ދިފާޢާއި ސިއްޙަތު ހިމެނޭ 20 އެމްއޯޔޫއެއްގައި ރާއްޖެއާއި ޕާކިސްތާނުން ސޮއިކޮށްފި
ރައީސުލްޖުމްހޫރިއްޔާ ޕާކިސްތާނަށް ކުރައްވާ ރަސްމީ ދަތުރުފުޅުގެ ތެރެއިން، ދެ ޤައުމުގެ ގުޅުން ބަދަހިކުރުމަށް އެކި ދާއިރާތަކާ ބެހޭ 20 އެމްއޯޔޫއެއްގައި ރާއްޖެއާއި ޕާކިސްތާނުން މިއަދު ސޮއިކޮށްފިއެވެ.
ރައީސުލްޖުމްހޫރިއްޔާ ޕާކިސްތާނަށް ކުރައްވާ ރަސްމީ ދަތުރުފުޅުގެ ތެރެއިން، ދެ ޤައުމުގެ ގުޅުން ބަދަހިކުރުމަށް އެކި ދާއިރާތަކާ ބެހޭ 20 އެމްއޯޔޫއެއްގައި ރާއްޖެއާއި ޕާކިސްތާނުން މިއަދު ސޮއިކޮށްފިއެވެ.
މި އެއްބަސްވުންތަކުގައި ސޮއިކުރެވުނީ ޕާކިސްތާނުގެ ބޮޑުވަޒީރުގެ ގެކޮޅުގައި ބޭއްވި ރަސްމިއްޔާތެއްގައެވެ. އެ ރަސްމިއްޔާތުގައި ސިއްޙީ، ތަޢުލީމީ، އިޤްތިޞާދީ އަދި ދިފާޢީ ދާއިރާތައް ކުރިއެރުވުމަށް ބޭނުންވާ އެއްބަސްވުންތަކުގައި ސޮއިކޮށްފައިވެއެވެ.
ސޮއިކުރި އެއްބަސްވުންތަކުގެ ތެރޭގައި ޒުވާނުން ބާރުވެރިކުރުމާއި ކުޅިވަރު، ފަތުރުވެރިކަން، ސަޤާފަތާއި ތަރިކައާއި ފަންނު، ތިމާވެށި، ދަނޑުވެރިކަމާއި މަސްވެރިކަމުގެ ދާއިރާތަކުން ގުޅުން ބަދަހިކުރުން ހިމެނެއެވެ. އަދި ދިފާޢީ ދާއިރާއާއި މެރިޓައިމް ސެކިއުރިޓީ، އިންފޮމޭޝަން ޓެކްނޮލޮޖީ، ސައިބަރ ސެކިއުރިޓީ، އާޓިފިޝަލް އިންޓެލިޖެންސް، ޑިޖިޓަލް ސްކިލްސް އަދި އީޖާދާއި އުފެއްދުންތެރިކަމުގެ ދާއިރާއިން ގުޅިގެން މަސައްކަތްކުރުމުގެ އެއްބަސްވުންތައްވެސް ހިމެނެއެވެ. މީގެ އިތުރުން ޓްރެފިކިންއާއި މަސްތުވާތަކެތި ނައްތާލުމާއި އިޖުތިމާޢީ ރައްކާތެރިކަން ކަށަވަރުކުރުމަށް ގުޅިގެން މަސައްކަތްކުރުމާއި، ސިއްޙީ ޚިދުމަތްތެރިން ގެނައުމާއި، ދެ ޤައުމުގެ ދެމެދުގައި ވައިގެ ދަތުރުތައް ފުޅާކުރުމުގެ އެއްބަސްވުންތައްވެސް ސޮއިކުރި އެއްބަސްވުންތަކުގެ ތެރޭގައި ހިމެނެއެވެ.
އެއްބަސްވުންތަކުގައި ސޮއިކުރެއްވީ ދެ ޤައުމުގެ ކަމާބެހޭ މިނިސްޓަރުންނެވެ. އެއްބަސްވުންތަކުގެ ތަފްސީލު އަދި ހާމަކޮށްފައެއް ނުވެއެވެ.
ރައީސް ޑރ. މުޙައްމަދު މުޢިއްޒު ޕާކިސްތާނަށް ވަޑައިގެންނެވީ ޕާކިސްތާނުގެ ބޮޑުވަޒީރު މުޙައްމަދު ޝެހްބާޒް ޝަރީފްގެ ދަޢުވަތަކަށް، އިއްޔެ ހަވީރުއެވެ. ރައީސަށް ރަސްމީކޮށް މަރުޙަބާ ދެންނެވުމުގެ ޚާއްޞަ ރަސްމިއްޔާތެއް މިއަދު ހެނދުނު ބޮޑުވަޒީރުގެ ރަސްމީ ގެކޮޅުގައި ބޭއްވިއެވެ. ދެ ޤައުމުގެ ވިޔަފާރިވެރިން ސީދާ ބައްދަލުކޮށް ކުރާ މަޝްވަރާތަކުން ވިޔަފާރިއާއި އިންވެސްޓްމަންޓުގެ އާ ފުރުޞަތުތައް ހުޅުވިގެންދާނެ ކަމަށް ނައިބު ބޮޑުވަޒީރާއި ޚާރިޖީ މިނިސްޓަރު ސެނެޓަރ މުޙައްމަދު އިސްޙާޤު ދާރު ބުނެފައިވެއެވެ.
ރައީސުލްޖުމްހޫރިއްޔާގެ މި ދަތުރުފުޅަކީ އޮކްޓޫބަރު 20 އިން 22 އަށް ކުރައްވާ ދަތުރުފުޅެކެވެ. ދެ ޤައުމުގެ ދެމެދުގައި ސިޔާސީ ގުޅުން ޤާއިމުކުރިތާ މިއަހަރަށް 60 އަހަރު ފުރިގެންދާއިރު، މި ދަތުރުފުޅާއެކު ދެ ޤައުމުގެ ގުޅުން އިތުރަށް ބަދަހިވެގެންދާނެ ކަމަށް ދެ ޤައުމުގެ ކަމާބެހޭ ފަރާތްތަކުން ބުނެފައިވެއެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް