ހޫތީންގެ ހަމަލާތަކާ ދެކޮޅަށް ސައުދީއަށް އިނގިރޭސިވިލާތުން ވައިގެ ދިފާޢީ އެހީ ފޮނުވަނީ
ޔަމަނުގެ ހޫތީން އަލުން ހަމަލާތައް ފެށުމާއެކު ސަރަޙައްދުގައި ހަމަނުޖެހުން އިތުރުވުމުން، ސައުދީ އަރަބިއްޔާއަށް ދިފާޢީ އެހީތެރިކަން ފޯރުކޮށްދިނުމަށް އިނގިރޭސިވިލާތުން ނިންމައިފިއެވެ.
ޔަމަނުގެ ހޫތީން އަލުން ހަމަލާތައް ފެށުމާއެކު ސަރަޙައްދުގައި ހަމަނުޖެހުން އިތުރުވުމުން، ސައުދީ އަރަބިއްޔާއަށް ދިފާޢީ އެހީތެރިކަން ފޯރުކޮށްދިނުމަށް އިނގިރޭސިވިލާތުން ނިންމައިފިއެވެ.
އިނގިރޭސިވިލާތުން ބުނެފައިވާ ގޮތުގައި، ސައުދީއަށް ފޮނުވާނީ ރޯޔަލް އެއާ ފޯސް (އާރުއޭއެފް)ގެ ވޮއޭޖަރ މަރުކާގެ ބޯޓެކެވެ. އެ ބޯޓަކީ ވައިގައި ހުރެ އެހެން މަތިންދާބޯޓުތަކަށް ތެޔޮ އަޅައިދޭ ބޯޓެކެވެ.
މި އެހީ ދެނީ ސައުދީ ސަރުކާރުން އެދުމުން ކަމަށާއި، ޔަމަނުގެ ސަރުކާރަށް ތާއީދުކޮށް ސައުދީން ކުރިއަށް ގެންދާ ދިފާޢީ މަސައްކަތްތަކަށް އެހީތެރިވުމަށް ކަމަށް އެ ޤައުމުން ބުނެފައިވެއެވެ.
ސައުދީއަށް ހޫތީން ދިން ހަމަލާތައް ކުށްވެރިކުރާ ކަމަށާއި، ސައުދީ އަރަބިއްޔާއާއި ޔަމަނަށް އަމިއްލަ ނަފްސު ދިފާޢުކުރުމުގެ ޙައްޤު ލިބިގެންވާ ކަމަށް އިނގިރޭސިވިލާތުން ބުނެފައިވެއެވެ. ހޫތީންނަކީ މެދުއިރުމަތީގެ ސުލްހައަށް ނުރައްކާތެރި ބައެއް ކަމަށާއި، އެ ބަޔަކު ކާމިޔާބު ނުވުމަކީ އިނގިރޭސިވިލާތުގެ އިޤްތިޞާދީ އަދި ރައްކާތެރިކަމުގެ މަޞްލަޙަތު ކަމަށް ވެސް އެ ޤައުމުން ބުނެފައިވެއެވެ.
ގަލްފް ސަރަޙައްދުގެ ކުރިމަތިލުންތަކުގެ ސަބަބުން އިނގިރޭސިވިލާތުގައި އަގުތައް މައްޗަށް ދިއުމާއި، ހަކަތައިގެ ސަޕްލައިއަށް ހުރަސް އެޅުމާއި، އިނގިރޭސި ވިޔަފާރިތަކަށް އިތުރު ހަރަދުތައް ކުރިމަތިވުމުގެ ނުރައްކާ އޮތް ކަމަށް އެ ޤައުމުން ފާހަގަކޮށްފައިވެއެވެ. ސައުދީއާއި ޔަމަނަކީ ދިގު މުއްދަތެއްގެ ބައިވެރިން ކަމަށާއި، ސަރަޙައްދުގެ ސުލްހަ ރައްކާތެރިކުރުމާއި ޔަމަނުގެ ހަނގުރާމައަށް ޑިޕްލޮމެޓިކް ޙައްލެއް ހޯދުމަށް ހިތްވަރުދިނުމަކީ ވެސް އެ ޤައުމުގެ މަޞްލަޙަތު ކަމަށް ބުނެފައިވެއެވެ.
މި އެހީއަކީ ސައުދީގެ ވައިގެ ދިފާޢަށް އިނގިރޭސިވިލާތުން ކުރިން ވެސް ދެމުންދާ އެހީގެ އިތުރު ބައެކެވެ. އެ އެހީގެ ތެރޭގައި ވައިގެ ދިފާޢީ ވަސީލަތްތަކާއި، މިސައިލާއި ޑްރޯން ހަމަލާތަކުން ރައްކާތެރިވުމަށް އެހީތެރިވާ އިނގިރޭސި މުވައްޒަފުން ހިމެނެއެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް