ޤައުމީ ރުކުނަކަށް އުނިކަން އަންނާނެ ކަމެއް ނުކުރާނަން: ރައީސް
38 ވަނަ ނަސްރުގެ ދުވަހުގެ ޖަލްސާގައި ވާހަކަފުޅު ދައްކަވަމުން، ދިވެހި ޤައުމީ ބަހާތަކަށް ރައްކާތެރިކަން ކަށަވަރުކޮށްދެއްވުމަކީ އެމަނިކުފާނުގެ ކޮންމެ ނިންމެވުމެއްގެ އަސާސް ކަމުގައި ރައީސް ޑރ. މުޙައްމަދު މުޢިއްޒު ވިދާޅުވެއްޖެއެވެ.
38 ވަނަ ނަސްރުގެ ދުވަހުގެ ޖަލްސާގައި ވާހަކަފުޅު ދައްކަވަމުން، ދިވެހި ޤައުމީ ބަހާތަކަށް ރައްކާތެރިކަން ކަށަވަރުކޮށްދެއްވުމަކީ އެމަނިކުފާނުގެ ކޮންމެ ނިންމެވުމެއްގެ އަސާސް ކަމުގައި ރައީސް ޑރ. މުޙައްމަދު މުޢިއްޒު ވިދާޅުވެއްޖެއެވެ.
ރައީސްގެ ވާހަކަފުޅުގައި، ރާއްޖެއަށް ކުރިމަތިވީ އެކި އުދުވާންތަކުގައި ކާބަފައިން ވެވަޑައިގެންފައިވާ ގުރުބާނީގެ ހަނދާން އައުކުރައްވައި، އެ ބޭފުޅުންނަށް ތައުރީފު ކުރެއްވިއެވެ. ނޮވެންބަރު ތިނެއް 88 ގެ އުދުވާން ނުދެކޭ ދެ ޖީލެއް މިހާރު ތިބި ކަމަށާއި، އެ ޒުވާނުންނާއި ކުޑަކުދީންނަށް ރައްކާތެރި ޤައުމެއް ބިނާކޮށްދޭން ޖެހޭ ކަމަށް އެމަނިކުފާނު ވިދާޅުވިއެވެ. ކާބަފައިންގެ ގުރުބާނީން ފެންނަން އޮތީ ޤައުމަށް ވަފާތެރިވުމުގެ ބާއްޖަވެރިކަން ކަމުގައި ވެސް ފާހަގަކުރެއްވިއެވެ.
"ޤައުމަށް ވަފާތެރިވުމުގެ ނަތީޖާއަކީ އަބަދުވެސް ބާއްޖަވެރިކަން. ޤައުމަށް ޣައްދާރުވުމުގެ ނަތީޖާއަކީ އަބަދުވެސް އަބާޖައްވެރިކަން" ރައީސް ވިދާޅުވިއެވެ.
"އަޅުގަނޑު ތިޔަ ބޭފުޅުންނަށް އަރުވާ ފުރިހަމަ ޔަޤީން ކަމަކީ ދިވެހިރާއްޖޭގެ ސައްތައިން ސައްތަ އިސްލާންވަންތަކަން، ދިވެހީންގެ ފުރިހަމަ މިނިވަންކަން، ދިވެހީންގެ އަމިއްލަވަންތަކަން ފަދަ ޤައުމީ އެއްވެސް ރުކުނަކަށް ކުޑަވެސް އުނިކަމެއް އަންނާނެ ގޮތަކަށް އަޅުގަނޑު އެއްވެސް ކަމެއް ނުކުރާނަން" ރައީސް ވިދާޅުވިއެވެ.
ތަރައްޤީ އަކީ ކޮންމެ ދިވެހި ފަރުދެއްގެ ޙައްޤެއް ކަމަށާއި، ކުރިއެރުމަކީ ޤައުމުގެ ޢިއްޒަތާއި ކަރާމާތް އެއާ ގުޅި ލާމެހިފައިވާ ކަމެއް ކަމުގައި ވެސް އެމަނިކުފާނު ވިދާޅުވިއެވެ. މީގެ އިތުރުން، ނޮވެންބަރު ތިނެއްގައި ހަތިޔާރުގެ އަޅުވެތިކަމުން ޤައުމު މިނިވަންކުރި ފަދައިން ދަރަނީގެ އަޅުވެތިކަމުން ވެސް ޤައުމު މިނިވަންކުރަން ޖެހޭ ކަމަށް ރައީސް ވިދާޅުވިއެވެ. ޤައުމެއްގެ ދީނާއި އަމިއްލަ ގޮތްތައް ރައްކާތެރި ކުރެވެނީ ސަލާންޖަހަން ނުޖެހޭ އިޤުތިޞާދެއް ބިނާވެގެން ކަމުގައި ވެސް އެމަނިކުފާނު ވިދާޅުވިއެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް