މައިގަނޑު ބަޔަށް ދާން

ހަބަރު

ފައިސާގެ ދަތިކަމުން ޑަބްލިއުއެފްޕީން ޣައްޒާގެ ފަސް ލައްކަ މީހުންގެ ކާބޯތަކެތީގެ އެހީ ހުއްޓާލައިފި

ޣައްޒާގައި ކޮންމެ މަހަކު 500,000 މީހުންނަށް ދެމުން އައި ކާބޯތަކެތީގެ އެހީ، ފައިސާގެ ދަތިކަމާ ހުރެ މެދުކަނޑާލަން ޖެހިއްޖެ ކަމަށް އދ. ގެ ވޯލްޑް ފުޑް ޕްރޮގްރާމް (ޑަބްލިއުއެފްޕީ) އިން ބުނެފިއެވެ.

ފައިސާގެ ދަތިކަމުން ޑަބްލިއުއެފްޕީން ޣައްޒާގެ ފަސް ލައްކަ މީހުންގެ ކާބޯތަކެތީގެ އެހީ ހުއްޓާލައިފި

ޣައްޒާގައި ކޮންމެ މަހަކު 500,000 މީހުންނަށް ދެމުން އައި ކާބޯތަކެތީގެ އެހީ، ފައިސާގެ ދަތިކަމާ ހުރެ މެދުކަނޑާލަން ޖެހިއްޖެ ކަމަށް އދ. ގެ ވޯލްޑް ފުޑް ޕްރޮގްރާމް (ޑަބްލިއުއެފްޕީ) އިން ބުނެފިއެވެ.

ޑަބްލިއުއެފްޕީން ބުނެފައިވާ ގޮތުގައި، އެހީ ލިބޭ މީހުންގެ ޢަދަދު 1.6 މިލިއަނުން 1.1 މިލިއަނަށް ކުޑަކޮށްފައިވެއެވެ. ބަހާ ކާބޯތަކެތީގެ މިންވަރު ދެބައިކުޅަ އެއްބަޔަށް ދަށްކޮށް، 75,000 އާއިލާއަކަށް ދެމުން އައި ނަގުދު ފައިސާގެ އެހީ ވެސް ހުއްޓާލާފައިވާ ކަމަށް އެ ޖަމާޢަތުން ބުނެއެވެ. އަމިއްލައަށް ކެއުން ތައްޔާރުނުކުރެވޭ ފަރާތްތަކަށް ކޮންމެ ދުވަހަކު ބަހާ ކާނާގެ ޕެކް 250,000 އިން 150,000 އަށް މަދުކޮށްފައިވާ ކަމަށް ވެސް ޑަބްލިއުއެފްޕީން ބުނެފައިވެއެވެ.

މި ނިންމުމުގެ އަސަރު ކުރާނީ، ކާނާ ހޯދަން މިހާރުވެސް ދަތިވެފައިވާ ޣައްޒާގެ އާބާދީގެ ތިންބައިކުޅަ ދެބައި މީހުންނަށެވެ. ޑަބްލިއުއެފްޕީގެ ހިސާބުތަކުގައިވާ ގޮތުން، ގާތްގަނޑަކަށް 1.4 މިލިއަން މީހުން، ނުވަތަ އާބާދީގެ ގާތްގަނޑަކަށް ދެބައިކުޅަ އެއްބައި ކާބޯތަކެތީގެ ރައްކާތެރިކަމެއް ނެތި ތިބިއިރު، އޭގެ ތެރެއިން ގާތްގަނޑަކަށް 200,000 މީހުން ތިބީ ކުއްލި ނުރައްކަލުގެ ހާލަތެއްގައެވެ.

ރޮއިޓަރސްއާ ވާހަކަދައްކަމުން ޑަބްލިއުއެފްޕީގެ އެކްޓިންގ އެގްޒެކެޓިވް ޑިރެކްޓަރ ކާލް ސްކާއު ބުނީ، ހަނގުރާމަ ހުއްޓާލުމުގެ އެއްބަސްވުމަށް އަހަރެއް ވީއިރުވެސް ހާލަތު އޮތީ ވަރަށް ނުރައްކާތެރި ފެންވަރެއްގައި ކަމަށާއި، ރައްޔިތުންނަށް އެކަށީގެންވާ ބޯހިޔާވަހިކަމާއި އަސާސީ ޚިދުމަތްތައް އަދިވެސް ނުލިބޭ ކަމަށެވެ. ޣައްޒާގެ ރައްޔިތުން ހަތަރުވަނަ ފިނި މޫސުމަކާ ކުރިމަތިލާއިރު، ކުރިއަށް އޮތް ހަ މަސްދުވަހަށް 450 މިލިއަން ޑޮލަރު ބޭނުންވާ ކަމަށް ވެސް ސްކާއު ބުންޏެވެ.

ޣައްޒާއާއި އިސްތިޢުމާރީ އިޒްރޭލުން އަޅުވެތިކޮށްފައިވާ ހުޅަނގު އައްސޭރިފަށުގައި އިންސާނީ އެހީގެ މަސައްކަތްތައް ނުހުއްޓި ކުރިއަށް ގެންދިއުމަށް މި ފައިސާ ލާޒިމުކޮށް ބޭނުންވާ ކަމަށް ބުނެ، ދުނިޔެއިން މިކަމަށް ފަރުވާކުޑަކުރަން ވާ ވަގުތެއް ނޫން ކަމަށް ޑަބްލިއުއެފްޕީން ގޮވާލާފައިވެއެވެ.

ފާއިތުވި އަހަރު އެމެރިކާގެ މެދުވެރިކަމާއެކު ހެދި ހަނގުރާމަ ހުއްޓާލުމުގެ އެއްބަސްވުމުގެ ދަށުން ޣައްޒާ އަލުން ބިނާކުރަން ރާވާފައިވީ ނަމަވެސް، އިޒްރޭލުގެ ސިފައިން ފޭބުމާއި ޙަމާސްގެ ހަތިޔާރު ބެހެއްޓުމާ ބެހޭ މާއްދާތައް ތަންފީޒުކުރުމުގައި އަދިވެސް އެއްވެސް ކުރިއެރުމެއް ނައިސްފައެވެ.

ކޮމެންޓް ކުރޭ

އީމެއިލް ނުފެންނާނެއެވެ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް

ނިއުސް ކާސްޓް

އެންމެ ފަހުގެ ޚަބަރުތަކާއި، ސިޔާސީ އަދި އިޖުތިމާޢީ ކަންކަމުގެ އެންމެ ފުރިހަމަ މަޢުލޫމާތު އެންމެ އަވަހަށް ގެނެސްދިނުމަށް ޚާއްޞަކޮށްފައިވާ ވެބްސައިޓެކެވެ. އަޅުގަނޑުމެންގެ މަޤްޞަދަކީ، ހަމަހަމަކަމާއި އިންޞާފުވެރިކަމާއެކު، އިތުބާރު ހުރި ޚަބަރުތައް ކިޔުންތެރިންނާ ހަމައަށް ގެނެސްދިނުމެވެ.

Copyright © 2026 Newscast. All rights reserved.