ކޮންގްރެސް ގެއްލިއްޖެނަމަ ޑިމޮކްރެޓުންގެ ހުރިހާ ބިލެއް ވީޓޯ ކުރާނެ ކަމަށް ޓްރަމްޕް ބުނެފި
ކުރިއަށް އޮތް އިންތިޚާބުގައި ކޮންގްރެސްގެ މެޖޯރިޓީ ޑިމޮކްރެޓިކް ޕާޓީއަށް ލިބިއްޖެނަމަ، އެ ޕާޓީން ފާސްކުރާ ކޮންމެ ބިލެއް ވީޓޯ ކޮށް "މިސްޓަރ ވީޓޯ" އަށް ބަދަލުވާނެ ކަމަށް އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް ބުނެފިއެވެ.
ކުރިއަށް އޮތް އިންތިޚާބުގައި ކޮންގްރެސްގެ މެޖޯރިޓީ ޑިމޮކްރެޓިކް ޕާޓީއަށް ލިބިއްޖެނަމަ، އެ ޕާޓީން ފާސްކުރާ ކޮންމެ ބިލެއް ވީޓޯ ކޮށް "މިސްޓަރ ވީޓޯ" އަށް ބަދަލުވާނެ ކަމަށް އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް ބުނެފިއެވެ.
ފޮކްސް ނިއުސްއަށް ދިން އިންޓަވިއުއެއްގައި ޓްރަމްޕް ބުނީ ހައުސް އޮފް ރެޕްރެޒެންޓޭޓިވްސް އާއި ސެނެޓުގެ ކޮންޓްރޯލް ރިޕަބްލިކަން ޕާޓީ އަތުން ގެއްލިއްޖެނަމަ، ގާތްގަނޑަކަށް މަހެއް ނުވަތަ ދެ މަހެއްހާ ދުވަހު ހުރިހާ ބިލެއް ވީޓޯ ކުރާނެ ކަމަށެވެ. އެއަށްފަހު ޑިމޮކްރެޓުންނާ އެކު އެއްބަސްވުންތަކަކަށް އާދެވޭނެ ކަމަށް ގަބޫލުކުރާ ކަމަށް ވެސް އޭނާ ބުންޏެވެ.
ޓްރަމްޕް މި ވާހަކަ ދައްކާފައި ވަނީ ހައުސްގެ މެޖޯރިޓީ ޑިމޮކްރެޓުން ހޯދުމުގެ ފުރުސަތު ބޮޑު ކަމަށް ލަފާކުރެވޭ ދަނޑިވަޅެއްގައެވެ. ދަ ހިލް އާއި ޑެސިޝަން ޑެސްކް އެޗްކިއު ގުޅިގެން ހެދި ލަފާކުރުންތައް ދައްކާ ގޮތުން ހައުސް ޑިމޮކްރެޓުން ކާމިޔާބުކުރުމުގެ 83 އިންސައްތަ ފުރުސަތު އޮތް އިރު، ރިޕަބްލިކަނުންނަށް އޮތީ 17 އިންސައްތައެވެ. ސެނެޓުގެ ކޮންޓްރޯލް ޑިމޮކްރެޓުން އަލުން ހޯދުމުގެ ފުރުސަތު 63 އިންސައްތައިގައި އޮތް އިރު، ރިޕަބްލިކަނުންނަށް އެ ފުރުސަތު އޮތީ 37 އިންސައްތައިގައެވެ.
ޓްރަމްޕްގެ ފުރަތަމަ ދައުރުގައި ވެސް 2019 ވަނަ އަހަރު ހައުސްގެ މެޖޯރިޓީ ގެއްލުމާ އެކު މުހިންމު ބިލްތައް ވީޓޯ ކުރާނެ ކަމުގެ އިންޒާރު އޭނާ ދީފައިވެއެވެ. އެ ގޮތުން މެކްސިކޯ ބޯޑަރުގައި ފާރެއް ރޭނުމަށް އިއުލާންކުރި ޤައުމީ ކުއްލި ނުރައްކަލުގެ ހާލަތު ބާތިލުކުރަން ސެނެޓުން ފާސްކުރި ގަރާރު ވީޓޯ ކޮށްފައިވެއެވެ. އޭގެ އިތުރުން 2020 ވަނަ އަހަރު ޔަމަނުގެ ދާޚިލީ ހަނގުރާމައިގައި ސައޫދީ އަރަބިއްޔާއަށް އެމެރިކާގެ އަސްކަރީ އެހީ ހުއްޓުވުމާ ގުޅޭ ގަރާރާއި، އީރާނާ ދެކޮޅަށް އަސްކަރީ ފިޔަވަޅު އެޅުމުގެ ބާރު ހަނިކުރުމުގެ ގަރާރު ވެސް ޓްރަމްޕް ވީޓޯ ކޮށްފައިވެއެވެ.
ރައީސް ވީޓޯ ކުރާ ބިލެއް ބާތިލުކޮށް އަލުން ފާސްކުރުމަށް ތިންބައިކުޅަ ދެބައިގެ އަޣުލަބިއްޔަތު ބޭނުންވާތީ، އެ އަދަދު ހޯދުމުގައި ޑިމޮކްރެޓުންނަށް އަބަދުވެސް ބޮޑެތި ގޮންޖެހުންތަކާ ކުރިމަތިވެއެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް