މައިގަނޑު ބަޔަށް ދާން

ހަބަރު

ޑްރޯންތަކަކީ ކޯސްޓްގާޑަށް ލިބުނު ބޮޑު ކުރިއެރުމެއް: ޗީފް އޮފް ޑިފެންސް ފޯސް

ނަޞްރުގެ ދުވަހާ ގުޅުވައިގެން ބޭއްވި ސިފައިންގެ ހެވިކަމުގެ ހަރަކާތްތައް ފެށުމުގެ ރަސްމިއްޔާތުގައި ވާހަކަދައްކަވަމުން، ވައިގެ ސަރަހައްދު ބެލެހެއްޓުމަށް އަލަށް ގެނައި ޑްރޯން (ޔޫއޭވީ) ތަކަކީ އެމްއެންޑީއެފްގެ ކޯސްޓްގާޑަށް ލިބުނު ވަރަށް ބޮޑު ކުރިއެރުމެއް ކަމަށް ޗީފް އޮފް ޑިފެންސް ފޯސް މޭޖަރ ޖެނެރަލް އިބްރ

ޑްރޯންތަކަކީ ކޯސްޓްގާޑަށް ލިބުނު ބޮޑު ކުރިއެރުމެއް: ޗީފް އޮފް ޑިފެންސް ފޯސް

ނަޞްރުގެ ދުވަހާ ގުޅުވައިގެން ބޭއްވި ސިފައިންގެ ހެވިކަމުގެ ހަރަކާތްތައް ފެށުމުގެ ރަސްމިއްޔާތުގައި ވާހަކަދައްކަވަމުން، ވައިގެ ސަރަހައްދު ބެލެހެއްޓުމަށް އަލަށް ގެނައި ޑްރޯން (ޔޫއޭވީ) ތަކަކީ އެމްއެންޑީއެފްގެ ކޯސްޓްގާޑަށް ލިބުނު ވަރަށް ބޮޑު ކުރިއެރުމެއް ކަމަށް ޗީފް އޮފް ޑިފެންސް ފޯސް މޭޖަރ ޖެނެރަލް އިބްރާހީމް ޙިލްމީ ވިދާޅުވެއްޖެއެވެ.

ޗީފް އޮފް ޑިފެންސް ފޯސް ވިދާޅުވީ ރައީސް ޑރ. މުޙައްމަދު މުޢިއްޒުގެ ދައުރަކީ ދިވެހި އަސްކަރިއްޔާ ތަރައްޤީ ކުރުމަށް އެންމެ ގިނަ މަސައްކަތްތައް ކޮށް، އެންމެ ބޮޑު ހޭދައެއް ކުރަމުންދާ ދައުރު ކަމަށެވެ. ސިފައިންގެ ހުރިހާ ދާއިރާއެއް ކުރިއެރުވުމުގެ ސިޔާސަތުގެ ދަށުން ވެރިކަމާ ހަވާލުވެވަޑައިގެންނެވި ފަހުން 806 ޒުވާނުންނަށް އަސްކަރިއްޔާގެ ވަޒީފާގެ ފުރުޞަތު ދެއްވާފައިވާ ކަމަށް ވިދާޅުވިއެވެ.

ސިފައިންގެ ބޯހިޔާވަހިކަމާ ގުޅޭ ގޮތުން ވާހަކަދައްކަވަމުން ވިދާޅުވީ، ކަޅުތުއްކަލާކޮށީގައި 15 ބުރީގެ ޢިމާރާތެއް އެޅުމަށް ކޮންޓްރެކްޓަރާ އެކު ސޮއިކޮށްފައިވާ ކަމަށެވެ. އެ މަޝްރޫޢުގެ ސަބަބުން މާލެ ސަރަހައްދުގެ ސިފައިންގެ މަރުކަޒުތަކަށް ދިމާވެފައިވާ ޖާގައިގެ ދަތިކަމަށް ދާއިމީ ޙައްލެއް ލިބޭނެ ކަމަށް ވިދާޅުވިއެވެ. އޭގެ އިތުރުން "ބަނޑޭރިކޮށި 1" ތަރައްޤީ ކުރުމުގެ ޢަމަލީ މަސައްކަތް ވެސް ވަރަށް އަވަހަށް ފެށޭނެ ކަމަށް ވިދާޅުވިއެވެ.

ދިފާޢީ ޤާބިލުކަން އިތުރުކުރުމާ ގުޅޭ ގޮތުން ވިދާޅުވީ، އޭރިއާ ކޮމާންޑްތަކުގެ ކަނޑުމަތީ ޙަރަކާތްތެރިކަން ހަރުދަނާކޮށް، އައްސޭރިފަށް ބެލެހެއްޓުމުގެ ޤާބިލުކަން އިތުރުކުރުމަށް ރާވާފައިވާ ކަމަށެވެ. ސްޕެޝަލް ފޯސަސް (އެސްއެފް)، މެރިންސް، ސްޕެޝަލް އޮޕަރޭޝަންސް ގްރޫޕް (އެސްއޯޖީ) އަދި ކޯސްޓްގާޑުގެ ސްޕެޝަލް ބޯޓް ސްކޮޑްރަންގެ އޮޕަރޭޝަންތަކަށް ބޭނުންވާ ލޭންޑިންގ ކްރާފްޓާއި ރިޖިޑް ހަލް އިންފްލޭޓަބަލް ބޯޓު ކުރިއަށް އޮތް އަހަރުތަކުގައި ލިބޭނެ ކަމަށް ވިދާޅުވިއެވެ.

ރައީސްގެ އަސްކަރީ ސިޔާސަތު މައިގަނޑު ގޮތެއްގައި ބިނާވެފައި އޮތީ ރާއްޖޭގެ މިނިވަންކަން ދިފާޢުކުރުމާއި، ރާއްޖޭގެ ސަރަހައްދު އަމިއްލައަށް ބެލެހެއްޓުމުގެ ފުރިހަމަ ޤާބިލުކަން އެމްއެންޑީއެފްގައި ޤާއިމުކުރުމަށް ކަމަށް ޗީފް ވިދާޅުވިއެވެ. މިހާރު ވެސް ރާއްޖޭގެ އިޤުތިޞާދީ ސަރަހައްދު ބެލެހެއްޓުމުގައި އެންމެ މުހިންމު ދައުރެއް އަދާކުރާ އެއް ބަޔަކީ އެއާ ކޯ ކަމަށް ވާއިރު، ނުގަވައިދުން އެ ސަރަހައްދަށް ވަންނަ އުޅަނދުތައް ދެނެގަތުމުގެ ޤާބިލުކަން ވަރަށް ބޮޑަށް އިތުރުވެފައިވެއެވެ.

ކޮމެންޓް ކުރޭ

އީމެއިލް ނުފެންނާނެއެވެ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް

ނިއުސް ކާސްޓް

އެންމެ ފަހުގެ ޚަބަރުތަކާއި، ސިޔާސީ އަދި އިޖުތިމާޢީ ކަންކަމުގެ އެންމެ ފުރިހަމަ މަޢުލޫމާތު އެންމެ އަވަހަށް ގެނެސްދިނުމަށް ޚާއްޞަކޮށްފައިވާ ވެބްސައިޓެކެވެ. އަޅުގަނޑުމެންގެ މަޤްޞަދަކީ، ހަމަހަމަކަމާއި އިންޞާފުވެރިކަމާއެކު، އިތުބާރު ހުރި ޚަބަރުތައް ކިޔުންތެރިންނާ ހަމައަށް ގެނެސްދިނުމެވެ.

Copyright © 2026 Newscast. All rights reserved.