނީ ބަލިތަކާ މެދު މުޖުތަމަޢުގައި އޮންނަ ނުރަނގަޅު ވިސްނުންތަކާ ގުޅޭ ސެޝަންތައް ވެސް ކުރިއަށްދާނެއެވެ.
ދެވަނަ ދުވަހުގެ ސެޝަންތަކުގައި ޒަމާނީ ފަރުވާގެ ގޮތްތަކާއި، ރިޕެޓިޓިވް ޓްރާންސްކްރޭނިއަލް މެގްނެޓިކް ސްޓިމިއުލޭޝަން (އާރު-ޓީއެމްއެސް) އާއި، މަސްތުވާތަކެތީގެ މައްސަލަތަކާއި، މާބަނޑު ދުވަސްވަރު ދެވޭ ނަފްސާނީ ބޭސްތަކާއި، ދޮށީ ޢުމުރުގެ މީހުންގެ ޑިޕްރެޝަނާއި، ސިޔާސީ ހަމަނުޖެހުންތަކާއި ކާރިސާތަކުގެ ނަފްސާނީ އަސަރުތަކަށް އަލިއަޅުވައިލާނެއެވެ. ޖިންސީ ދުޅަހެޔޮކަމާއި ކައިވެނީގެ ގުޅުންތަކާ ބެހޭ ޚާއްޞަ ވޯކްޝޮޕްތައް ވެސް ބޭއްވުމަށް ވަނީ ތާވަލުކޮށްފައެވެ.
މި ކޮންފަރެންސްގެ މައިގަނޑު މަޤުޞަދަކީ ދެކުނު އޭޝިއާ ސަރަޙައްދުގައި އެކަޑަމިކް ގުޅުން ބަދަހިކޮށް، ހެކީގެ މައްޗަށް ބިނާވެފައިވާ ފަރުވާގެ ނިޒާމުތައް ކުރިއެރުވުމާ އެކު، އެންމެންނަށް ލިބޭނެ އޯގާތެރި ނަފްސާނީ ފަރުވާ ކަށަވަރުކުރުމެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް