ގޯލް ކީޕަރާ މުޑިއެރި އެކްސިޑެންޓުގައި ޓެނެރީފޭގެ ފޯވާޑް ޑެ މިގެލް މަރުވެއްޖެ
ސްޕެއިނުގެ ދެވަނަ ޑިވިޝަނުގައި އެފްސީ އެންޑޯރާއާ ދެކޮޅަށް ކުޅުނު މެޗު ތެރޭގައި ގޯލް ކީޕަރުގެ ކަކޫ މޭމަތީގައި ޖެހި ލިބުނު ޒަޚަމްތަކުގެ ސަބަބުން ޓެނެރީފޭގެ 30 އަހަރުގެ ފޯވާޑް ޖީސަސް ޑެ މިގެލް އިއްޔެ ހެނދުނު މަރުވެއްޖެއެވެ.
ސްޕެއިނުގެ ދެވަނަ ޑިވިޝަނުގައި އެފްސީ އެންޑޯރާއާ ދެކޮޅަށް ކުޅުނު މެޗު ތެރޭގައި ގޯލް ކީޕަރުގެ ކަކޫ މޭމަތީގައި ޖެހި ލިބުނު ޒަޚަމްތަކުގެ ސަބަބުން ޓެނެރީފޭގެ 30 އަހަރުގެ ފޯވާޑް ޖީސަސް ޑެ މިގެލް އިއްޔެ ހެނދުނު މަރުވެއްޖެއެވެ.
ހޯމަ ދުވަހު ހިނގި މި ހާދިސާގައި ދެ ޓީމު 2-2 އިން އެއްވަރުވެފައި އޮއްވައި، އެންޑޯރާގެ ގޯލް ކީޕަރު ޖީސަސް އޮވޯނޯ ސެންޓާ ސާކަލާ ދިމާއަށް ދުވެފައި ގޮސް ބޯޅަ ބޭރުކޮށްލަން އުޅުމުގެ ތެރޭގައި ޑެ މިގެލްގެ މޭމަތީގައި ކަކޫ ޖެހުނީއެވެ. އެ ހާދިސާގައި ޑެ މިގެލްގެ ބޮލަށާއި މޭކަށިގަނޑަށް ގެއްލުންވެފައިވެއެވެ. ފުރަތަމަ ޑޮކްޓަރުން ބުނެފައި ވަނީ ހާލު ސީރިއަސް ނަމަވެސް ރަނގަޅުވަމުން އަންނަ ކަމަށެވެ. ނަމަވެސް ހާލު އިތުރަށް ގޯސްވެ އިއްޔެ ހެނދުނު އޭނާ މަރުވީއެވެ.
ރެފްރީ ވަނީ އޮވޯނޯއަށް ސީދާ ރަތް ކާޑެއް ދައްކައި މެޗު މެދުކަނޑާލައިފައެވެ. ދެ ޓީމުގެ ކުޅުންތެރިން ވެސް ވަރަށް ބޮޑަށް ހިތާމަކޮށް، ޓެނެރީފޭގެ އެތައް ކުޅުންތެރިންނެއް ރޮއެފައިވެއެވެ. މި ހާދިސާއަށް ފަހު އޮވޯނޯ ވަނީ 30,000 އަށްވުރެ ގިނަ ފޮލޯވާޒް ތިބި އޭނާގެ އިންސްޓަގްރާމް އެކައުންޓު ޑީއެކްޓިވޭޓުކޮށްފައެވެ.
ރޮއިޓާސްއިން ރިޕޯޓުކޮށްފައިވާ ގޮތުގައި ސްޕެއިނުގެ ފުލުހުން ވަނީ ޑެ މިގެލްގެ މަރާ ގުޅިގެން ގަސްތެއް ނެތި މީހަކު މެރުމުގެ ތުހުމަތުގައި ތަޙުޤީޤެއް ފަށައިފައެވެ. ސްޕެއިނުގެ ޤާނޫނު ބުނާ ގޮތުން ގުދުރަތީ ނޫން ކޮންމެ މަރެއް ދިމާވެއްޖެ ނަމަ ޝަރުޢީ ތަޙުޤީޤެއް އޮޓޮމެޓިކުން ފެށެއެވެ. ޑެ މިގެލްގެ މަރާ ގުޅިގެން ސްޕެއިނުގެ ފުޓުބޯޅަ ފެޑެރޭޝަނުން ވަނީ އިއްޔެ ކުޅެން ހަމަޖެހިފައި ހުރި ހުރިހާ މެޗެއް ފަސްކޮށްފައެވެ.
މެޑްރިޑުގައި އުފަންވި ޑެ މިގެލް 2015 ވަނަ އަހަރު ލެގަނެސްގައި ކެރިއާ ފެށުމަށް ފަހު ލުގޯ، ފުއެންލަބްރާޑާ، މެޑްރިޑް ފަދަ ކްލަބުތަކަށް ކުޅެފައިވެއެވެ. އޭނާ 2025 ވަނަ އަހަރު ތިން އަހަރުގެ އެއްބަސްވުމެއްގެ ދަށުން ޓެނެރީފޭއާ ގުޅި، 29 މެޗުގައި 11 ގޯލު ޖެހިއެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް