ބޭރުގެ ޓުއަރ އޮޕަރޭޓަރުންނާއި ޓްރެވެލް އެޖެންޓުންގެ ޓީޖީއެސްޓީ އުވާލުމަށް ބިލް
ބޭރުގެ ޓުއަރ އޮޕަރޭޓަރުންނާއި ޓްރެވެލް އެޖެންޓުންގެ އަތުން ޓީޖީއެސްޓީ ނެގުން ހުއްޓާލުމަށް، އެ ޓެކްސް ނެގުމާ ގުޅޭ މާއްދާތައް ޖީއެސްޓީ ގާނޫނުން އުވާލުމުގެ އިސްލާހެއް މިއަދު މަޖިލީހަށް ހުށަހަޅައިފިއެވެ.
ބޭރުގެ ޓުއަރ އޮޕަރޭޓަރުންނާއި ޓްރެވެލް އެޖެންޓުންގެ އަތުން ޓީޖީއެސްޓީ ނެގުން ހުއްޓާލުމަށް، އެ ޓެކްސް ނެގުމާ ގުޅޭ މާއްދާތައް ޖީއެސްޓީ ގާނޫނުން އުވާލުމުގެ އިސްލާހެއް މިއަދު މަޖިލީހަށް ހުށަހަޅައިފިއެވެ.
މި އިސްލާހު މަޖިލީހަށް ހުށަހަޅުއްވާފައިވަނީ ކޮލަމާފުށި ދާއިރާގެ މެމްބަރު އިބްރާހިމް ދީދީއެވެ. މި އިސްލާހު ހުށަހެޅުއްވީ، ޖީއެސްޓީ ގާނޫނަށް ކުރިން ގެނައި ބަދަލު މި މަހުގެ 1 ވަނަ ދުވަހުން ފެށިގެން ތަންފީޒުކުރަން ފެށުމަށްފަހު ކުރު މުއްދަތެއް ފަހުންނެވެ.
މިއަދު ހުށަހެޅި އިސްލާހު ފާސްވެއްޖެނަމަ، ބޭރުގެ ޓުއަރ އޮޕަރޭޓަރުންނާއި ޓްރެވެލް އެޖެންޓުންގެ އަތުން ޓީޖީއެސްޓީ ނަގާކަށް ނުލިބޭނެއެވެ.
މި މަހުގެ 1 ވަނަ ދުވަހު ޓޫރިޒަމް ދުވަސް ފާހަގަކުރުމަށް ބޭއްވި ހަފްލާގައި ޓޫރިޒަމް މިނިސްޓަރު މުޙައްމަދު އަމީން ވިދާޅުވީ، އެ ޓެކްސް ނަގާ ގޮތާ ގުޅިގެން ޓޫރިޒަމް ދާއިރާއިން އަދި ބޭރުގެ ޓުއަރ އޮޕަރޭޓަރުންގެ ފަރާތުން ބޮޑެތި ޝަކުވާތަކެއް ލިބިފައިވާތީ، އެކަމަށް ބަދަލުތަކެއް ގެންނާނެ ކަމަށެވެ.
"މިވަގުތު ރައީސުލްޖުމްހޫރިއްޔާ ނިންމަވާފައިވަނީ ޑެސްޓިނޭޝަން ޕްރިންސިޕަލްގެ އުސޫލުން ޓީޖީއެސްޓީ ގާނޫނަށް ވަރަށް އަވަހަށް ބަދަލުތަކެއް ގެންނަން،" އަމީން ވިދާޅުވިއެވެ.
ރާއްޖެއަށް ޓޫރިސްޓުން ބުކްކޮށްދޭ ބޭރުގެ ޕްލެޓްފޯމްތަކާއި ޓުއަރ އޮޕަރޭޓަރުންނާއި ޓްރެވެލް އެޖެންޓުންގެ ޚިދުމަތްތަކުން ޖީއެސްޓީ ނެގުމަށް ގެނައި އިސްލާހު ރައީސް ޑރ. މުޙައްމަދު މުއިއްޒު ތަސްދީޤުކުރެއްވީ މިދިޔަ އޮގަސްޓު 31 ވަނަ ދުވަހުއެވެ. ޓެކްސް ނެގުމުގެ ނިޒާމުގައި ހުރި ދަތިތައް ހައްލުކޮށް، އެ ނިޒާމު ހަރުދަނާކުރުމަށް އެ ޓެކްސް ނަގާ ކަމަށް އެ އިސްލާހުގައި ބުނެފައިވެއެވެ. އެ ބިލް ފާސްކުރި އިރު، ބޭރުގެ ޓްރެވެލް އެޖެންޓުންގެ ފަރާތުން 299.3 މިލިއަން ރުފިޔާއާއި ބޭރުގެ ޓުއަރ އޮޕަރޭޓަރުންގެ ފަރާތުން 1.3 ބިލިއަން ރުފިޔާ ލިބި، ދައުލަތުގެ އާމްދަނީއަށް އަހަރަކު 1.6 ބިލިއަން ރުފިޔާ އިތުރުވާނެ ކަމަށް ލަފާކޮށްފައިވެއެވެ. ނަމަވެސް ރާއްޖޭގެ އަދި ބޭރުގެ ތަޖުރިބާކާރުން ކަންބޮޑުވުން ފާޅުކުރުމުން، އެ ގާނޫނަށް ބަދަލު ގެނައުމަށް ސަރުކާރުން ނިންމިއެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް