ފީފާ 15 އަހަރުން ދަށުގެ ވޯލްޑް ކަޕަށް ރާއްޖޭގެ ފައިނަލް ސްކޮޑު ނަންކޮށްފި
ފީފާ 15 އަހަރުން ދަށުގެ ވޯލްޑް ކަޕް އެންޑް ފެސްޓިވަލް 2026 ގައި ވާދަކުރާ ރާއްޖޭގެ ޓީމުގެ ފައިނަލް ސްކޮޑު ހުށަހަޅައި، ޓީމުގެ ހެޑް ކޯޗަކަށް އަޙްމަދު ޝާކިރު (ޝާކިއްޓޭ) ހަމަޖައްސައިފިއެވެ.
ފީފާ 15 އަހަރުން ދަށުގެ ވޯލްޑް ކަޕް އެންޑް ފެސްޓިވަލް 2026 ގައި ވާދަކުރާ ރާއްޖޭގެ ޓީމުގެ ފައިނަލް ސްކޮޑު ހުށަހަޅައި، ޓީމުގެ ހެޑް ކޯޗަކަށް އަޙްމަދު ޝާކިރު (ޝާކިއްޓޭ) ހަމަޖައްސައިފިއެވެ.
މި މުބާރާތް އަޒަރުބައިޖާނުގައި ބާއްވަނީ މިމަހުގެ 22 އިން 31 އަށެވެ. ޝާކިއްޓޭއާއެކު އެހީތެރި ކޯޗުންގެ ގޮތުގައި މަސައްކަތްކުރާނީ އަޙްމަދު ފައްރާހު (ފައްރަ) އާއި މަހިބަދޫ ޓީމުގެ ކޯޗު ހުސެއިން އައްބާހެވެ. ފައްރަ ވެސް ވަނީ 20 އަހަރުން ދަށުގެ ޓީމުގައި ޝާކިއްޓޭއާއެކު މަސައްކަތްކޮށްފައެވެ.
ޝާކިއްޓޭ އަކީ ދާދި ފަހުން ނިމުނު 20 އަހަރުން ދަށުގެ އޭއެފްސީ އޭޝިއަން ކަޕް ކޮލިފައިން ޑިވެލޮޕްމަންޓް ފޭސްގައި ޤައުމީ ޓީމު ހިންގި ކޯޗެވެ. އޭނާގެ ތަމްރީނުގެ ދަށުން އެ މުބާރާތުގައި ކުޅެ، 2029 ވަނަ އަހަރުގެ އޭޝިއަން ކަޕް ކޮލިފިކޭޝަނުގައި ބައިވެރިވުމުގެ ފުރުޞަތު ރާއްޖެއަށް ލިބުނެވެ.
ވޯލްޑް ކަޕް އެންޑް ފެސްޓިވަލްގައި ރާއްޖެ ހިމެނޭ ގްރޫޕުގައި ފްރާންސް، ދެކުނު އެފްރިކާ، އެސްޓޯނިއާ، ކޮސޯވޯ އަދި އަންގީލާ ހިމެނެއެވެ.
ފީފާ ކައުންސިލުން ފާސްކޮށްގެން ބާއްވާ މި ފެސްޓިވަލުގެ ލަނޑުދަނޑިއަކީ ދުނިޔޭގެ ފުޓްބޯޅައިގެ ކުރިމަގު ބައްޓަންކުރުމެވެ. ފީފާގެ 211 މެންބަރު އެސޯސިއޭޝަނަށް ހުޅުވާލާ މި މުބާރާތުގެ ކޮލިފިކޭޝަނުގައި ހަ ނުވަތަ ހަތް ޓީމު ހިމެނޭ 32 ގްރޫޕް އޮންނާނެއެވެ.
ފީފާގެ ރޭވުމާ އެއްގޮތަށް 2026 ގެ މުބާރާތް ޚާއްޞަކޮށްފައިވަނީ ފިރިހެން ކުދިންނަށެވެ. 2027 ގައި ބާއްވާނީ އަންހެން ކުދިންގެ މުބާރާތް ކަމަށާއި، 2028 އިން ފެށިގެން ކޮންމެ އަހަރަކު ދެ ބައިގެ މުބާރާތް އެއް ދުވަސްވަރެއްގައި ވަކިން ބާއްވާނެ ކަމަށެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް