ޔުނެސްކޯގެ ދެ މުއާހަދާއެއްގައި ބައިވެރިވުމަށް ކެބިނެޓުން ނިންމައިފި
މަތީ ތަޢުލީމުގެ ސަނަދުތައް ބައިނަލްއަޤުވާމީ ފެންވަރުގައި ބަލައިގަތުމާ ގުޅޭ ޔުނެސްކޯގެ ދެ މުއާހަދާއެއްގައި ރާއްޖެއިން ބައިވެރިވުމަށް ވަޒީރުންގެ މަޖިލީހުން ނިންމައިފިއެވެ.
މަތީ ތަޢުލީމުގެ ސަނަދުތައް ބައިނަލްއަޤުވާމީ ފެންވަރުގައި ބަލައިގަތުމާ ގުޅޭ ޔުނެސްކޯގެ ދެ މުއާހަދާއެއްގައި ރާއްޖެއިން ބައިވެރިވުމަށް ވަޒީރުންގެ މަޖިލީހުން ނިންމައިފިއެވެ.
މި ނިންމުން ނިންމީ މި މަހުގެ އެއް ވަނަ ދުވަހު ބޭއްވި ކެބިނެޓް ބައްދަލުވުމުގައި، މިނިސްޓްރީ އޮފް އެޑިޔުކޭޝަން، ހަޔަރ އެޑިޔުކޭޝަން އެންޑް ސްކިލްސް ޑިވެލޮޕްމަންޓުން ހުށަހެޅި ކަރުދާހަކަށް މަޝްވަރާ ކުރެއްވުމަށް ފަހުގައެވެ. އެ ދެ މުއާހަދާއަކީ ޓޯކިޔޯ ކޮންވެންޝަންގެ ނަމުން މަޝްހޫރު "އޭޝިއާ ޕެސިފިކް ރީޖަނަލް ކޮންވެންޝަން އޮން ދަ ރިކޮގްނިޝަން އޮފް ކޮލިފިކޭޝަންސް އިން ހަޔަރ އެޑިއުކޭޝަން" އާއި ޔުނެސްކޯގެ "ގްލޯބަލް ކޮންވެންޝަން އޮން ދަ ރިކޮގްނިޝަން އޮފް ކޮލިފިކޭޝަންސް ކޮންސަރނިންގ ހަޔަރ އެޑިއުކޭޝަން" އެވެ.
ޤާނޫނުއަސާސީގެ 93 ވަނަ މާއްދާގެ (ހ) ގެ ދަށުން މިފަދަ މުއާހަދާތަކުގައި ބައިވެރިވުމަށް ރައްޔިތުންގެ މަޖިލީހުގެ ރުހުން ބޭނުންވާތީ، އެ ރުހުން ހޯދުމަށް ހުށަހެޅުއްވުމަށް ރައީސް ޑރ. މުޙައްމަދު މުޢިއްޒު ވަނީ ނިންމަވައިފައެވެ.
މި ދެ މުއާހަދާއާ ގުޅޭ ގޮތުން ޔުނެސްކޯއިން ވަނީ ޤައުމީ އެސެސްމަންޓެއް ތައްޔާރުކޮށްފައެވެ. އެއާ އެކު، ޔުނެސްކޯއާއި މޯލްޑިވްސް ކޮލިފިކޭޝަންސް އޮތޯރިޓީ ގުޅިގެން ކަމާ ގުޅޭ ފަރާތްތަކުގެ ޚިޔާލު ހޯދުމުގެ މިޝަނެއް ކުރިއަށް ގެންގޮސް، ދާއިރާގެ ފޯކަސް ގްރޫޕް ބައްދަލުވުންތަކެއް ވެސް ބާއްވާފައިވެއެވެ.
އެ އެސެސްމަންޓް ރިޕޯޓުގައި ފާހަގަކޮށްފައިވާ ގޮތުގައި، މި މުއާހަދާތަކުގައި ބައިވެރިވެއްޖެ ނަމަ ރާއްޖޭގެ މަތީ ތަޢުލީމުގެ ނިޒާމު ބައިނަލްއަޤުވާމީ ފެންވަރަށް ގެންދިއުމަށް ފަސޭހަވެ، ބޭރުގެ ދަރިވަރުންނާއި މުވައްޒަފުން ރާއްޖެ އައުމަށް މަގު ތަނަވަސްވެ، ބޭރުން ކިޔެވުމަށް ފަހު ދިވެހި ދަރިވަރުން ބައިނަލްއަޤުވާމީ ސަނަދާ އެކު އެނބުރި އައުމުގެ ފުރުޞަތު ފަހިވެގެންދާނެއެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް