މުޙައްމަދު މޫސާއަށް ނިޝާން ޢިއްޒުއްދީނުގެ ޢިއްޒަތް މިއަދު އަރުވައިފި
Mohamed Moosa ah nishaan izzudheen ge izzaiy miadhu aruvaifi
Ahmed Aahil Saeed
25 July 2026
ނިޝާން މުލީގޭ ޝަރަފްގެ ޢިއްޒަތުގެ ވެރިޔާ މުޙައްމަދު މޫސާއަށް އެރުވުން؛ ފޮޓޯ / ރައީސް އޮފީސް
މިނިވަން ދުވަހުގެ ރަސްމީ ޖަލްސާގައި މިއަދު ހެނދުނު ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު ނިޝާން މުލީގޭ ޝަރަފްގެ ޢިއްޒަތުގެ ވެރިޔާ މުޙައްމަދު މޫސާއަށް ނިޝާން ޢިއްޒުއްދީނުގެ ޢިއްޒަތުގެ ވެރިކަން (ނ.ޢ.ޢ.ވ.) އަރުވައިފިއެވެ.
ވިޔަފާރީގެ ދާއިރާއަށް ތުއްޕުޅު އިރުއްސުރެ ޝައުޤުވެރިކަން ގެންގުޅުއްވި މުޙައްމަދު މޫސާ ތަޢުލީމީ ޙަޔާތް ފެށްޓެވީ މަޖީދިއްޔާ ސްކޫލުންނެވެ. އެއަށް ފަހު ޢާއިލާގެ އެހީތެރިކަމާއެކު އިންޑިއާގެ ޓެމިލްނާޑޫގެ ޢުމަރު އާބާދުގައި ހުންނަ ޖާމިޢާ ދާރުއްސަލާމުން ކިޔަވައިވިދާޅުވިއެވެ. އެ ދުވަސްވަރު ހިންދީ ބަހާއި އުރުދޫ ބަސް ރަނގަޅަށް ދަސްކުރެއްވިއެވެ. އިތުރު ހުނަރު ޙާސިލުކުރެއްވުމަށް ކޮއިންބަތޫރަށް ވަޑައިގެން އެތާނގެ ކާރުޚާނާތަކުގައި މަސައްކަތް ކުރެއްވުމަށް ފަހު ރާއްޖެ ވަޑައިގެން ވިޔަފާރީގެ ދާއިރާއަށް ނުކުމެވަޑައިގެންނެވިއެވެ.
ދަނޑުވެރިކަމުގެ ރޮނގުން މުޙައްމަދު މޫސާ ވަނީ ފާހަގަކޮށްލެވޭ ޚިދުމަތްތަކެއް ކުރައްވައިފައެވެ. އަމިއްލަފުޅަށް ދަނޑުވެރިކަން ފުޅާ ދާއިރާއެއްގައި ފައްޓަވައި ގިނަ ބަޔަކަށް އެ މަސައްކަތް ދަސްކޮށްދެއްވިއެވެ. ދަނޑުވެރިކަމުގެ އުފެއްދުންތައް އެކަށީގެންވާ އަގެއްގައި ބާޒާރަށް ނެރެވޭނެ މަގު ތަނަވަސްކޮށްދެއްވިއެވެ. ސަރުކާރުގެ އެގްރިކަލްޗަރ އެޑްވައިޒަރީ ބޯޑުގެ މެންބަރުކަންވެސް ކުރައްވާފައިވާ މުޙައްމަދު މޫސާއަށް 1996 ވަނަ އަހަރު ސަރުކާރުން "ތިމާވެށީގެ ފެހިފަތް" އެރުވިއެވެ. މިހާރުވެސް "ޗަމްޕާ ހޯލްސޭލް" ގެ ނަމުގައި ކާބޯތަކެއްޗާއި ބެވަރެޖްގެ ވިޔަފާރި ހިންގަވައި ތުނބަށްފުށީގައި ތަރުކާރީއާއި މޭވާ ހައްދަވައި ގަސްކާނާ އުފައްދަވައި މާލޭ ބާޒާރަށް ވިއްކަވަމުން ގެންދަވައެވެ. ހަމައެހެންމެ އެ ރަށުގައި ބޯޓުޔާޑެއް ހިމެނޭ ގޮތަށް އިންޑަސްޓްރިއަލް މަސައްކަތްތައްވެސް ކުރިއަށް ގެންދަވައެވެ.
ރާއްޖޭގެ ފަތުރުވެރިކަން ތަރައްޤީވެގެން އައުމުގައި މުޙައްމަދު މޫސާގެ ޙިއްޞާ ވަރަށް ބޮޑެވެ. ނޫސްވެރިކަމުގެ ދާއިރާއަށް ބެލި ނަމަވެސް ރާއްޖޭގެ ފުރަތަމަ އަމިއްލަ ބްރޯޑްކާސްޓިންގ ސްޓޭޝަން "ދި އެފް.އެމް." އާއި "ދި އެފް.އެމް. ޕްލަސް" އަދި "ދި ޓީ.ވީ." ގެ ބާނީއަކީ އެ މަނިކުފާނެވެ. "ޢަލިފުޅު ތުއްތު ފައުންޑޭޝަން" ގެ ނަމުގައި ޢާއިލީ ފައުންޑޭޝަނެއް ހިންގަވައި ކޮންމެ އަހަރަކު ސްކޮލަރޝިޕް ދެއްވުމުގެ އިތުރުން މުޖުތަމަޢަށް ފައިދާހުރި ތަފާތު މަޝްރޫޢުތައް ހިންގަވާފައިވެއެވެ. އައްޑޫ އިންޓަރނޭޝަނަލް އެއަރޕޯޓް ތަރައްޤީ ކުރެއްވުމާއި ޅ. މަޑިވަރު ޑޮމެސްޓިކް އެއަރޕޯޓް ޤާއިމުކުރެއްވުން ފަދަ ބޮޑެތި އިންފްރާސްޓްރަކްޗަރ މަޝްރޫޢުތައްވެސް ހިންގެވިއެވެ. "މޯލްޑިވްސް ފައިނޭންސް އެންޑް ލީސިންގ ކޮމްޕެނީ" އާއި "ކޮމާޝަލް ބޭންކް އޮފް މޯލްޑިވްސް" އުފެއްދެވުމުގައާއި ޓަރޝަރީ ފެންވަރުގެ "ޓްރީ ޓޮޕް ހޮސްޕިޓަލް" ޤާއިމުކުރެއްވުމުގައިވެސް އެ މަނިކުފާނުގެ ދައުރު ބޮޑެވެ.
މުޙައްމަދު މޫސާއަށް ނިޝާން މުލީގޭ ޝަރަފުގެ ޢިއްޒަތް (ނ.މ.ޝ.ޢ) އެރުވީ 26 ޖުލައި 2013 ގައެވެ. އޭގެ އިތުރުން 2022 ވަނަ އަހަރު ފަތުރުވެރިކަމަށް 50 އަހަރު ފުރުމާ ގުޅިގެން ރައީސުލްޖުމްހޫރިއްޔާ ދެއްވި "ޓޫރިޒަމް ގޯލްޑް އެވޯޑް" އާއި 2024 ވަނަ އަހަރުގެ ސައުތު އޭޝިއާ ޓޫރިޒަމް އެވޯޑްސްގެ "ފޭސް އޮފް ސައުތު އޭޝިއާ ޓޫރިޒަމް އެވޯޑް" ވެސް ހާސިލުކުރައްވާފައިވެއެވެ. މިފަހަރު އެރުއްވި ނިޝާން ޢިއްޒުއްދީނުގެ ޢިއްޒަތުގެ ވެރިކަމަކީ ޤައުމީ ފެންވަރެއްގައި ކުރެއްވި ގިނަ ޚިދުމަތްތަކުގެ އަގު ވަޒަންކުރެއްވުމުގެ ގޮތުން އެ މަނިކުފާނަށް ލިބިވަޑައިގެންނެވި ޝަރަފެކެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް