މައިގަނޑު ބަޔަށް ދާން

ހަބަރު

ދިއްފުށީފަޅު ޙާމިދު އިސްމާޢީލަށް އަނބުރާ ދޭން ހައިކޯޓުން އަމުރުކޮށްފި

ކ. ދިއްފުށީފަޅު ކުއްޔަށް ދިނުމުގެ އެއްބަސްވުން ސަރުކާރުން ބާތިލްކުރީ ޤާނޫނާ ޚިލާފަށް ކަމަށް ކަނޑައަޅައި، އެ ފަޅު އޭގެ ޙައްޤުވެރި ފަރާތް ކަމުގައިވާ ވިޔަފާރިވެރިޔާ ޙާމިދު އިސްމާޢީލާ އަނބުރާ ޙަވާލުކުރުމަށް ހައިކޯޓުން ޙުކުމްކޮށްފިއެވެ.

ދިއްފުށީފަޅު ޙާމިދު އިސްމާޢީލަށް އަނބުރާ ދޭން ހައިކޯޓުން އަމުރުކޮށްފި

ކ. ދިއްފުށީފަޅު ކުއްޔަށް ދިނުމުގެ އެއްބަސްވުން ސަރުކާރުން ބާތިލްކުރީ ޤާނޫނާ ޚިލާފަށް ކަމަށް ކަނޑައަޅައި، އެ ފަޅު އޭގެ ޙައްޤުވެރި ފަރާތް ކަމުގައިވާ ވިޔަފާރިވެރިޔާ ޙާމިދު އިސްމާޢީލާ އަނބުރާ ޙަވާލުކުރުމަށް ހައިކޯޓުން ޙުކުމްކޮށްފިއެވެ.

ފަތުރުވެރިކަމުގެ ބޭނުމަށް 50 އަހަރަށް ދިއްފުށީފަޅު ޙާމިދަށް ކުއްޔަށް ދޫކުރީ 2015 ވަނަ އަހަރުއެވެ. އެއީ ކުރިން ޑީޑް އޮފް އެސައިންމެންޓެއްގެ ދަށުން އޭނާއަށް ލިބިފައި އޮތް ކ. ކާށިދުއްފަރު ފަޅުގެ ބަދަލުގައެވެ. ނަމަވެސް 2017 ވަނަ އަހަރު ސަރުކާރުން އެ އެއްބަސްވުން ބާތިލްކޮށް، 2018 ވަނަ އަހަރު އެ ފަޅު އެހެން ފަރާތަކަށް ކުއްޔަށް ދީފައިވެއެވެ.

ޙާމިދުގެ ފަރާތުން ސިވިލް ކޯޓަށް މައްސަލަ ހުށަހެޅުމުން، އެ ކޯޓުން ނިންމީ ސަރުކާރުން އެއްބަސްވުން ބާތިލްކޮށްފައިވަނީ ޤާނޫނާ އެއްގޮތަށް ކަމަށެވެ. އެ ޙުކުމް ހައިކޯޓުގައި އިސްތިއުނާފު ކުރުމުން، މިދިޔަ ބުރާސްފަތި ދުވަހު އެ ކޯޓުން ކުރި ޙުކުމުގައި ބުނެފައިވަނީ 2015 ގެ އެއްބަސްވުމުގެ ސަބަބުން ކުރީގެ ހުރިހާ އެއްބަސްވުމެއް ބާތިލްވެފައިވާ ކަމަށެވެ. އެހެންކަމުން ކުރީގެ އެއްބަސްވުންތަކަށް ރިޢާޔަތްކޮށް މިހާރުގެ އެއްބަސްވުން ބާތިލްކުރި ކަމުގެ ނޯޓިސް ސަރުކާރަށް ނުފޮނުވޭނެ ކަމަށާއި، ޤާނޫނީ ގޮތުން ދެމިއޮތީ 2015 ގެ އެއްބަސްވުން ކަމަށް ހައިކޯޓުން ކަނޑައެޅިއެވެ.

އެ ޙުކުމުގައި އިތުރަށް ފާހަގަކޮށްފައިވާ ގޮތުގައި، ޙާމިދު އެ މަޝްރޫޢަށް ބޮޑެތި ޚަރަދުތަކެއް ކޮށްފައިވާތީ، ފަޅު އޭނާއަށް އަނބުރާ ނުދީފިނަމަ ދައުލަތުން ދައްކަންޖެހޭ ބަދަލުގެ މިންވަރު އިންތިހާއަށް ބޮޑުވެދާނެ ކަމަށެވެ. ސަރުކާރުން ފޮނުވި ބާތިލްކުރުމުގެ ނޯޓިހަކީ ޞައްޙަ ނޫން ބާތިލް ނޯޓިހެއް ކަމަށް ވެސް ހައިކޯޓުން ނިންމިއެވެ.

މި މައްސަލަ ބެއްލެވި ބެންޗުގައި ތިއްބެވީ ފަނޑިޔާރު ޙަސަން ޝަފީޢު، އިސްފަނޑިޔާރު ޢަބްދުﷲ ޖަމީލް މޫސާ އަދި ފަނޑިޔާރު މުޙައްމަދު ޝަނީޒް ޢަބްދުﷲ އެވެ. ބެންޗުގެ ރިޔާސަތު ބެލެހެއްޓެވި ފަނޑިޔާރު ޙަސަން ޝަފީޢުގެ ރައުޔަކީ ސިވިލް ކޯޓުގެ ޙުކުމް ދެމެހެއްޓުން ކަމަށް ވީ ނަމަވެސް، އަނެއް ދެ ފަނޑިޔާރުންގެ އަޣުލަބިއްޔަތުން މައްސަލަ ނިމުނީ ޙާމިދާ އެއްކޮޅަށެވެ.

ކޮމެންޓް ކުރޭ

އީމެއިލް ނުފެންނާނެއެވެ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް

ނިއުސް ކާސްޓް

އެންމެ ފަހުގެ ޚަބަރުތަކާއި، ސިޔާސީ އަދި އިޖުތިމާޢީ ކަންކަމުގެ އެންމެ ފުރިހަމަ މަޢުލޫމާތު އެންމެ އަވަހަށް ގެނެސްދިނުމަށް ޚާއްޞަކޮށްފައިވާ ވެބްސައިޓެކެވެ. އަޅުގަނޑުމެންގެ މަޤްޞަދަކީ، ހަމަހަމަކަމާއި އިންޞާފުވެރިކަމާއެކު، އިތުބާރު ހުރި ޚަބަރުތައް ކިޔުންތެރިންނާ ހަމައަށް ގެނެސްދިނުމެވެ.

Copyright © 2026 Newscast. All rights reserved.