ރައީސް މުޢިއްޒު ޕާކިސްތާނަށް ފުރަމާނަ ދަތުރެއް ފަށައިފި - 10 އަހަރުން ފުރަތަމަ ދިވެހި ރައީސް
ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު، ޕާކިސްތާނުގެ ބޮޑުވަޒީރުގެ ދަޢުވަތަކަށް ފުރަމާނަ ދަތުރުފުޅެއްގައި މިއަދު އެ ޤައުމަށް ވަޑައިގެންފިއެވެ.
ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު، ޕާކިސްތާނުގެ ބޮޑުވަޒީރުގެ ދަޢުވަތަކަށް ފުރަމާނަ ދަތުރުފުޅެއްގައި މިއަދު އެ ޤައުމަށް ވަޑައިގެންފިއެވެ.
ރައީސް ރާއްޖެއިން ފުރާވަޑައިގެންނެވީ މިއަދު ހެނދުނުއެވެ. ތިން ދުވަހުގެ މި ދަތުރުފުޅު ރާވާފައިވަނީ އޮކްޓޫބަރު 20 އިން ފެށިގެން 22 އަށެވެ. އެ ދަތުރުފުޅަށް ރައީސަށް ދަޢުވަތު ދީފައިވަނީ ޕާކިސްތާނުގެ ބޮޑުވަޒީރު މުޙައްމަދު ޝެހްބާޒް ޝަރީފްއެވެ.
ރައީސްގެ އަރިހުގައި ރައީސުލްޖުމްހޫރިއްޔާގެ ދެކަނބަލުން ސާޖިދާ މުޙައްމަދުވެސް މި ދަތުރުފުޅުގައި ބައިވެރިވެވަޑައިގަންނަވައެވެ. އަދި ވަޒީރުންގެ މަޖިލީހުގެ މެންބަރުންނާއި ސަރުކާރުގެ އިސްވެރިން ހިމެނޭ ވަފުދެއްވެސް ރައީސާއެކު ޕާކިސްތާނަށް ވަޑައިގެންފައިވެއެވެ.
ދަތުރުފުޅުގެ ތެރޭގައި ދެ ޤައުމުގެ ދެމެދުގައި މަތީ ފަންތީގެ މަޝްވަރާތައް ބޭއްވުމަށް ހަމަޖެހިފައިވެއެވެ. އެއީ ފާއިތުވި ދިހަ އަހަރުތެރޭގައި ދެ ޤައުމުގެ މެދުގައި ބާއްވާ މަތީ ފަންތީގެ ފުރަތަމަ ބައްދަލުވުމެވެ. އަދި އެކި ދާއިރާތަކުން ދެ ޤައުމުގެ އެއްބާރުލުން އިތުރުކުރުމަށް ފަހުމުނާމާތަކެއްވެސް ބަދަލުކުރުމަށް ރާވާފައިވެއެވެ.
މިއީ ދިހަ އަހަރު ތެރޭގައި ދިވެހި ރައީސަކު ޕާކިސްތާނަށް ކުރައްވާ ފުރަތަމަ ދަތުރުފުޅެވެ. އެންމެ ފަހުން އެ ޤައުމަށް ވަޑައިގެންނެވީ ރައީސް ޔާމީނެވެ. ރައީސް ސޯލިހުގެ ފަސް އަހަރުގެ ވެރިކަމުގައި އެމަނިކުފާނު ޕާކިސްތާނަށް ވަޑައިގެންފައެއް ނުވެއެވެ.
މި ދަތުރުފުޅު ކުރައްވަނީ 26 ޖުލައި 1966 ގައި ރާއްޖެއާއި ޕާކިސްތާނާ ދެމެދު ސިޔާސީ ގުޅުން ޤާއިމުކުރިތާ 60 އަހަރު ފުރޭ މުނާސަބަތާ ދިމާކޮށެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް