ދައްމާމުގެ ކިންގް ފަހަދު އެއާޕޯޓަށް ދިން ހަމަލާއެއްގައި އެކަކު މަރުވެ، އަށް މީހުންނަށް އަނިޔާ
ސައޫދީ އަރަބިއްޔާގެ އިރުމަތީ ސިޓީ ދައްމާމުގައި ހުންނަ ކިންގް ފަހަދު އިންޓަނޭޝަނަލް އެއާޕޯޓަށް ބުދަ ދުވަހު ދިން ހަމަލާއެއްގައި އެކަކު މަރުވެ، އަށް މީހުންނަށް އަނިޔާވެއްޖެ ކަމަށް ސައޫދީގެ އިދާރާތަކުން ބުނެފިއެވެ.
ސައޫދީ އަރަބިއްޔާގެ އިރުމަތީ ސިޓީ ދައްމާމުގައި ހުންނަ ކިންގް ފަހަދު އިންޓަނޭޝަނަލް އެއާޕޯޓަށް ބުދަ ދުވަހު ދިން ހަމަލާއެއްގައި އެކަކު މަރުވެ، އަށް މީހުންނަށް އަނިޔާވެއްޖެ ކަމަށް ސައޫދީގެ އިދާރާތަކުން ބުނެފިއެވެ.
ސައޫދީގެ ސިވިލް އޭވިއޭޝަނުގެ ޖެނެރަލް އޮތޯރިޓީ (ގާކާ) އިން ނެރުނު ބަޔާނުގައި ބުނެފައިވަނީ، އަނިޔާވި މީހުންގެ ތެރޭގައި ކުދި އަނިޔާތައް ލިބުނު މީހުންނާއި ސީރިއަސް ހާލަތުގައި ތިބި މީހުން ހިމެނޭ ކަމަށެވެ. އެ އެންމެންނަށް އަވަސް ފަރުވާ ދިނުމަށް ހޮސްޕިޓަލްތަކަށް ގެންގޮސްފައިވާ ކަމަށް ވެސް އެ ބަޔާނުގައި ބުނެފައިވެއެވެ.
ހަމަ އެދުވަހުގެ ކުރީކޮޅު، ސައޫދީ އަރާމްކޯގެ ޝައިބާ ތެޔޮ ވަޅަށް އަމާޒުކޮށް ފޮނުވި ޑްރޯނެއް ސައޫދީގެ ވައިގެ ދިފާއީ ބާރުތަކުން ވައްޓާލުމުގެ ތެރޭގައި ދެ މީހުން މަރުވި ކަމަށް އެ ޤައުމުގެ އެނާޖީ މިނިސްޓްރީން ބުނެފައިވެއެވެ. މި ހަމަލާތައް ދެމުންދަނީ ސައޫދީން ތާއީދުކުރާ ޔަމަނުގެ ސަރުކާރާއި ހޫޘީ ހަނގުރާމަވެރިންނާ ދެމެދު ކުރިމަތިލުން ވަރުގަދަވަމުންދާ ދަނޑިވަޅެއްގައެވެ.
ޔަމަނުގެ ހޫޘީ ޖަމާޢަތުން ބުދަ ދުވަހު ވަނީ ސައޫދީ އަރަބިއްޔާގެ އެއާޕޯޓްތަކަށާއި ތެލުގެ ވަސީލަތްތަކަށް އިތުރު ހަމަލާތައް ދޭނެ ކަމުގެ ވަރުގަދަ އިންޒާރެއް ދީފައެވެ. ހަމަލާތައް އިތުރުވަމުންދާތީ، ސައޫދީގައި ތިބި އެމެރިކާގެ ޑިޕްލޮމޭޓުންނާއި އެމީހުންގެ އާއިލާތަކުގެ މެންބަރުން އެ ޤައުމުން ފޭބުމަށް އެމެރިކާގެ ސްޓޭޓް ޑިޕާޓްމަންޓުން އަންގާފައިވެއެވެ. ސަރަހައްދުގެ އެހެން ބައެއް ޤައުމުތަކުގައި ތިބި އެމެރިކާ މިޝަންތަކުގެ އާއިލާތައް ވެސް ގެންދިއުމަށް ވިސްނަމުންދާ ކަމަށް އެމެރިކާގެ އޮފިޝަލުން ރޮއިޓާސްއަށް ބުނެފައިވެއެވެ. ރިޔާޟްގައި ހުންނަ އެމެރިކާ އެމްބަސީން ވެސް ވަނީ ހޫޘީންގެ އިތުރު ހަމަލާތައް އަމާޒުވެދާނެ ކަމަށް ބުނެ ސަލާމަތީ އިންޒާރެއް ނެރެފައެވެ.
އޮކްޓޫބަރު 11 ގައި ރިޔާޟްގެ ކިންގް ޚާލިދު އިންޓަނޭޝަނަލް އެއާޕޯޓަށް ދިން މިސައިލް ހަމަލާއެއްގައި އެކަކު މަރުވެ، 11 މީހުންނަށް އަނިޔާވި ކަމަށް ސައޫދީން ހާމަކޮށްފައިވެއެވެ. އޭގެ ކުރިން، އޮކްޓޫބަރު 10 ގައި ހަމަ އެ އެއާޕޯޓަށް ދިން ވަކި ހަމަލާއެއްގައި 12 މީހުން މަރުވެ، 300 އަށް ވުރެ ގިނަ މީހުންނަށް އަނިޔާވި ކަމަށް ރިޕޯޓުކޮށްފައިވެއެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް