މައިގަނޑު ބަޔަށް ދާން

ހަބަރު

ސަލާމަތަށް ހަމައެކަނި ހަނގުރާމަވެރި ނަޒަރަކުން ބެލުން މިހާރު ނުފުދޭ: ލީސާ ސިންގް

އިންޑޯ ޕެސިފިކް ސަރަހައްދުގައި ސުލްހައާއި ސްޓެބިލިޓީ އަދި ތަނަވަސްކަން ޤާއިމުކުރުމާ ބެހޭ ގޮތުން މަޝްވަރާކުރުމަށް، ބައިނަލްއަޤުވާމީ ތަޖުރިބާކާރުންނާއި ހައިކޮމިޝަނަރުން ބައިވެރިވި މަތީ ފެންވަރުގެ ޕެނަލް ޑިސްކަޝަނެއް ދިވެހިރާއްޖޭގެ ޤައުމީ ޔުނިވަރސިޓީ (އެމްއެންޔޫ) އިން ބާއްވައިފިއެވެ.

ސަލާމަތަށް ހަމައެކަނި ހަނގުރާމަވެރި ނަޒަރަކުން ބެލުން މިހާރު ނުފުދޭ: ލީސާ ސިންގް

އިންޑޯ ޕެސިފިކް ސަރަހައްދުގައި ސުލްހައާއި ސްޓެބިލިޓީ އަދި ތަނަވަސްކަން ޤާއިމުކުރުމާ ބެހޭ ގޮތުން މަޝްވަރާކުރުމަށް، ބައިނަލްއަޤުވާމީ ތަޖުރިބާކާރުންނާއި ހައިކޮމިޝަނަރުން ބައިވެރިވި މަތީ ފެންވަރުގެ ޕެނަލް ޑިސްކަޝަނެއް ދިވެހިރާއްޖޭގެ ޤައުމީ ޔުނިވަރސިޓީ (އެމްއެންޔޫ) އިން ބާއްވައިފިއެވެ.

މި ހަރަކާތް ބޭއްވީ އެމްއެންޔޫގެ ސަލާމަތާއި ސްޓްރެޓެޖިކް ކަންކަމުގެ ދިރާސާގެ ސްކޫލުގެ ދަށުންނެވެ. ސަރަހައްދީ ސަލާމަތާއި ސްޓްރެޓެޖިކް ގުޅުންތަކާއި، ގަވާއިދުތަކަށް ބިނާކޮށްފައިވާ ނިޒާމާ މެދު ވާހަކަ ދެއްކުމަށް ބޭއްވި މި ހަރަކާތުގައި ސަރުކާރުގެ އިސް މުވައްޒަފުންނާއި އެކަޑަމިކުން އަދި ރިސާޗް ދަރިވަރުން ވެސް ބައިވެރިވިއެވެ.

ހަރަކާތް ހުޅުވާލަމުން އެ ޔުނިވަރސިޓީގެ ރިސާޗް އެންޑް އެންޓަޕްރައިޒްގެ ޑެޕިއުޓީ ވައިސް ޗާންސެލަރު ޑރ. ރަހީމާ އަބްދުލް ރަހީމް ބުނީ، މިޒަމާނުގެ ޖިއޮޕޮލިޓިކަލް ހާލަތުތަކާ ކުރިމަތިލާއިރު ސަރަހައްދީ ގޮތުން ގުޅިގެން މަސައްކަތްކުރުމާއި، މުއައްސަސާތައް ވަރުގަދަކުރުމާއި، ކުދި ޤައުމުތަކުގެ ދައުރަށް ބޮޑު މުހިންމުކަމެއް ލިބިގެންވާ ކަމަށެވެ.

ހަރަކާތުގެ މައި ތަޤްރީރު ކުރީ މެލްބަން ޔުނިވަރސިޓީގެ އޮސްޓްރޭލިއާ އިންޑިއާ އިންސްޓިޓިއުޓުގެ ޗީފް އެގްޒެކެޓިވް އޮފިސަރު އަދި އޮސްޓްރޭލިއާގެ ކުރީގެ ސެނެޓަރު ލީސާ ސިންގެވެ. "ތްރީ ކޯނާޒް، ވަން އޯޝަން" ގެ ޚިޔާލުގެ ދަށުން އޮސްޓްރޭލިއާއާއި އިންޑިއާއާއި ދިވެހިރާއްޖެ ގުޅުވާލާ ތިން ފަރާތުގެ ސްޓްރެޓެޖިކް މުހިންމުކަން އޭނާ ފާހަގަކުރިއެވެ. ބޮޑު ކަނޑުތަކުގެ ޤައުމުތަކާއި ކުދި ޖަޒީރާ ޤައުމުތަކަށް ކުރިމަތިވާ މޫސުމީ ބަދަލުތަކާއި ހަކަތައިގެ ދަތިތަކާއި، ޤާނޫނާ ޚިލާފަށް ކުރާ މަސްވެރިކަމާއި ކަނޑުގެ ސަލާމަތާ ގުޅޭ ގޮންޖެހުންތަކަށް ހައްލު ހޯދުމަށް، ސަލާމަތަށް ހަމައެކަނި ހަނގުރާމަވެރި ނަޒަރަކުން ބެލުން މިހާރު ނުފުދޭނެ ކަމަށް އޭނާ ބުންޏެވެ. ސަރަހައްދުގެ ސްޓެބިލިޓީ ދެމެހެއްޓުމުގައި ޕެސިފިކް އައިލެންޑްސް ފޯރަމް، ކުއަޑް، އިންޑިއަން އޯޝަން ރިމް އެސޯސިއޭޝަން (އައިއޯއާރްއޭ) އަދި ކޮލޮމްބޯ ސެކިއުރިޓީ ކޮންކްލޭވް ފަދަ ޕްލެޓްފޯމްތަކަށް ބޮޑު އަގެއް ހުރި ކަމަށް ވެސް ލީސާ ބުންޏެވެ.

މައި ތަޤްރީރަށްފަހު ބޭއްވި ޕެނަލް ޑިސްކަޝަން މޮޑަރޭޓްކުރީ އެ ސްކޫލުގެ ޑީން ޑރ. އަތޯﷲ ރަޝީދެވެ. ޕެނަލްގައި ރާއްޖެއަށް ކަނޑައަޅުއްވާފައިވާ އިންޑިއާގެ ހައިކޮމިޝަނަރު ޖީ. ބާލަސުބްރަމަނިއަން، ރާއްޖެއަށް ކަނޑައަޅުއްވާފައިވާ އޮސްޓްރޭލިއާގެ ހައިކޮމިޝަނަރު ޑޭވިޑް ޖެސަޕް އަދި ފޮރިން މިނިސްޓްރީގެ ސެކްރެޓަރީ ޑރ. ހާލާ ބައިވެރިވިއެވެ. ކަނޑުގެ ސަރަހައްދު ބެލެހެއްޓުމާއި ދިފާޢީ ދާއިރާގެ އެއްބާރުލުމާ މެދު މަޝްވަރާކުރުމުގައި، އިންޑިއާގެ މެއިންޓެނެންސް އެހީތެރިކަމާއެކު އޮސްޓްރޭލިއާއިން ރާއްޖެއަށް ދިން ގާޑިއަން ކްލާސްގެ އުޅަނދު ވެސް ފާހަގަކުރެވުނެވެ.

ޑިސްކަޝަނުގައި ނޭޝަނަލް ސެކިއުރިޓީ އެޑްވައިޒަރާއި، ފޮރިން މިނިސްޓްރީ، އިޤްތިޞާދީ ތަރައްޤީއާއި ދަތުރުފަތުރާއި ވިޔަފާރީގެ މިނިސްޓްރީ، ދިވެހިރާއްޖޭގެ ޤައުމީ ދިފާޢީ ބާރު (އެމްއެންޑީއެފް)، ދިވެހި ފުލުހުންގެ ޚިދުމަތާއި ކަސްޓަމްސްގެ މީހުން ވެސް ބައިވެރިވިއެވެ.

ކޮމެންޓް ކުރޭ

އީމެއިލް ނުފެންނާނެއެވެ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް

ނިއުސް ކާސްޓް

އެންމެ ފަހުގެ ޚަބަރުތަކާއި، ސިޔާސީ އަދި އިޖުތިމާޢީ ކަންކަމުގެ އެންމެ ފުރިހަމަ މަޢުލޫމާތު އެންމެ އަވަހަށް ގެނެސްދިނުމަށް ޚާއްޞަކޮށްފައިވާ ވެބްސައިޓެކެވެ. އަޅުގަނޑުމެންގެ މަޤްޞަދަކީ، ހަމަހަމަކަމާއި އިންޞާފުވެރިކަމާއެކު، އިތުބާރު ހުރި ޚަބަރުތައް ކިޔުންތެރިންނާ ހަމައަށް ގެނެސްދިނުމެވެ.

Copyright © 2026 Newscast. All rights reserved.