ރީކޯ މޫސަގެ ލޯނަށް ފައިސާ ނުދެއްކުމުން ތިން ރަށެއް ވިއްކާލަން ހުއްދަދީފި
ބީއެމްއެލްއިން ނެގި ލޯނަކަށް ފައިސާ ނުދެއްކުމާ ގުޅިގެން، އެމްޑީޕީގެ ކުރީގެ ޗެއާޕާސަން ރީކޯ މޫސާ މަނިކުގެ ފަރާތުން ރަހުނުކޮށްފައިވާ ތިން ރަށެއް ވިއްކާލުމުގެ ހުއްދަ ސިވިލް ކޯޓުން ބީއެމްއެލްއަށް ދީފިއެވެ.
ބީއެމްއެލްއިން ނެގި ލޯނަކަށް ފައިސާ ނުދެއްކުމާ ގުޅިގެން، އެމްޑީޕީގެ ކުރީގެ ޗެއާޕާސަން ރީކޯ މޫސާ މަނިކުގެ ފަރާތުން ރަހުނުކޮށްފައިވާ ތިން ރަށެއް ވިއްކާލުމުގެ ހުއްދަ ސިވިލް ކޯޓުން ބީއެމްއެލްއަށް ދީފިއެވެ.
މިދިޔަ އޮކްޓޫބަރު މަހުގެ 28 ވަނަ ދުވަހު ގާޒީ ރިޒްމީނާ އިދުރީސް ނެރުއްވި މި އަމުރުގައިވާ ގޮތުން، ކުރިން ކޮށްފައިވާ ޙުކުމާ އެއްގޮތަށް ދަރަނީގެ ފައިސާ ދައްކާފައި ނުވާތީ، ރަހުނުކޮށްފައިވާ ރަށްތައް ވިއްކާލުމުގެ ހައްގު ބޭންކަށް ލިބިގެންދެއެވެ. ރަހުނު ބެހެއްޓި ފަރާތްތަކުގެ ތެރޭގައި ރީކޯ މޫސާ މަނިކުގެ ހެވީ ލޯޑް މޯލްޑިވްސްގެ އިތުރުން އޭނާގެ ދެ ދަރިން ކަމުގައިވާ މުދުރިކަތު މޫސާ އާއި ބުޝައިނަތު މޫސާ ހިމެނެއެވެ. ރަށްތައް ވިއްކާލުމަށް ބޭންކުން ކޯޓުގައި އެދުމުން، އެއްވެސް ފަރާތަކުން އެކަމާ އިއުތިރާޒެއް ހުށަހަޅާފައެއް ނުވެއެވެ.
2020 ވަނަ އަހަރުގެ ޖުލައި މަހު ދަރަނި ދެއްކުމަށް ކޯޓުން ޙުކުމްކޮށްފައި ވީ ނަމަވެސް، ހެވީ ލޯޑުން އެ ފައިސާ ދައްކާފައެއް ނުވެއެވެ. ނުދައްކައި އޮތް ފައިސާގެ ޖުމްލަ އަދަދަކީ 29.5 މިލިއަން ޑޮލަރެވެ. މި މައްސަލައިގައި ހިމެނެނީ ލ. ފަރެހާއި އެ ރަށުގައި ތަރައްޤީ ކުރަމުންދާ ރިސޯޓާއި ލ. ބޮޑުހުރާ އަދި ލ. ކުޑަފަހެރެހުގެ ހެޑްލީސް ރައިޓްސްއެވެ.
ކޯޓު އަމުރުގައިވާ ގޮތުން ކުރިއަށް އޮތް ތިން މަސް ދުވަހުގެ ތެރޭގައި ރަށްތައް ވިއްކާލުމުގެ ފުރުސަތު ބޭންކަށް ލިބެއެވެ. ފުރަތަމަ މަހުގެ އަގަކީ 46.6 މިލިއަން ޑޮލަރެވެ. ދެވަނަ މަހު 40.8 މިލިއަން ޑޮލަރަށް އަގު ތިރިވާއިރު، ފުރަތަމަ ދެ މަހު ނުވިކިއްޖެ ނަމަ ތިންވަނަ މަހު 38.7 މިލިއަން ޑޮލަރަށް ވިއްކާލެވޭނެއެވެ.
ރަށްތައް ވިކިއްޖެ ނަމަ ލިބޭ ފައިސާ 10 ދުވަހުގެ ތެރޭގައި ކޯޓަށް ޖަމާކުރަން ޖެހޭނެ ކަމަށް އަމުރުގައި ބަޔާންކޮށްފައިވެއެވެ. ހަމައެއާއެކު ތިން މަސް ދުވަހުގެ މުއްދަތުގައި ރަށްތައް ނުވިކުނު ކަމުގައި ވިޔަސް، މުއްދަތު ހަމަވާތާ 10 ދުވަހުގެ ތެރޭގައި އެކަން ކޯޓަށް ރަސްމީކޮށް އެންގުން ލާޒިމުވެއެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް