ސިޓީ ކައުންސިލްގެ 14 ބިން ދައުލަތަށް ނެގުމާ ދެކޮޅު ގަރާރު މަޖިލީހުން ބޭރުކޮށްލައިފި
މާލޭ ސިޓީ ކައުންސިލްގެ ބެލެނިވެރިކަމުގައި ހުރި 14 ބިމެއް ދައުލަތުގެ މިލްކިއްޔާތަށް ބަދަލުކުރަން ހައުސިންގ މިނިސްޓްރީން ނިންމި ނިންމުމާ ދެކޮޅަށް ރައްޔިތުންގެ މަޖިލީހަށް ހުށަހެޅި ގަރާރު، މިއަދުގެ ޖަލްސާގައި ނެގި ވޯޓުގައި ބޭރުކޮށްލައިފިއެވެ.
މާލޭ ސިޓީ ކައުންސިލްގެ ބެލެނިވެރިކަމުގައި ހުރި 14 ބިމެއް ދައުލަތުގެ މިލްކިއްޔާތަށް ބަދަލުކުރަން ހައުސިންގ މިނިސްޓްރީން ނިންމި ނިންމުމާ ދެކޮޅަށް ރައްޔިތުންގެ މަޖިލީހަށް ހުށަހެޅި ގަރާރު، މިއަދުގެ ޖަލްސާގައި ނެގި ވޯޓުގައި ބޭރުކޮށްލައިފިއެވެ.
ވޯޓުގައި ބައިވެރިވެވަޑައިގެންނެވި 63 މެންބަރުންގެ ތެރެއިން 52 މެންބަރުން ވޯޓު ދެއްވީ ގަރާރަށް ބަހުސް ކުރުމާ ދެކޮޅަށެވެ. ގަރާރާ އެއްކޮޅަށް ވޯޓު ދެއްވީ 11 މެންބަރުންނެވެ.
މި ގަރާރު މަޖިލީހަށް ހުށަހެޅުއްވީ ގަލޮޅު ދެކުނު ދާއިރާގެ މެންބަރު މީކާއީލް އަޙްމަދު ނަސީމެވެ. އެ ގަރާރުގައި ބަޔާންކޮށްފައިވާ ގޮތުގައި، ޤައުމީ މަޝްރޫޢުތަކަށް ކައުންސިލެއްގެ ސަރަޙައްދުން ބިން ނެގުމުގެ ބާރު މިނިސްޓަރުންގެ މަޖިލީހަށް ލިބިދީފައި އޮތް ނަމަވެސް، ލާމަރުކަޒީ ޤާނޫނުގައި ކަނޑައަޅާފައިވާ އިޖުރާއަތުތައް ފުރިހަމަކުރަން ޖެހެއެވެ. އެ ގޮތުން ބިން ވަކިކުރުމުގެ ކުރިން މަޝްރޫޢުގެ ތަފުސީލު ކައުންސިލާ ހިއްސާކޮށް، ކައުންސިލުގެ ޚިޔާލު ހޯދުމަކީ ޤާނޫނީ ގޮތުން ލާޒިމު ކަމެއް ކަމަށް ގަރާރުގައި ފާހަގަކޮށްފައިވެއެވެ.
ގަރާރުގައި އިތުރަށް ބުނެފައިވާ ގޮތުގައި، ހައުސިންގ މިނިސްޓްރީން މި ނިންމުން ނިންމީ ސިޓީ ކައުންސިލާ އެއްވެސް މަޝްވަރާއެއް ނުކޮށް، ބިންތަކުގައި ހިންގާނެ މަޝްރޫޢުތަކުގެ ނަން ފިޔަވައި އެހެން ތަފުސީލެއް ހާމަ ނުކޮށެވެ. މީގެ އިތުރުން، އެ ބިންތަކަކީ މިސްކިތްތައް ބެލެހެއްޓުމާއި އިދާރީ ހިންގުމުގެ ޚަރަދުތައް ފޫބެއްދުމަށް ކައުންސިލަށް އާމްދަނީ ލިބެމުން އައި ބިންތައް ކަމުން، އެ ބިންތައް ނެގުމުން ކައުންސިލުގެ މާލީ ހާލަތަށް ބޮޑެތި ގެއްލުންތައް ލިބޭނެ ކަމަށް ގަރާރުގައި ބަޔާންކޮށްފައިވެއެވެ.
ތޮއްޖެހުން ކުޑަކުރުމަށް ޕާކިންގ އިމާރާތްތަކާއި ހިތްފަސޭހަ މައިޒާންތައް ތަރައްޤީކުރުމުގެ ޕްލޭންތައް ކައުންސިލުން އެކުލަވާލަމުން ދަނިކޮށް ސަރުކާރުން މި ނިންމުން ނިންމުމަކީ މާލޭ ރައްޔިތުންނަށް ލިބޭ ގެއްލުމެއް ކަމަށާއި ލާމަރުކަޒީ ނިޒާމަށް ހުރަސް އެޅޭ ކަމެއް ކަމަށް ވެސް ގަރާރުގައި ބުނެފައިވެއެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް