ދައުލަތުގެ މައި އިމާރާތްތަކުގައި ހުޅުޖެހުމަށް ގޮވާލި ޕޯސްޓު: ފުލުހުން ޒިހާންގެ މައްސަލަ ބަލަނީ
ސްޕްރީމް ކޯޓާއި ރައީސް އޮފީހާއި ރައްޔިތުންގެ މަޖިލީހުގެ ޢިމާރާތުގައި ހުޅުޖެހުމަށް ސޯޝަލް މީޑިއާގައި ހިތްވަރުދިން މައްސަލައެއް ފުލުހުން ބަލަން ފަށައިފިއެވެ.
ސްޕްރީމް ކޯޓާއި ރައީސް އޮފީހާއި ރައްޔިތުންގެ މަޖިލީހުގެ ޢިމާރާތުގައި ހުޅުޖެހުމަށް ސޯޝަލް މީޑިއާގައި ހިތްވަރުދިން މައްސަލައެއް ފުލުހުން ބަލަން ފަށައިފިއެވެ.
މި ޕޯސްޓު ކޮށްފައިވަނީ ޓްރާންސްޕޯޓް މިނިސްޓްރީގެ ކުރީގެ ޑެޕިއުޓީ މިނިސްޓަރު ޙަސަން ޒިހާނެވެ. އޭނާއަކީ އެމްއެންޑީއެފްގެ ނޭވަލް އާކިޓެކްޓެއްގެ ގޮތުގައި ފަސްޓް ލެފްޓިނެންޓްގެ ރުތުބާގައި ޚިދުމަތްކޮށްފައިވާ މީހެކެވެ.
ޒިހާންގެ ފޭސްބުކް އެކައުންޓުން އިނގިރޭސި ބަހުން ކޮށްފައިވާ ޕޯސްޓުގައި، އެ ތިން ޢިމާރާތުގައި ހުޅުޖެހުމުގެ ފުރުޞަތު ދިވެހިންނަށް ނުލިބެނީ ކީއްވެތޯ ސުވާލުކޮށްފައިވެއެވެ. ދައުލަތުގެ ތިން ބާރު ހިންގާ މައި އިދާރާތަކުގައި އަލިފާން ރޯކޮށްލުމަކީ މަޖާ ކަމަކަށް ވާނެ ކަމަށް ވެސް އެ ޕޯސްޓުގައި ބުނެފައިވެއެވެ.
އެ ޕޯސްޓާ ގުޅިގެން ގިނަ ބަޔަކު ފާޑުކިޔުމުން، ފުލުހުން މިހާރު އެ މައްސަލަ ރަސްމީކޮށް ތަޙުޤީޤުކުރަމުންދަނީ ޓެރަރިޒަމް މަނާކުރުމުގެ ޤާނޫނު (ޤާނޫނު ނަންބަރު: 32/2015) ވެސް ހިމެނޭ ގޮތަށެވެ.
އެ ޤާނޫނުގައިވާ ގޮތުން، ސީދާ ނުވަތަ ނުސީދާ ގޮތުން ޓެރަރިޒަމްގެ ޢަމަލެއް ކުރުމަށް ހިތްވަރުދިނުމަކީ ކުށެކެވެ. މީހަކު ބުނާ ބަހަކީ ނުވަތަ ދޭ ބަޔާނަކީ އެފަދަ ޢަމަލެއް ކުރުމަށް، ރޭވުމަށް ނުވަތަ މަގުފަހިކުރުމަށް ދެވޭ ހިތްވަރެއް ކަމަށް ޢާންމުންނަށް ނުވަތަ ޢާންމުންގެ ބަޔަކަށް ފެންނަނަމަ އެއީ ހިތްވަރުދިނުން ކަމަށް ބެލެވެއެވެ. އެކަން ކަނޑައަޅާއިރު، ދެއްކި ވާހަކައިގައި ހިމެނޭ ކަންކަމާއި، އެ ވާހަކަ ދެއްކި މަޙައްލާއި ހާލަތާއި، ބޭނުންކުރި ވަސީލަތްތަކަށް ކޯޓުން ރިޢާޔަތްކުރަން ޖެހެއެވެ.
ޓެރަރިޒަމްގެ ޢަމަލަކަށް ހިތްވަރުދިނުމުގެ ކުށް ސާބިތުވާ މީހެއްގެ މައްޗަށް 10 އަހަރާއި 15 އަހަރާ ދެމެދުގެ ޖަލު ޙުކުމެއް ކުރާނެ ކަމަށް ޤާނޫނުގައި ބަޔާންކޮށްފައިވެއެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް