19 އަހަރު ފަހުން ހުޅުމާލޭ ސިޓީ ހޮޓާ މެންހަޓަން ގްރޭންޑް ނަމުގައި މިރޭ ހުޅުވަނީ
ހުޅުމާލޭ ފޭސް 1 ގައި 19 އަހަރު ކުރިން ތަރައްޤީކުރަން ފެށި ނަމަވެސް މަސައްކަތް ހުއްޓިފައި އޮތް ސިޓީ ހޮޓާ، ފަސް ތަރީގެ މެންހަޓަން ގްރޭންޑް ހޮޓެލްގެ ނަމުގައި މިރޭ ހުޅުވުމަށް ތައްޔާރުވެއްޖެއެވެ.
ހުޅުމާލޭ ފޭސް 1 ގައި 19 އަހަރު ކުރިން ތަރައްޤީކުރަން ފެށި ނަމަވެސް މަސައްކަތް ހުއްޓިފައި އޮތް ސިޓީ ހޮޓާ، ފަސް ތަރީގެ މެންހަޓަން ގްރޭންޑް ހޮޓެލްގެ ނަމުގައި މިރޭ ހުޅުވުމަށް ތައްޔާރުވެއްޖެއެވެ.
ހޮޓާ ހުޅުވުމުގެ މުނާސަބަތުގައި މިރޭ 22:00 އިން 22:30 އަށް ޚާއްޞަ ރަސްމިއްޔާތެއް ބާއްވައި ހަވާ އެރުވުމަށް ވަނީ ހަމަޖައްސައިފައެވެ. މި ހޮޓާ ތަރައްޤީކުރުމުގެ މަޝްރޫޢު އެންމެ ފުރަތަމަ ފެށީ 2007 ވަނަ އަހަރު އެސްޓީއޯއިންނެވެ. ނަމަވެސް ތަފާތު ފަރާތްތަކާ ހަވާލުކޮށްގެން ވެސް މަސައްކަތް ކުރިއަށް ނުގޮސް އެތައް އަހަރެއް ވަންދެން ހުއްޓިފައި އޮތެވެ.
އެސްޓީއޯއިން 2024 ވަނަ އަހަރު އެ ހޮޓާ ހައުސިން ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އެޗްޑީސީ) އާ ހަވާލުކުރި އެވެ. އެޗްޑީސީން އެތަން ފަސް ތަރީގެ ހޮޓަލަކަށް ބަދަލުކޮށް ތަރައްޤީކުރުމުގެ މަސައްކަތް ފެށީ މިދިޔަ އަހަރެވެ. އެ މަސައްކަތް ހަވާލުކުރީ ދުބާއީގެ ޑީޕްސީފުޑް ކޮމްޕެނީން އުފައްދާފައިވާ ވޯލްޑް އޮފް ބިޒްނަސް ޕްރައިވެޓް ލިމިޓެޑާއެވެ.
ޚިދުމަތް ފަށާއިރު 158 ކޮޓަރީގެ އިތުރުން ބެންކުއެޓް ހޯލަކާއި މަލްޓި ޕާޕަސް ހޯލެއް ހިމެނެއެވެ. އޭގެ އިތުރުން ސްވިމިން ޕޫލަކާއި ބައިނަލްއަޤުވާމީ ހަތަރު ފުޑް އެންޑް ބެވަރޭޖް ބްރޭންޑަކާއި ޖިމާއި ސްޕާގެ ޚިދުމަތް ވެސް ލިބެން ހުންނާނެއެވެ.
އެސްޓީއޯއިން ހުޅުމާލޭގައި ސިޓީ ހޮޓަލެއް ހެދުމުގެ މަސައްކަތް ފެށީ އެ ކުންފުންޏަށް ބޭރު ފައިސާ ލިބުމުގެ ދަތިކަމަށް ހައްލެއް ހޯދުމުގެ ބޭނުމުގައި ކަމަށް އެ ކުންފުނިން އޭރު ބުނެފައިވެއެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް