ރަސްމީ ރޭޓުގައި ޑޮލަރު ދޫކުރި މިންވަރު 80 ޕަސެންޓު އިތުރު - އިތުބާރު ނެތް ކަމުގެ މައްސަލައިގައި ސައީދު
އިކޮނޮމިކް މިނިސްޓަރު މުހައްމަދު ސައީދުގެ އިތުބާރު ނެތް ކަމުގެ މައްސަލައިގައި މިއަދު މަޖިލީހުގައި ޖަވާބުދާރީވެވަޑައިގަންނަވަމުން، މި ސަރުކާރުން ރަސްމީ ރޭޓުގައި 1.9 ބިލިއަން ޑޮލަރު ދޫކޮށްފައިވާ ކަމަށާއި އެއީ ކުރީ ސަރުކާރާ އަޅައިބަލާއިރު 80 އިންސައްތައިގެ އިތުރުވުމެއް ކަމަށް ވިދާޅުވެއްޖެއެވެ.
އިކޮނޮމިކް މިނިސްޓަރު މުހައްމަދު ސައީދުގެ އިތުބާރު ނެތް ކަމުގެ މައްސަލައިގައި މިއަދު މަޖިލީހުގައި ޖަވާބުދާރީވެވަޑައިގަންނަވަމުން، މި ސަރުކާރުން ރަސްމީ ރޭޓުގައި 1.9 ބިލިއަން ޑޮލަރު ދޫކޮށްފައިވާ ކަމަށާއި އެއީ ކުރީ ސަރުކާރާ އަޅައިބަލާއިރު 80 އިންސައްތައިގެ އިތުރުވުމެއް ކަމަށް ވިދާޅުވެއްޖެއެވެ.
އެމްޑީޕީގެ 13 މެންބަރަކު ސޮއިކުރައްވައި ހުށަހެޅުއްވި އެ މައްސަލައަށް ރައްދުދެއްވަމުން މިނިސްޓަރު ވިދާޅުވީ ބޭރު ފައިސާގެ އެކްސްޗޭންޖް ރޭޓާ ގުޅޭ ސިޔާސަތު ކަނޑައެޅުމުގެ ޒިންމާ ޤާނޫނީ ގޮތުން މޯލްޑިވްސް މަނިޓަރީ އޮތޯރިޓީ (އެމްއެމްއޭ) އަށް ލިބިފައި އޮތް ނަމަވެސް، އެ ސުވާލު އޭނާއާ ކުރެވޭތީ ތަފާސްހިސާބުތައް ހިއްސާކުރައްވާ ކަމަށެވެ.
މިނިސްޓަރު ހާމަކުރެއްވި ތަފާސްހިސާބުތައް ދައްކާ ގޮތުން ރައީސް އިބްރާހީމް މުހައްމަދު ސޯލިހުގެ ވެރިކަމުގައި 2021 އިން 17 ނޮވެމްބަރު 2023 އާ ހަމައަށް ރަސްމީ ރޭޓުން ދޫކުރީ 1.75 ބިލިއަން ޑޮލަރެވެ. ރައީސް ޑރ. މުހައްމަދު މުއިއްޒުގެ ސަރުކާރުގެ ގާތްގަނޑަކަށް ތިން އަހަރު ތެރޭ އެ ޢަދަދު 1.9 ބިލިއަން ޑޮލަރަށް އެރި ކަމަށް ވިދާޅުވިއެވެ. އެގޮތުން 2024 ވަނަ އަހަރު އެކަނި 15.42 ގެ ރޭޓުގައި 483.53 މިލިއަން ޑޮލަރު ދޫކޮށްފައިވާ ކަމަށާއި، 2025 ވަނަ އަހަރު ވިޔަފާރިތަކަށް ދޫކުރި ޓީޓީ އާއި ބޭރުގައި ކިޔަވާ ދަރިވަރުންނާއި ބޭހަށް ފުރާ ފަރާތްތަކަށް 733.82 މިލިއަން ޑޮލަރު ދޫކޮށްފައިވާ ކަމަށް ވިދާޅުވިއެވެ.
"ދެހާސް ސައްބީސް ވަނަ އަހަރުގެ މިހާ ހިސާބަށް 718.53 މިލިއަން އެމެރިކާ ޑޮލަރު، ޖުމްލަ 1.9 ބިިލިއަން 1.942.45 މިލިއަން އެމެރިކާ ޑޮލަރު މިސަރުކާރުން ދޫކޮށްފައި އެބަ އޮތް. މީގެ މާނައަކީ 80 ޕަސެންޓްގެ އިތުރުވުމެއް މިއޮތީ އައިސްފައި،" ސައީދު ވިދާޅުވިއެވެ.
ކުރީ ސަރުކާރުގެ ފަހު ތިން އަހަރާ އަޅައިބަލާއިރު މަހެއްގެ މައްޗަށް ޑޮލަރު ދޫކުރި ނިސްބަތް ގާތްގަނޑަކަށް 97 އިންސައްތަ މައްޗަށް ގޮސްފައިވާ ކަމަށް ވެސް މިނިސްޓަރު ވިދާޅުވިއެވެ. ޑޮލަރުގެ ދަތިކަން ބޮޑުވެފައިވާ ކަމަށް ކުރެވޭ ތުހުމަތު ސިފަކުރެއްވީ ދޮގު ތުހުމަތެއްގެ ގޮތުގައެވެ. ޑޮލަރު ދޫކުރެވޭ މިންވަރު އެހާ ބޮޑަށް އިތުރުވީ، ޑޮލަރުން އާމްދަނީ ލިބޭ ވިޔަފާރިތަކުން ވަކި ނިސްބަތެއް މާރުކުރަން ލާޒިމުކުރުން ފަދަ ފިޔަވަޅުތައް މި ސަރުކާރުން އެޅުމުން ކަމަށް ވެސް ވިދާޅުވިއެވެ.
މިއަދުގެ ޖަލްސާގައި ޖަވާބުދާރީވެވަޑައިގަތުމަށް މަޖިލީހުގެ ޢާންމު ކޮމިޓީގެ ނިންމެވުމާ އެއްގޮތަށް ޖުމްލަ އެއް ގަޑިއިރު ދެވުނު އިރު، ސުޕަމެޖޯރިޓީ އޮންނަ ޕީއެންސީގެ މެންބަރުންނަށް 38 މިނެޓު ލިބުނެވެ. މައްސަލަ ހުށަހެޅި އެމްޑީޕީގެ މެންބަރުންނަށް ލިބިވަޑައިގެންނެވީ ނުވަ މިނެޓެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް