މައިގަނޑު ބަޔަށް ދާން

ދުނިޔެ

މަހާރާ ޖަލުގެ ހަމަނުޖެހުމުގައި މީހަކު މަރުވެ ލަންކާގެ ޖަލުތައް ހައި އެލާޓަށް

ހުކުރު ދުވަހުގެ ހަވީރު އާއިލީ ބައްދަލުވުމުގެ ވަގުތާ ދިމާކޮށް ފެށުނު މި ހަމަނުޖެހުން ހޮނިހިރު ދުވަހާ ހަމައަށް ދެމިގެންދިޔައެވެ. ދެ ގްރޫޕެއްގެ ގައިދީންގެ މެދުގައި ފެށުނު މި މައްސަލައިގެ ކުރިން ގައިދީންނާއި ޖަލުގެ އޮފިޝަލުންނާ ދެމެދު ޚިޔާލު ތަފާތުވުންތަކެއް ހިނގާފައިވެއެވެ. ޒަޚަމްވެގެން ރާގަމާ ޓީޗިންގ ހޮސްޕިޓަލުގައި ފަރުވާދެމުންދިޔަ ހަތް ގައިދީންގެ ތެރެއިން އެކަކު ވަނީ ފަރުވާ ދެނިކޮށް ނިޔާވެފައެވެ. ނިގޮމްބޯގައި ހުންނަ މި ޖަލުގައި މީގެ ގާތްގަނޑަކަށް މަހެއްހާ ދުވަސް ކުރިންވެސް ހަމަނުޖެހުން ހިނގާފައިވާ ކަމަށް ފުލުހުން ފާހަގަކޮށްފައިވެއެވެ.

އަހުމަދު އާހިލް ސައީދު

ސްރީލަންކާގެ ސިފައިން؛ ފޮޓޯ / އޭއެފްޕީ
ސްރީލަންކާގެ ސިފައިން؛ ފޮޓޯ / އޭއެފްޕީ

ސްރީ ލަންކާގެ މަހާރާ ޖަލުގައި ގައިދީންގެ މެދުގައި އުފެދުނު ހަމަނުޖެހުމެއްގައި އެކަކު މަރުވެ ހަ މީހަކަށް އަނިޔާވުމާ ގުޅިގެން އެ ގައުމުގެ އެންމެހައި ޖަލުތަކުގެ ސެކިއުރިޓީ އާދީއްތަ ދުވަހު ވަރުގަދަކޮށްފިއެވެ.

ހުކުރު ދުވަހުގެ ހަވީރު އާއިލީ ބައްދަލުވުމުގެ ވަގުތާ ދިމާކޮށް ފެށުނު މި ހަމަނުޖެހުން ހޮނިހިރު ދުވަހާ ހަމައަށް ދެމިގެންދިޔައެވެ. ދެ ގްރޫޕެއްގެ ގައިދީންގެ މެދުގައި ފެށުނު މި މައްސަލައިގެ ކުރިން ގައިދީންނާއި ޖަލުގެ އޮފިޝަލުންނާ ދެމެދު ޚިޔާލު ތަފާތުވުންތަކެއް ހިނގާފައިވެއެވެ. ޒަޚަމްވެގެން ރާގަމާ ޓީޗިންގ ހޮސްޕިޓަލުގައި ފަރުވާދެމުންދިޔަ ހަތް ގައިދީންގެ ތެރެއިން އެކަކު ވަނީ ފަރުވާ ދެނިކޮށް ނިޔާވެފައެވެ. ނިގޮމްބޯގައި ހުންނަ މި ޖަލުގައި މީގެ ގާތްގަނޑަކަށް މަހެއްހާ ދުވަސް ކުރިންވެސް ހަމަނުޖެހުން ހިނގާފައިވާ ކަމަށް ފުލުހުން ފާހަގަކޮށްފައިވެއެވެ.

ހަމަނުޖެހުމުގެ ތެރޭގައި ބައެއް ގައިދީން ޖަލު ފުރާޅު މައްޗަށް އަރައި ސަލާމަތީ ބާރުތަކާ ދިމާއަށް ގާއުކިއެވެ. މީގެ އިތުރުން ޖަލުގެ މައި ދޮރާއްޓާއި ވަށާފާރަށް ގެއްލުންދީ އަލަށް ހެދުމަށް ނިންމާފައިވާ އޮފީސް އިމާރާތެއްގެ ދަގަނޑު ޝީޓު ހަލާކުކޮށް ފިލަން މަސައްކަތްކުރިއެވެ. ހަމައެހެންމެ ޖަލުގެ އެކި ތަންތަނުގައި ހުޅުޖަހައި އިސްވެރިޔާގެ އޮފީހާއި ބަދިގެއާއި ރީހެބިލިޓޭޝަން އިމާރާތާއި ޖަލުގެ ހޮސްޕިޓަލް ފަދަ ތަންތަނަށް ބޮޑެތި ގެއްލުންދީ އިދާރީ ލިޔެކިޔުންތައް ވެސް އަންދާލިއެވެ.

ހާލަތު ކޮންޓްރޯލްކުރުމަށް ފުލުހުންނާއި ސްޕެޝަލް ޓާސްކް ފޯސް އާއި އަސްކަރިއްޔާ އަދި ނޭވީ ގުޅިގެން ޚާއްޞަ އޮޕަރޭޝަނެއް ހިންގިއެވެ. ޖަލުގެ ބޭރުން ކަރުނަ ގޭސް ޖެހުމުގެ އިތުރުން ވައިގެ އަސްކަރިއްޔާއިން ބެލް 412 ހެލިކޮޕްޓަރަކާއި ޑްރޯން ބޭނުންކޮށް ވައިގެ މަގުން ސަރަހައްދު ބެލެހެއްޓިއެވެ.

"އަޅުގަނޑުމެން އެސްޓީއެފްގެ ކޮމާންޑަރުން ފޮނުވީ ޖަލުގެ ވަށައިގެންވާ ފާރު ކައިރި ބެލެހެއްޓުމަށް. އެ ބޭފުޅުން އެތެރެއަކަށް ނުވަދޭ" ފުލުހުންގެ މަސްދަރަކުން ބުނެފައިވެއެވެ.

ހުޅަނގު ޕްރޮވިންސާ ހަވާލުވެ ހުންނެވި ސީނިއަރ ޑެޕިއުޓީ އިންސްޕެކްޓަރ ޖެނެރަލް ވަނީ ޖަލު ކައިރިއަށް ނުދިއުމަށާއި ގޭގައި ތިބެ ކަމާބެހޭ ފަރާތްތަކަށް އެއްބާރުލުން ދިނުމަށް އާންމުންނަށް އިލްތިމާސްކުރައްވައިފައެވެ.

"ނެގޮމްބޯ ޖަލު ހިމެނޭހެން ކޮލަމްބޯއާ ކައިރީގައިވާ ބޮޑެތި ޖަލުތަކުގެ ސެކިއުރިޓީ އިތުރަށް ވަރުގަދަކުރުމަށް ޚާއްޞަ ސަމާލުކަމެއް ދީފައިވާނެ" އޭނާ ވިދާޅުވިއެވެ.

ފުލުހުންގެ ތަރުޖަމާނު ހާމަކުރެއްވި ގޮތުގައި ގައިދީން އެމީހުންގެ ގޮޅިތަކަށް އަނބުރާ ގެންގޮސް ޖަލާއި ވަށައިގެންވާ ސަރަހައްދުގެ އަމާންކަން ވަނީ އިޢާދަކުރެވިފައެވެ. ހަމަނުޖެހުން ހިނގަން މެދުވެރިވި ސީދާ ސަބަބު އަދި ހާމަނުކުރާއިރު ލިބުނު ގެއްލުންތަކާ ގުޅޭ ތަޙުޤީޤެއް ލަސްނުކޮށް ފަށާނެ ކަމަށް ޖަލުތަކާ ބެހޭ ޑިޕާޓްމަންޓުން ވަނީ ބުނެފައެވެ. ގާތްގަނޑަކަށް 1100 މީހުންގެ ޖާގައިގެ މަހާރާ ޖަލުގައި 4100 އަށް ވުރެ ގިނަ ގައިދީން ބަންދުކޮށްފައި ތިބިއިރު ލަންކާގެ 22 ޖަލެއްގައި 11000 މީހުންގެ ޖާގައިގައި 41000 އަށް ވުރެ ގިނަ ގައިދީން ތިބުމަކީ އެ ނިޒާމަށް ކުރިމަތިވެފައިވާ ތޮއްޖެހުމުގެ ބޮޑު މައްސަލައެކެވެ.

ކޮމެންޓް ކުރޭ

އީމެއިލް ނުފެންނާނެއެވެ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް

ނިއުސް ކާސްޓް

އެންމެ ފަހުގެ ޚަބަރުތަކާއި، ސިޔާސީ އަދި އިޖުތިމާޢީ ކަންކަމުގެ އެންމެ ފުރިހަމަ މަޢުލޫމާތު އެންމެ އަވަހަށް ގެނެސްދިނުމަށް ޚާއްޞަކޮށްފައިވާ ވެބްސައިޓެކެވެ. އަޅުގަނޑުމެންގެ މަޤްޞަދަކީ، ހަމަހަމަކަމާއި އިންޞާފުވެރިކަމާއެކު، އިތުބާރު ހުރި ޚަބަރުތައް ކިޔުންތެރިންނާ ހަމައަށް ގެނެސްދިނުމެވެ.

Copyright © 2026 Newscast. All rights reserved.