އިބްރާހީމް ރަޝީދު މޫސާއަށް ނިޝާން ޢިއްޒުއްދީނުގެ ޢިއްޒަތުގެ ވެރިކަން އަރުވައިފި
Ibrahim Rasheed Moosa ah nishaan izzudheenge izzathuge verikan aruvaifi
Ahmed Aahil Saeed
26 July 2026
ރައީސުލްޖުމްހޫރިއްޔާ، ނިޝާން ޢިއްޒުއްދީނުގެ ޢިއްޒަތުގެ ވެރިކަން، އަލްއުސްތާޛު އިބްރާހީމް ރަޝީދު މޫސާއަށް އެރުވުމުގެ ތެރެއިން؛ ފޮޓޯ / ރައީސް އޮފީސް
މިނިވަން ދުވަހުގެ ރަސްމީ ޖަލްސާގައި މިއަދު ހެނދުނު ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު އަލްއުސްތާޛު އިބްރާހީމް ރަޝީދު މޫސާއަށް ނިޝާން ޢިއްޒުއްދީނުގެ ޢިއްޒަތުގެ ވެރިކަން (ނ.ޢ.ޢ.ވ.) އަރުވައިފިއެވެ.
މި ޝަރަފު ލިބިވަޑައިގެންނެވި އަލްއުސްތާޛު އިބްރާހީމް ރަޝީދު މޫސާއަކީ އިސްލާމީ ޢިލްމު ފެތުރުއްވުމާއި ދީނީ ހޭލުންތެރިކަން އިތުރުކުރެއްވުމާއި ދީނީ ފޮތް ލިޔުއްވުމުގެ ދާއިރާއިން ފާހަގަކޮށްލެވޭ ޚިދުމަތްތެރިއެކެވެ. މިސުރުގެ އަލް ޖާމިޢުލް އަޒުހަރުން ތަޢުލީމު ޙާޞިލުކުރެއްވުމަށްފަހު ރާއްޖެ ވަޑައިގެން ފުރަތަމަ މަސައްކަތްކުރެއްވީ މަޖީދިއްޔާ ސްކޫލުގައި ހިސާބު ކިޔަވައިދެއްވުމުގެ ދާއިރާގައެވެ.
ހިސާބު ޢިލްމުގެ ރޮނގުން ރާއްޖޭގެ ފުންނާބު އުސް ބޭފުޅުންގެ ތެރޭގައި އެމަނިކުފާނު ހިމެނިވަޑައިގަންނަވައެވެ.
މަޢުހަދުއްދިރާސާތިލް އިސްލާމިއްޔާ ވުޖޫދަށް ގެންނެވުމުގައި އިބްރާހީމް ރަޝީދު މޫސާ މުހިންމު ދައުރެއް އަދާކުރެއްވިއެވެ. އެ މުއައްސަސާގެ ހިންގެވުމާ ހަވާލުވެވަޑައިގެން ފަށާ ތަޢުލީމުން ފެށިގެން މަތީ ސާނަވީއާ ހަމައަށް ޢަރަބިބަހުން ކިޔަވައިދިނުން ފުޅާކުރައްވައި ގިނަ ދަރިވަރުންނަށް ރާއްޖެއިން ބޭރުން ޢަރަބި އަދި އިސްލާމީ ތަޢުލީމު ހޯދޭނެ މަގު ތަނަވަސްކޮށްދެއްވިއެވެ.
ދީނީ ރޮނގުން ފަންސާހަށްވުރެ ގިނަ ފޮތް ތަޞްނީފުކުރައްވައި ޝާއިޢުކުރެއްވުމުގެ އިތުރުން 11 ފޮތެއް ތަރުޖަމާކުރައްވައިފައިވެއެވެ. ދިވެހިރާއްޖޭގެ އަޑާ ގުޅިގެން "ޤުރްއާން ކިޔަވަން ދަސްކުރަމާތޯ" ގެ ނަމުގައި 365 ޕުރޮގުރާމުގެ ސިލްސިލާއެއް އުފައްދެވިއެވެ. އަދި "ޤުރްއާނާއި ސައެންސް" ގެ 52 ޕުރޮގުރާމުގެ ސިލްސިލާއެއްވެސް ލިޔުއްވިއެވެ. ރަމަޟާން މަހު ޓެލެވިޜަން މޯލްޑިވްސްއިން ގެނެސްދެއްވާ "މޙމދ ރސވލ އލލހ" ސިލްސިލާ ދިވެހިބަހަށް ތަރުޖަމާކޮށްދެއްވީވެސް އެމަނިކުފާނެވެ. މީގެ އިތުރުން ނޫސްވެރިކަމުގެ ދާއިރާގައި "އަމާޒު" އާއި "ފަތްތޫރަ" ފަދަ މަޖައްލާތަކަށް ލިޔުއްވައި ތަފާތު ނޫސް މަޖައްލާތަކުގެ މަސްއޫލުވެރިކަމާއި މުޤައްރިރުކަންވެސް ކުރެއްވިއެވެ.
އަލްއުސްތާޛު އިބްރާހީމް ރަޝީދު މޫސާ ވަނީ 43 އަހަރަށްވުރެ ދިގު މުއްދަތެއްގައި ދައުލަތުގެ އިސް މަޤާމުތައް ފުރުއްވައިފައެވެ. އެންމެ ގިނަ ދުވަހު ޚިދުމަތްކުރެއްވީ މަޢުހަދުއްދިރާސާތިލް އިސްލާމިއްޔާ އަދި ފަހުން ކުއްލިއްޔަތުއްދިރާސާތިލް އިސްލާމިއްޔާގައެވެ. 17 ނޮވެންބަރު 2018 ގައި ދައުލަތުގެ ޚިދުމަތުން ވަކިވެވަޑައިގެންނެވިއިރު ހުންނެވީ ކީރިތި ޤުރްއާނާބެހޭ މަރުކަޒުގެ ރައީސްގެ މަޤާމުގައެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް