ޕާކިސްތާނާ ވިޔަފާރި 200 މިލިއަން ޑޮލަރަށް އިތުރުކުރުމަށް ރައީސް އެއްބަސްވެއްޖެ
ޕާކިސްތާނުގެ ބޮޑުވަޒީރާއެކު މިއަދު ބޭއްވެވި ރަސްމީ ބައްދަލުވުމުގައި، ދެ ޤައުމުގެ ދެމެދުގައި ކުރާ ވިޔަފާރި އިތުރު ދެ އަހަރުގެ ތެރޭގައި 200 މިލިއަން ޑޮލަރަށް އިތުރުކުރުމަށް އެއްބަސްވެވަޑައިގެންނެވި ކަމަށް ރައީސް ޑރ. މުޙައްމަދު މުއިއްޒު ވިދާޅުވެއްޖެއެވެ.
ޕާކިސްތާނުގެ ބޮޑުވަޒީރާއެކު މިއަދު ބޭއްވެވި ރަސްމީ ބައްދަލުވުމުގައި، ދެ ޤައުމުގެ ދެމެދުގައި ކުރާ ވިޔަފާރި އިތުރު ދެ އަހަރުގެ ތެރޭގައި 200 މިލިއަން ޑޮލަރަށް އިތުރުކުރުމަށް އެއްބަސްވެވަޑައިގެންނެވި ކަމަށް ރައީސް ޑރ. މުޙައްމަދު މުއިއްޒު ވިދާޅުވެއްޖެއެވެ.
މި ވާހަކަފުޅު ރައީސް ދެއްކެވީ ޕާކިސްތާނުގެ ބޮޑުވަޒީރު ޝެހްބާޒް ޝަރީފާއެކު ބޭއްވެވި ބައްދަލުވުމާއި އެމްއޯޔޫތަކުގައި ސޮއިކުރުމުގެ ރަސްމިއްޔާތަށްފަހު، ދެ ލީޑަރުން ގުޅިގެން ދެއްވި ބަޔާނުގައެވެ. މިހާރު ދެ ޤައުމުގެ ދެމެދުގައި ކުރާ ވިޔަފާރީގެ އަދަދަކީ 13 މިލިއަން ޑޮލަރެވެ. ޓޫރިޒަމާއި ވިޔަފާރީގެ ދާއިރާތަކުގައި ގުޅުން ވަރުގަދަކުރުމަށް ވެސް އެއްބަސްވި ކަމަށް ރައީސް ވިދާޅުވިއެވެ.
މިއަދު ސޮއިކުރި އެމްއޯޔޫތަކުގައި ޞިއްޙަތާއި ތަޢުލީމު، މަސްވެރިކަމާއި ދަނޑުވެރިކަން، ޒުވާނުން، ދިފާޢީ އަދި ފުލުހުންގެ ދާއިރާތައް ހިމެނެއެވެ. އެ އެއްބަސްވުންތަކުގެ ތެރެއިން ރައީސް ޚާއްޞަކޮށް ފާހަގަކުރެއްވީ ދެ ޤައުމާ ދެމެދު ސީދާ ދަތުރުތައް އަލުން ފެށުމުގެ އެއްބަސްވުމެވެ. އެއީ ރާއްޖޭގެ ފަތުރުވެރިކަމަށް ހުޅުވުނު ފުރުސަތެއް ކަމަށް ރައީސް ވިދާޅުވިއެވެ.
ރާއްޖޭގައި ޙަލާލް ޓޫރިޒަމް ތަރައްޤީކުރުމާ ބެހޭގޮތުން ވެސް ބޮޑުވަޒީރާއެކު މަޝްވަރާކުރެއްވި ކަމަށް ރައީސް ވިދާޅުވިއެވެ. އަދި ޕާކިސްތާނުން ދިވެހި ޒުވާނުންނަށް ދޭ މަތީ ތަޢުލީމުގެ ފުރުސަތުތައް ފުޅާކުރުމަށް ވެސް އެއްބަސްވެވަޑައިގެންނެވިއެވެ. މި މަޝްވަރާތައް ވަރަށް އުފެއްދުންތެރި ކަމަށާއި، ދެ ޤައުމުގެ ރައްޔިތުންނަށް ފައިދާވާ ކަންކަމުގައި ކުރިއަށް ގުޅިގެން މަސައްކަތްކުރެވޭނެކަން ޔަޤީންވި ކަމަށް ރައީސް ވިދާޅުވިއެވެ.
"މި އެމްއޯޔޫތަކުން އަޅުގަނޑުމެންނަށް ލިބޭ މެސެޖު ވަރަށް ސާފު. މިއީ ތަފާތު އެކި ދާއިރާތަކުން ދެ ގައުމުން ގުޅުން ބަދަހި ކުރަން ހުޅުވުނު ފުރުސަތުތަކެއް. އެކަމަކު، އެއްބަސްވުންތަކެއްގެ ފައިދާ ކުރާނެ ހަމައެކަނި ގޮތަކީ ނަތީޖާ ނެރުން. އެހެންވީމާ އަޅުގަނޑުމެންގެ ދެން އޮތް ކަމަކީ ދެ ގައުމަށް ފައިދާ ހުރި ގޮތަށް މި އެއްބަސްވުންތަކަށް އަމަލީ ސިފަ ގެނައުން،" ރައީސް މުއިއްޒު ވިދާޅުވިއެވެ.
ބޮޑުވަޒީރުގެ ދަޢުވަތަކަށް ރައީސް ޕާކިސްތާނަށް ވަޑައިގެންނެވީ އިއްޔެއެވެ. މިއީ ފަހުގެ 10 އަހަރުގެ ތެރޭގައި ދިވެހި ވެރިއަކު ޕާކިސްތާނަށް ކުރައްވާ ފުރަތަމަ ދަތުރުފުޅެވެ. ރާއްޖެއާއި ޕާކިސްތާނާ ދެމެދު ސިޔާސީ ގުޅުން ޤާއިމުކުރިތާ މި އަހަރަށް 60 އަހަރު ފުރެއެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް