ދައުލަތުގެ ޓެކްސް އާމްދަނީ ހަތް އިންސައްތަ އިތުރުވެ 24.63 ބިލިއަން ރުފިޔާއަށް
މި އަހަރުގެ މިހާތަނަށް ދައުލަތަށް ލިބުނު ޓެކްސް އާމްދަނީ ކުރީ އަހަރުގެ އެ މުއްދަތާ އަޅާބަލާއިރު %7.0 އިތުރުވެފައިވާ ކަމަށް ފިނޭންސް މިނިސްޓްރީން ނެރުނު ހަފުތާގެ ރިޕޯޓެއްގައި ބުނެފިއެވެ.
މި އަހަރުގެ މިހާތަނަށް ދައުލަތަށް ލިބުނު ޓެކްސް އާމްދަނީ ކުރީ އަހަރުގެ އެ މުއްދަތާ އަޅާބަލާއިރު %7.0 އިތުރުވެފައިވާ ކަމަށް ފިނޭންސް މިނިސްޓްރީން ނެރުނު ހަފުތާގެ ރިޕޯޓެއްގައި ބުނެފިއެވެ.
މިނިސްޓްރީ އޮފް ފައިނޭންސް އެންޑް ޕަބްލިކް އެންޓަޕްރައިޒަސްގެ ވީކްލީ ފިސްކަލް ޑިވެލޮޕްމަންޓްސް ރިޕޯޓުގައިވާ ގޮތުން، މި އަހަރު މިހާތަނަށް ޓެކްސް އާމްދަނީގެ ގޮތުގައި 24.63 ބިލިއަން ރުފިޔާ ލިބިފައިވެއެވެ. 2025 ވަނަ އަހަރުގެ އެ މުއްދަތުގައި ލިބިފައިވަނީ 23.03 ބިލިއަން ރުފިޔާ ކަމަށް ރިޕޯޓުގައި ބުނެފައިވެއެވެ. ދައުލަތަށް ލިބުނު ޖުމްލަ އާމްދަނީއާއި ހިލޭ އެހީ %2.6 އިތުރުވެ 31.89 ބިލިއަން ރުފިޔާއަށް އަރާފައިވެއެވެ.
އެ މިނިސްޓްރީން ބުނާ ގޮތުގައި ޓެކްސް އާމްދަނީ އިތުރުވީ މައިގަނޑު ގޮތެއްގައި ޖީޖީއެސްޓީއާއި، ރާއްޖޭގައި ވަޒަންވެރިނުވާ ފަރާތްތަކުން ނަގާ ވިތުހޯލްޑިންގ ޓެކްސްއާއި، އާމްދަނީގެ އެހެން މުހިންމު ދާއިރާތަކުން ލިބުނު ފައިސާ އިތުރުވުމުންނެވެ. ޖީޖީއެސްޓީއިން ލިބުނު އާމްދަނީ %8.2 އިތުރުވެ 4.43 ބިލިއަން ރުފިޔާއަށް އަރާފައިވާއިރު، ވިތުހޯލްޑިންގ ޓެކްސްއިން ލިބުނު އާމްދަނީ %10.4 އިތުރުވެ 1.09 ބިލިއަން ރުފިޔާއަށް އަރާފައިވެއެވެ.
ރިޕޯޓުގައިވާ ގޮތުން އިމްޕޯޓް ޑިއުޓީއިން 2.79 ބިލިއަން ރުފިޔާ ލިބިފައިވާއިރު، އެއީ %15.2 ގެ އިތުރުވުމެކެވެ. ކޯޕަރޭޓް އިންކަމް ޓެކްސްއިން ލިބުނު އާމްދަނީ %9.2 އިތުރުވެ 3.01 ބިލިއަން ރުފިޔާއަށް އަރާފައިވެއެވެ. ވިޔަފާރިއާއި މުދަލުން ނަގާ އެހެން ޓެކްސްތަކުން ލިބުނު އާމްދަނީ %87.8 އިތުރުވެ 1.39 ބިލިއަން ރުފިޔާއަށް އަރާފައިވާއިރު، އެއާޕޯޓް ސާވިސް ޗާޖާއި ޑިޕާޗަރ ޓެކްސްއިން 1.55 ބިލިއަން ރުފިޔާ ލިބިފައިވެއެވެ. ހިލޭ އެހީގެ ގޮތުގައި ލިބުނު ފައިސާ %68.1 އިތުރުވެ 0.52 ބިލިއަން ރުފިޔާއަށް އަރާފައިވާ ކަމަށް ރިޕޯޓުގައި ބުނެފައިވެއެވެ.
ޚަރަދުގެ ފަރާތުން ބަލާއިރު، ރިކަރަންޓް ޚަރަދު %17.2 އިތުރުވެ 31.35 ބިލިއަން ރުފިޔާއަށް އަރާފައިވެއެވެ. ހިލޭ އެހީއާއި ސަބްސިޑީއަށް ކުރި ޚަރަދު %39.1 އިތުރުވެ 10.45 ބިލިއަން ރުފިޔާއަށް އަރާފައިވާއިރު، އޭގެ ތެރެއިން ސަބްސިޑީއަށް 4.31 ބިލިއަން ރުފިޔާ ޚަރަދުކޮށްފައިވެއެވެ. މުވައްޒަފުންގެ މުސާރައާއި އިނާޔަތްތަކަށް 5.56 ބިލިއަން ރުފިޔާ ޚަރަދުވެފައިވާއިރު، އިންޓަރެސްޓަށް ކުރި ޚަރަދު %6.6 ދަށަށް ގޮސްފައިވެއެވެ. ޖުމްލަ ކެޕިޓަލް ޚަރަދު %15.2 އިތުރުވެ 5.04 ބިލިއަން ރުފިޔާއަށް އަރާފައިވެއެވެ.
ރިޕޯޓުގައިވާ ގޮތުން 15 އޮކްޓޫބަރު 2026 ގެ ނިޔަލަށް ދައުލަތުގެ ޖުމްލަ ޚަރަދު 36.39 ބިލިއަން ރުފިޔާއަށް އަރާފައިވާއިރު، އެއީ ކުރީ އަހަރުގެ އެ މުއްދަތާ އަޅާބަލާއިރު %16.9 ގެ އިތުރުވުމެކެވެ. މިއާއެކު ބަޖެޓުގެ އޯވަރޯލް ޑެފިސިޓް 4.50 ބިލިއަން ރުފިޔާއަށް އަރާފައިވާ ކަމަށް އެ މިނިސްޓްރީން ބުނެފައިވެއެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް