މައިގަނޑު ބަޔަށް ދާން

ހަބަރު

ވިޔަފާރިވެރިންގެ ސީދާ ގުޅުމުން އިންވެސްޓްމަންޓް ފުރުޞަތު ހުޅުވޭނެ: ޕާކިސްތާނުގެ ނައިބު ބޮޑުވަޒީރު

ރާއްޖެއާއި ޕާކިސްތާނުގެ ވިޔަފާރިވެރިން ސީދާ ބައްދަލުކޮށް ކުރާ މަޝްވަރާތަކުން ދެ ޤައުމުގެ ދެމެދު ވިޔަފާރިއާއި އިންވެސްޓްމަންޓްގެ އާ ފުރުޞަތުތައް ހުޅުވިގެންދާނެ ކަމަށް ޕާކިސްތާނުގެ ނައިބު ބޮޑުވަޒީރު، މިއަދު އިސްލާމްއާބާދުގައި ރައީސުލްޖުމްހޫރިއްޔާގެ އަރިހަށް ޒިޔާރަތްކޮށް ބުނެފިއެވެ.

ވިޔަފާރިވެރިންގެ ސީދާ ގުޅުމުން އިންވެސްޓްމަންޓް ފުރުޞަތު ހުޅުވޭނެ: ޕާކިސްތާނުގެ ނައިބު ބޮޑުވަޒީރު

ރާއްޖެއާއި ޕާކިސްތާނުގެ ވިޔަފާރިވެރިން ސީދާ ބައްދަލުކޮށް ކުރާ މަޝްވަރާތަކުން ދެ ޤައުމުގެ ދެމެދު ވިޔަފާރިއާއި އިންވެސްޓްމަންޓްގެ އާ ފުރުޞަތުތައް ހުޅުވިގެންދާނެ ކަމަށް ޕާކިސްތާނުގެ ނައިބު ބޮޑުވަޒީރު، މިއަދު އިސްލާމްއާބާދުގައި ރައީސުލްޖުމްހޫރިއްޔާގެ އަރިހަށް ޒިޔާރަތްކޮށް ބުނެފިއެވެ.

ޕާކިސްތާނުގެ ނައިބު ބޮޑުވަޒީރާއި ޚާރިޖީ މިނިސްޓަރުގެ މަގާމު ފުރާ ސެނެޓަރ މުޙައްމަދު އިސްޙާޤު ދާރު ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒުގެ އަރިހަށް އިޙުތިރާމުގެ ޒިޔާރަތެއް ކުރީ، ރައީސުލްޖުމްހޫރިއްޔާ ޕާކިސްތާނަށް ކުރައްވަމުން ގެންދަވާ ރަސްމީ ދަތުރުފުޅުގެ ތެރެއިންނެވެ. ޕާކިސްތާނުގެ ފޮރިން މިނިސްޓްރީން "އެކްސް" ގައި ކުރި ޕޯސްޓެއްގައި ބުނެފައިވާ ގޮތުގައި، އެ ބައްދަލުވުމުގައި އިސްޙާޤު ދާރު ވަނީ ޕާކިސްތާނުގެ ރައީސް އާޞިފް ޢަލީ ޒަރްދާރީއާއި ބޮޑުވަޒީރު މުޙައްމަދު ޝެހްބާޒް ޝަރީފްގެ ހެޔޮއެދުންތައް ރައީސް ޑރ. މުޢިއްޒަށް ހާމަކޮށް، ރައީސްގެ ދެކަނބަލުންނާއި ދިވެހި ވަފުދަށް މަރުޙަބާ ކިޔާފައެވެ.

ބައްދަލުވުމުގައި އިސްޙާޤު ދާރު ބުނީ، ދެ ޤައުމުގެ ދެމެދުގައި އޮތް ޒަމާންވީ އަޚުވަންތަ ގުޅުން އިތުރަށް ވަރުގަދަކުރުމަށް ޕާކިސްތާނުން އަބަދުވެސް މަސައްކަތްކުރާނެ ކަމަށެވެ. ވިޔަފާރި، އިންވެސްޓްމަންޓް، ތަޢުލީމު، މޫސުމަށް އަންނަ ބަދަލުތަކާއި ފަތުރުވެރިކަމުގެ ދާއިރާތަކުން ގުޅުން ފުޅާކުރުމުގެ މުހިންމުކަމަށް ވެސް އޭނާ ފާހަގަކޮށްފައިވެއެވެ.

"މޯލްޑިވްސް-ޕާކިސްތާން ބިޒްނަސް ފޯރަމް" ގައި ދިވެހި ވިޔަފާރިވެރިންގެ ވަފުދެއް ބައިވެރިވާތީ އެކަމަށް މަރުޙަބާ ކިޔައި، ދެ ޤައުމުގެ ވިޔަފާރިވެރިންގެ މެދުގައި (ބީ2ބީ) ކުރެވޭ މުޢާމަލާތްތަކުން ވިޔަފާރިއާއި އިންވެސްޓްމަންޓްގެ ދާއިރާއިން ޢަމަލީ ފައިދާހުރި ނަތީޖާތަކެއް ނެރެވޭނެ ކަމަށް އުންމީދުކުރާ ކަމަށް އިސްޙާޤު ދާރު ބުނެފައިވެއެވެ.

ރައީސުލްޖުމްހޫރިއްޔާ ވަނީ ޕާކިސްތާނު ސަރުކާރުން ދެއްކި މެހުމާންދާރީއަށް ޝުކުރު ދަންނަވައިފައެވެ. ދިވެހިރާއްޖެއިން އަބަދުވެސް އެދެނީ ޕާކިސްތާނާއެކު އޮތް ގާތް ގުޅުން އިތުރަށް ބަދަހިކޮށް، ދެ ޤައުމަށް ވެސް ފައިދާހުރި އާ ދާއިރާތަކުން ގުޅުން ވަރުގަދަކުރުމަށް ކަމަށް ރައީސުލްޖުމްހޫރިއްޔާ ވިދާޅުވިއެވެ.

ރައީސުލްޖުމްހޫރިއްޔާއަށް ރަސްމީކޮށް މަރުޙަބާ ދެންނެވުނީ މިއަދު ހެނދުނު ބޮޑުވަޒީރު ޝެހްބާޒް ޝަރީފްގެ ރަސްމީ ގެކޮޅުގައި ބޭއްވި ޚާއްޞަ ރަސްމިއްޔާތެއްގައެވެ. އޮކްޓޫބަރު 20 އިން 22 އަށް ރައީސުލްޖުމްހޫރިއްޔާ ޕާކިސްތާނަށް ކުރައްވާ މި ދަތުރުފުޅަކީ ބޮޑުވަޒީރު ޝެހްބާޒް ޝަރީފްގެ ދަޢުވަތަކަށް ކުރައްވާ ދަތުރުފުޅެކެވެ.

ކޮމެންޓް ކުރޭ

އީމެއިލް ނުފެންނާނެއެވެ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް

ނިއުސް ކާސްޓް

އެންމެ ފަހުގެ ޚަބަރުތަކާއި، ސިޔާސީ އަދި އިޖުތިމާޢީ ކަންކަމުގެ އެންމެ ފުރިހަމަ މަޢުލޫމާތު އެންމެ އަވަހަށް ގެނެސްދިނުމަށް ޚާއްޞަކޮށްފައިވާ ވެބްސައިޓެކެވެ. އަޅުގަނޑުމެންގެ މަޤްޞަދަކީ، ހަމަހަމަކަމާއި އިންޞާފުވެރިކަމާއެކު، އިތުބާރު ހުރި ޚަބަރުތައް ކިޔުންތެރިންނާ ހަމައަށް ގެނެސްދިނުމެވެ.

Copyright © 2026 Newscast. All rights reserved.