އަމީނީ މަގުގެ ތިންވަނަ ސެގްމަންޓަށް އެމްޓީސީސީން މާދަމާ ތާރު އަޅަނީ
އަމީނީ މަގު އަލުން ތަރައްޤީކުރުމުގެ މަޝްރޫޢުގެ ދަށުން އިއްޒުއްދީން މަގާއި ކޯރުކެނޑި ހިނގުމާ ދެމެދު ސަރަހައްދަށް މާދަމާ ތާރު އަޅަން ފަށަން އެމްޓީސީސީން ނިންމައިފިއެވެ.
އަމީނީ މަގު އަލުން ތަރައްޤީކުރުމުގެ މަޝްރޫޢުގެ ދަށުން އިއްޒުއްދީން މަގާއި ކޯރުކެނޑި ހިނގުމާ ދެމެދު ސަރަހައްދަށް މާދަމާ ތާރު އަޅަން ފަށަން އެމްޓީސީސީން ނިންމައިފިއެވެ.
މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިންގ ކޮމްޕެނީ (އެމްޓީސީސީ) އިން ކުރިއަށްގެންދާ މި މަޝްރޫޢުގެ ތިންވަނަ ސެގްމަންޓަކީ 1,924.77 މީޓަރު ދިގު ސަރަހައްދެކެވެ. އެ ސަރަހައްދުގައި ކުރިން އަޅާފައި އޮތް ތާރު ނަގަން ފެށީ މި މަހުގެ 4 ވަނަ ދުވަހުއެވެ. ދެން އެގްރިގޭޓް ބޭސް ކޯސް (އޭބީސީ) އަޅައި، އެމްސީ 30 ޕްރައިމް ކޯޓު ޖެހުމުގެ މަސައްކަތް ވެސް ވަނީ ނިންމާލާފައެވެ.
ތާރު އަޅައި ނިމުމުން، ތާރުގަނޑު ހިކި ހަރުވުމަށް ވަގުތު ދިނުމަށްފަހު، މަގުމަތީގެ ރައްކާތެރިކަމުގެ ނިޝާންތަކާއި ލައިންތައް ކުރަހައި އެ ސަރަހައްދު ދަތުރުފަތުރަށް ހުޅުވާލާނެއެވެ. ފަންނީ މާހިރުން ބުނާ ގޮތުގައި، ޚާއްޞަކޮށް ހޫނު މޫސުމުގައި ބަސް ފަދަ ބަރު އުޅަނދުތައް ދުއްވަން ފެށުމުގެ ކުރިން މި މުއްދަތު ދިނުމުން މަގު އަވަހަށް ހަލާކުވުމުން ސަލާމަތްވެއެވެ.
މި މަޝްރޫޢުގެ ދަށުން ދެ ސެގްމަންޓެއް މިހާރު ވަނީ ނިންމައި ދަތުރުފަތުރަށް ހުޅުވާލާފައެވެ. ފުރަތަމަ ސެގްމަންޓުގައި ހިމެނުނީ ދިވެހިރާއްޖޭގެ އަޑު އިމާރާތުން ފެށިގެން ދަރުމަވަންތަ ހޮސްޕިޓަލް ކައިރީގެ ޕާކާ ހަމައަށް އޮތް ސަރަހައްދެވެ. ދެވަނަ ސެގްމަންޓުގައި ހިމެނުނީ ދިވެހިރާއްޖޭގެ އަޑު ކައިރީގެ ކަންމަތިތަކެވެ. ތިންވަނަ ސެގްމަންޓު ނިމުމުން، ކޯރުކެނޑި ހިނގުމުން ފެށިގެން ގިޔާސުއްދީން އިންޓަނޭޝަނަލް ސްކޫލާ ހަމައަށް 1,148.91 މީޓަރު ދިގު ހަތަރުވަނަ ސެގްމަންޓުގެ މަސައްކަތް ފަށާނެއެވެ.
އަމީނީ މަގުގެ ތާރުގަނޑު ހަލާކުވެ، އަޑިގުޑަންތަކާއި ވަޅުގަނޑުތައް ހެދި، ވާރޭވެހޭ ދުވަސްވަރު ފެންބޮޑުވުމުގެ މައްސަލަ ބޮޑުވުމާ ގުޅިގެން، މިނިސްޓްރީ އޮފް ހައުސިންގ، އިންފްރާސްޓްރަކްޗަރ އެންޑް އަރބަން ޑިވެލޮޕްމަންޓުން މި މަސައްކަތް އެމްޓީސީސީއާ ހަވާލުކުރީއެވެ. ދައުލަތުގެ ބަޖެޓުން 84.4 މިލިއަން ރުފިޔާ ހަރަދުކޮށްގެން ކުރާ މި މަޝްރޫޢުގެ ދަށުން، ދެ ފަށަލައަކަށް ތާރުއަޅައި ދިގު މުއްދަތަކަށް ދެމިހުރާނެ ފެންވަރު ރަނގަޅު މަގަކަށް އެ މަގު ބަދަލުކުރާނެއެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް