އާރަށް މައްސަލައިގައި ފޯން ރެކޯޑިންތަކާ ގުޅޭ އިސްތިއުނާފް ހައިކޯޓުން ބޭރުކޮށްލައިފި
ވ. އާރަށް ކުއްޔަށް ދިން މުޢާމަލާތާ ގުޅިގެން ކުރީގެ ރައީސް ޢަބްދުﷲ ޔާމީން ޢަބްދުލްޤައްޔޫމުގެ މައްޗަށް ކުރާ ދައުވާގައި ހެކީގެ ގޮތުގައި ހުށަހެޅި ފޯން ކޯލް ރެކޯޑިންތައް ބަލައިގަންނަން ކްރިމިނަލް ކޯޓުން ނިންމި ނިންމުން އިސްތިއުނާފު ކުރައްވަން ރައީސް ޔާމީންގެ ފަރާތްޕުޅުން ހައިކޯޓަށް ހުށަހެޅުއްވި މައްސަލަ
ވ. އާރަށް ކުއްޔަށް ދިން މުޢާމަލާތާ ގުޅިގެން ކުރީގެ ރައީސް ޢަބްދުﷲ ޔާމީން ޢަބްދުލްޤައްޔޫމުގެ މައްޗަށް ކުރާ ދައުވާގައި ހެކީގެ ގޮތުގައި ހުށަހެޅި ފޯން ކޯލް ރެކޯޑިންތައް ބަލައިގަންނަން ކްރިމިނަލް ކޯޓުން ނިންމި ނިންމުން އިސްތިއުނާފު ކުރައްވަން ރައީސް ޔާމީންގެ ފަރާތްޕުޅުން ހައިކޯޓަށް ހުށަހެޅުއްވި މައްސަލަ އެ ކޯޓުން ބަލައިނުގަންނަން ނިންމައިފިއެވެ.
ރިޝްވަތު ހިފުމާއި މަނީ ލޯންޑަރިންގެ ތުހުމަތުގައި ދައުލަތުން އުފުލާފައިވާ މި ދައުވާގައި، ޕްރޮސެކިއުޓާ ޖެނެރަލް (ޕީޖީ) ގެ ފަރާތުން ވަނީ ރައީސް ޔާމީންގެ ފޯން ކޯލްތަކެއް ކަމަށް ބުނާ އޯޑިއޯ ރެކޯޑިންތަކެއް ހެކީގެ ގޮތުގައި ކޯޓަށް ހުށަހަޅައިފައެވެ. ޝަރީޢަތުގެ ކުރީގެ ހުށަހެޅުމެއްގެ ގޮތުގައި ރައީސް ޔާމީންގެ ދިފާޢީ ވަކީލުން އެ ރެކޯޑިންތައް ޝަރީޢަތަށް ބަލައިނުގަތުމަށް އެދިވަޑައިގެންނެވި ނަމަވެސް، މައްސަލަ ބައްލަވާ ގާޒީ ނިންމެވީ އެ އޯޑިއޯތައް ހެކީގެ ގޮތުގައި ބަލައިގަތުމަށެވެ.
އެ ނިންމެވުން ބާޠިލުކޮށްދެއްވުމަށާއި މި ކަމުގައި އުސޫލުތަކެއް ކަނޑައަޅައިދެއްވުމަށް އެދިވަޑައިގެން ރައީސް ޔާމީންގެ ފަރާތްޕުޅުން ހައިކޯޓުގައި އިސްތިއުނާފު ކުރެއްވީ މިދިޔަ އޮކްޓޫބަރު މަހުގެ 28 ވަނަ ދުވަހުއެވެ. ނަމަވެސް ހައިކޯޓުގެ ރަޖިސްޓްރާ ވަނީ އެ މައްސަލަ ބަލައިނުގަތުމަށް ނިންމަވައިފައެވެ. ހައިކޯޓުގެ ގަވާއިދު ބަޔާންކުރާ ގޮތުން، ރަޖިސްޓްރާގެ މިފަދަ ނިންމެވުމެއް މުރާޖަޢާ ކޮށްދެއްވުމަށް އެދި އެ ކޯޓުގެ ފަނޑިޔާރުންގެ މަޖިލީހަށް ހުށަހެޅުއްވުމުގެ ޙައްޤު ރައީސް ޔާމީނަށް ލިބިވަޑައިގަންނަވައެވެ.
މި މައްސަލައިގެ ޝަރީޢަތުގައި ކްރިމިނަލް ކޯޓުން ވަނީ ރައީސް ޔާމީންގެ ދިފާޢީ ހެކިތަކާއި ދައުލަތުން ހުށަހެޅި ކުރީގެ ނައިބު ރައީސް އަޙުމަދު އަދީބާއި އެމްއެމްޕީއާރުސީގެ ކުރީގެ މެނޭޖިން ޑިރެކްޓަރު ޢަބްދުﷲ ޒިޔަތުގެ ހެކިބަސް ބަލައިގަންނަން ނިންމައިފައެވެ. ދައުލަތުން ހުށަހެޅި 21 ހެކީންގެ ތެރެއިން އަޙުމަދު ނާޒިމު ފިޔަވައި އެހެން ހުރިހާ ހެކީން ބަލައިގަތުމަށް ވެސް އެ ކޯޓުން ނިންމައިފައިވާ އިރު، އެއް ޢަމަލަކަށް ދެ ވަނަ ފަހަރަށް ދައުވާ ކުރާތީ އެ ކަން ހުއްޓުވައިދެއްވުމަށް ދިފާޢުން އެދުނު އެދުން ވެސް ޝަރީޢަތަށް ބަލައިނުގަތުމަށް ކްރިމިނަލް ކޯޓުން ވަނީ ނިންމައިފައެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް