ރަސްމާލޭގައި އިސްރާއީލުގެ ރައްޔިތުންނަށް ތަނެއް ގަނެ ކުއްޔަށް ހޯދުން މަނާކުރަނީ: ރައީސް
އިސްރާއީލުގެ ރައްޔިތުންނަށް އެއްވެސް ޕްރޮޖެކްޓެއްގެ ތެރެއިން ރާއްޖޭގައި ތަނެއް ގަތުމާއި ވިއްކުމާއި ކުއްޔަށް ހޯދުމުގެ ފުރުސަތު ނުދޭނެ ކަމަށް ރައީސް ޑރ. މުޙައްމަދު މުޢިއްޒު މިއަދު ވިދާޅުވެއްޖެއެވެ.
އިސްރާއީލުގެ ރައްޔިތުންނަށް އެއްވެސް ޕްރޮޖެކްޓެއްގެ ތެރެއިން ރާއްޖޭގައި ތަނެއް ގަތުމާއި ވިއްކުމާއި ކުއްޔަށް ހޯދުމުގެ ފުރުސަތު ނުދޭނެ ކަމަށް ރައީސް ޑރ. މުޙައްމަދު މުޢިއްޒު މިއަދު ވިދާޅުވެއްޖެއެވެ.
ރައީސް މި ވާހަކަ ފާހަގަކުރެއްވީ ރައީސް އޮފީހުން ބާއްވާ "ދަ ޕްލަސް" ޕްރޮގްރާމުގައި ވާހަކަފުޅު ދައްކަވަމުންނެވެ. ރައީސް ވިދާޅުވީ، ކުޑަ ދުވަސްކޮޅެއްގެ ތެރޭގައި ރިއަލް އެސްޓޭޓާ ބެހޭ ޤާނޫނެއް ސަރުކާރުން ތަޢާރަފްކުރާނެ ކަމަށާއި، އެ ޤާނޫނުގެ ދަށުން ވަކި ޤައުމެއްގެ ނަސްލަށް ނިސްބަތްވާ މީހުންގެ ޢަދަދު ވަކި އިންސައްތައަކަށް ހަނިކުރެއްވޭނެ ކަމަށެވެ.
"އަޅުގަނޑުމެން ކަނޑައަޅާފައިވަނީ، އެއްވެސް ގައުމެއްގެ ރައްޔިތުން އެންމެ ގިނަ ވެގެން 25 އިންސައްތައަށޭ ތިބެވޭނީ، އިނގޭތޯ. އެއަށްވުރެ ގިނައިން ވަކި ގައުމެއްގެ ރައްޔިތުންނަކަށް ނުތިބެވޭނެ،" ރައީސް ވިދާޅުވިއެވެ.
ރައީސް ވިދާޅުވީ، އިސްރާއީލުގެ ރައްޔިތުންނަށް ރަސްމާލޭގައި އަމުދުން ނުތިބެވޭނެ ކަމަށެވެ. "އިސްރާއީލުގެ ރައްޔިތުންނަކަށެއް މި ޕްރޮޖެކްޓްގެ ތެރެއިން އަދި ކުރިއަށް އޮތްތާ އެހެން އެއްވެސް ޕްރޮޖެކްޓަކުން ވެސް މިތަނުން އެއްވެސް ޕްރޮޕަޓީއެއް ގަނެ، ވިއްކާ، ކުއްޔަށް ހޯދައި، މިކަހަލަ އެއްވެސް ކަމެއް ނުކުރެވޭނެ. ގާނޫނުގެ ތެރެއިން އަޅުގަނޑުމެން އެކަން ބަންދުކުރާނަން،" ރައީސް ވިދާޅުވިއެވެ.
ދިވެހިންނަށް އެއްވެސް ހަނިކުރުމެއް ނެތި ރަސްމާލޭގެ ހުރިހާ ޕްރޮޕަޓީއެއް ގަތުމުގެ ފުރުސަތު ހުޅުވިފައި އޮންނާނެ ކަމަށް ވެސް ރައީސް ފާހަގަކުރެއްވިއެވެ. މެދުފަންތީގެ އަދި އެއަށްވުރެ މަތީ އާމްދަނީ ލިބޭ ދިވެހިންނަށް ރަސްމާލޭގެ ޕްރޮޕަޓީ ގަނެވޭ ވަރަށް އާމްދަނީ ލިބޭ ކަމަށް ވެސް ރައީސް ވިދާޅުވިއެވެ. އީގަލް ހިލްސްއިން ރަސްމާލޭގައި ތަރައްޤީކުރާ ޕްރޮޕަޓީތަކުގެ ތެރެއިން 1,000 އަކަފޫޓުގެ ތަނެއްގެ އަގަކީ 600,000 ޑޮލަރެވެ.
މި މަޝްރޫޢުގެ އެއްބަސްވުމުގައި ސޮއިކުރައްވާފައިވަނީ މިނިސްޓަރ އޮފް ކޮންސްޓްރަކްޝަން އެންޑް އިންފްރާސްޓްރަކްޗަރ ޑރ. ޢަބްދުﷲ މުއްޠަލިބާއި އީގަލް ހިލްސްގެ ޗެއާމަން މުޙައްމަދު އަލާއްބާރެވެ. މަޝްރޫޢުގެ އެކި ފިޔަވަޅުތަކުގެ އަންދާޒާ އަގު 20 ބިލިއަން ޑޮލަރަށް އަރާއިރު، އެ މަޝްރޫޢުން 54,000 އަށްވުރެ ގިނަ ވަޒީފާ އުފެދި، އަހަރަކު ދެ ބިލިއަން ޑޮލަރުގެ ފަތުރުވެރިކަމުގެ އާމްދަނީ ލިބޭނެ ކަމަށް ސަރުކާރުން ލަފާކުރެއެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް