ބޭބެއަށް މަރުގެ އިންޒާރުދިން ކުޅުދުއްފުށީ މީހަކު ޖަލަށް
ފައިސާ ނުދީފިނަމަ މަރާލާނެ ކަމަށް ބުނެ އަމިއްލަ ބޭބެއަށް ބިރުދެއްކި މީހަކު ތިން މަހާއި ދެ ދުވަހަށް ޖަލަށްލުމަށް ކުޅުދުއްފުށީ މެޖިސްޓްރޭޓް ކޯޓުން މިއަދު ޙުކުމްކޮށްފިއެވެ.
ފައިސާ ނުދީފިނަމަ މަރާލާނެ ކަމަށް ބުނެ އަމިއްލަ ބޭބެއަށް ބިރުދެއްކި މީހަކު ތިން މަހާއި ދެ ދުވަހަށް ޖަލަށްލުމަށް ކުޅުދުއްފުށީ މެޖިސްޓްރޭޓް ކޯޓުން މިއަދު ޙުކުމްކޮށްފިއެވެ.
ޙުކުމްކުރީ ހދ. ކުޅުދުއްފުށީ އިބްރާހީމް ޙަސަނަށެވެ. ދައުލަތުން އޭނާގެ މައްޗަށް ދަޢުވާކޮށްފައިވަނީ މީހަކަށް އަނިޔާއެއް ލިބިދާފަދަ ކުށެއް ކޮށްފާނެ ކަމުގެ ބިރުދެއްކުމުގެ ކުށުގައެވެ.
ދަޢުވާގައިވާ ގޮތުގައި، 27 ޖުލައި 2026 ވަނަ ދުވަހުގެ މެންދުރުފަހު 14:20 ހާއިރު، އިބްރާހީމް ވަނީ އޭނާގެ އެއްބަނޑު އެއްބަފާ ބޭބެ މަސައްކަތްކުރާ ކުޅުދުއްފުށީ ދިރާގު އޮޕަރޭޝަން ސެންޓަރަށް ގޮސް ފައިސާ ހޯދުމަށް އެދިފައެވެ. އަތުގައި ފައިސާ ނެތް ކަމަށް ބޭބެ ބުނުމުން އޭނާ ރުޅިއައިސް، “ފައިސާ ހުންނާނެ ކަމަށާއި ތިޔަ އުޅެނީ ފައިސާ ނުދޭން“ ކަމަށް ބުނެ އަޑުގަދަކޮށްފައިވާ ކަމަށް ދަޢުވާގައި ބުނެފައިވެއެވެ.
ފައިސާ ނުދީފިނަމަ މަރާލާނެ ކަމަށް ބުނެ ބިރުދެއްކި އިބްރާހީމް، އެ މައްސަލަ ރިޕޯޓްކުރުމުން ފުލުހުން އެތަނަށް ދިޔައިރު ވެސް ފުލުހުންގެ ކުރިމަތީގައި ބޭބެއަށް މަރުގެ އިންޒާރު ދީފައިވެއެވެ. ބޭބެއާއި ދިރާގުގެ އިތުރު މުވައްޒަފަކާ ދިމާއަށް ދުވެފައި ގޮސް ބިރުވެރި މާޙައުލެއް އުފެއްދި ކަމަށް ވެސް ދަޢުވާގައިވެއެވެ.
ޝަރީޢަތުގެ އިބްތިދާއީ މަރުޙަލާއާއި އަވަސްނިޔާގެ އަޑުއެހުމުގައި އިބްރާހީމް ދަޢުވާއަށް އިޢުތިރާފުވުމުން، ޝައްކެއް ނެތް މިންވަރަށް ކުށް ސާބިތުވާ ކަމަށް ކޯޓުން ކަނޑައަޅާފައިވެއެވެ. ޤާނޫނުލްޢުޤޫބާތުގެ ދަށުން މި ކުށުގެ އަސާސީ އަދަބަކީ ހަތަރު މަހާއި 24 ދުވަހުގެ ޖަލު ޙުކުމެކެވެ. ވޭތުވެދިޔަ ހަ އަހަރުގެ ތެރޭގައި ޖިނާޔަތުގެ ކުށެއް ސާބިތުވެފައިވާތީ އަދަބު އެއް ދަރަޖަ މަތިކުރަން ޖެހުނު ނަމަވެސް، ކުށަށް އިޢުތިރާފުވުމާއި ބޭބެ މައްސަލަ ދޫކޮށްލަން އެދި ލުއި ދިނުމަށް އެދުމުން، ފަނޑިޔާރުގެ އިޚްތިޔާރުގެ ދަށުން އަދަބު ދެ ދަރަޖަ ދަށްކޮށް ތިން މަހާއި 18 ދުވަހަށް ކަނޑައަޅާފައިވެއެވެ.
ތަޙުޤީޤު މަރުޙަލާގައި އިބްރާހީމް ބަންދުގައި ހުރި 16 ދުވަސް އުނިކުރުމަށްފަހު، ޖަލަށްލާ މުއްދަތު ތިން މަހާއި ދެ ދުވަހަށް ކޯޓުން ކަނޑައަޅާފައިވެއެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް