ޣައްޒާގައި ވޮލަންޓިއަރކުރި ޑރ. ޙަމަވީ އެމެރިކާގެ ކޮންގްރެސްގެ ގޮނޑިއެއް ކާމިޔާބުކޮށްފި
ޣައްޒާގެ ގަތުލުޢާންމުގައި ޒަޚަމްވި މީހުންނަށް ވޮލަންޓިއަރެއްގެ ގޮތުގައި ފަރުވާ ދެއްވި ޑރ. އާދަމް ޙަމަވީ، ޑިމޮކްރެޓިކް ޕާޓީގެ ފަރާތުން ނިއު ޖާޒީގެ 12 ވަނަ ކޮންގްރެޝަނަލް ޑިސްޓްރިކްޓުގެ ގޮނޑި ކާމިޔާބުކުރައްވައިފިއެވެ.
ޣައްޒާގެ ގަތުލުޢާންމުގައި ޒަޚަމްވި މީހުންނަށް ވޮލަންޓިއަރެއްގެ ގޮތުގައި ފަރުވާ ދެއްވި ޑރ. އާދަމް ޙަމަވީ، ޑިމޮކްރެޓިކް ޕާޓީގެ ފަރާތުން ނިއު ޖާޒީގެ 12 ވަނަ ކޮންގްރެޝަނަލް ޑިސްޓްރިކްޓުގެ ގޮނޑި ކާމިޔާބުކުރައްވައިފިއެވެ.
އުމުރުން 57 އަހަރުގެ ޙަމަވީ މި ގޮނޑި ކާމިޔާބުކުރެއްވީ ރިޕަބްލިކަން ޕާޓީގެ ކެންޑިޑޭޓް ގްރެގް މެލޭއާ ވާދަކުރައްވައެވެ. ވޯޓުގެ 80 އިންސައްތަ ގުނުނުއިރު ޙަމަވީ ވަނީ %70.8 ވޯޓު ހޯއްދަވައިފައެވެ. މިއީ ނިއު ޖާޒީން އެމެރިކާގެ ހައުސް އޮފް ރެޕްރެޒެންޓެޓިވްސްއަށް އިންތިޚާބުވި ފުރަތަމަ މުސްލިމް އަދި ފުރަތަމަ އަރަބި ދަރިކޮޅުގެ މެންބަރެވެ. އަދި ޙަމަވީއަކީ އެމެރިކާގެ ކޮންގްރެސްގައި ޚިދުމަތްކުރައްވާ މިސްރު ދަރިކޮޅުގެ ދެވަނަ ބޭފުޅާއެވެ.
އެމެރިކާގެ އަސްކަރިއްޔާގައި ކުރިން ސާޖަންއެއްގެ ގޮތުގައި މަސައްކަތްކުރެއްވި ޙަމަވީގެ ކެމްޕޭނުގައި އެންމެ ބޮޑަށް ފާހަގަކުރެއްވީ ހަނގުރާމައިގެ މައިދާނުގައި ބަލިމީހުންނަށް ފަރުވާ ދެއްވުމުން ލިބިވަޑައިގެންނެވި ތަޖުރިބާތަކެވެ. އިސްތިއުމާރީ އިޒްރޭލުން ޣައްޒާއަށް ދެމުންދާ ހަމަލާތަކާ ގުޅިގެން 2024 އަދި 2025 ވަނަ އަހަރު ޕަލަސްޓީނިއަން އެމެރިކަން މެޑިކަލް އެސޯސިއޭޝަނާއި ޑަބްލިއުއެޗްއޯ ގުޅިގެން ހިންގި މެޑިކަލް މިޝަންތަކުގައި ޣައްޒާގެ ރައްޔިތުންނަށް ފަރުވާ ދެއްވުމުގައި އޭނާ އިސް ދައުރެއް އަދާކުރެއްވިއެވެ.
"އަހަރެން ޣައްޒާއަށް ދިޔައީ ސާޖަންއެއްގެ ގޮތުގައި. އެނބުރި އައީ، އަހަރެންނަށް އެތަނުން ފެނުނު ކަންކަމަށް ވެރިކަމުގެ ބާރުތަކުގައި ތިބި މީހުންނަށް ދެން އިތުރަށް ލޯމަރާލައިގެން ނުތިބެވޭނެކަން ކަށަވަރުކުރުމުގެ ވަރުގަދަ އަޒުމާއެކު،" 2026 ވަނަ އަހަރުގެ ޖޫން މަހު ދެއްވި އިންޓަވިއުއެއްގައި ޙަމަވީ ވިދާޅުވެފައިވެއެވެ.
ފާއިތުވި 30 އަހަރުގެ ތެރޭގައި ޙަމަވީ ވަނީ ހައިޓީ، ސޫދާން، ސީރިއާ، ލުބުނާން، ޢުރުދުން، ތުރުކީ، ބޮސްނިއާ އަދި ކޮލަމްބިއާ ފަދަ ޤައުމުތަކުގައި ހިނގި ހަމަނުޖެހުންތަކާއި ކާރިސާތަކުގައި ވޮލަންޓިއަރެއްގެ ގޮތުގައި އިންސާނީ އެހީ ފޯރުކޮށްދެއްވައިފައެވެ. އިރާޤު ހަނގުރާމައިގެ ދުވަސްވަރު ބަޣުދާދުގައި ހުންނަ އަސްކަރީ ހޮސްޕިޓަލުގައި ވެސް ނުވަ މަސް ދުވަހު އޭނާ ޚިދުމަތްކުރެއްވިއެވެ.
ޚާރިޖީ ސިޔާސަތާ ގުޅޭ ގޮތުން ވާހަކަދައްކަވަމުން ޙަމަވީ ވަނީ އިޒްރޭލަށް އެމެރިކާއިން ދޭ އަސްކަރީ އެހީ ވަގުތުން ހުއްޓައިލުމަށް ގޮވައިލައްވައިފައެވެ. އިންސާނީ ޙައްޤުތަކަށް އަރައިގަންނަ އެއްވެސް ޤައުމަކަށް އެމެރިކާއިން އަސްކަރީ އެހީ ދިނުމާ ދެކޮޅު ކަމަށް ވިދާޅުވެ، އީރާނާ ދެކޮޅަށް ހިންގާ ހަނގުރާމައަކީ ޣައިރު ޤާނޫނީ އަދި އަޚްލާޤީ ގޮތުން ބަލައިގަނެވޭނެ ކަމެއް ނޫން ކަމަށް ޙަމަވީ ސިފަކުރެއްވިއެވެ. އެމެރިކާގެ ސަރުކާރުން އައިޕެކް ފަދަ ޖަމާޢަތްތަކާއި އިޒްރޭލުގެ މަސްލަހަތުތަކަށް އިސްކަންދޭ ކަމަށް ވިދާޅުވެ އޭނާ ވަނީ ވަރަށް ބޮޑަށް ފާޑުވިދާޅުވެފައެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް