ޕާކިސްތާނާއި ރާއްޖެ ސީދާ ފްލައިޓާއި ޝިޕިންގުން ގުޅާލަން ޖެހޭ: ޝެހްބާޒް
ދެ ޤައުމުގެ ދެމެދުގައި އިޤްތިޞާދީ ގުޅުން ފުޅާކުރުމަށް ކަނޑާއި ވައިގެ މަގުން ރާއްޖެއާއި ޕާކިސްތާން ގުޅާލަން ޖެހޭ ކަމަށް ޕާކިސްތާނުގެ ބޮޑުވަޒީރު މިއަދު އިސްލާމްއާބާދުގައި ބުނެފިއެވެ.
ދެ ޤައުމުގެ ދެމެދުގައި އިޤްތިޞާދީ ގުޅުން ފުޅާކުރުމަށް ކަނޑާއި ވައިގެ މަގުން ރާއްޖެއާއި ޕާކިސްތާން ގުޅާލަން ޖެހޭ ކަމަށް ޕާކިސްތާނުގެ ބޮޑުވަޒީރު މިއަދު އިސްލާމްއާބާދުގައި ބުނެފިއެވެ.
ބޮޑުވަޒީރު މުޙައްމަދު ޝެހްބާޒް ޝަރީފް މި ވާހަކަ ބުނީ "ޕާކިސްތާން-ދިވެހިރާއްޖެ ބިޒްނަސް ފޯރަމް" ހުޅުވުމުގެ ރަސްމިއްޔާތުގައި ވާހަކަ ދައްކަމުންނެވެ. ޝެހްބާޒް ބުނީ ދެ ޤައުމުން ކަނޑައަޅާފައިވާ އިޤްތިޞާދީ ލަނޑުދަނޑިތަކަށް ވާޞިލުވެވޭނީ ދަތުރުފަތުރުގެ ވަރުގަދަ ނިޒާމެއް ޤާއިމުކުރެވިގެން ކަމަށެވެ.
ޝެހްބާޒް ބުނީ ރައީސް ޑރ. މުޙައްމަދު މުޢިއްޒު ރާއްޖެ ވަޑައިގަތުމާއެކު، ރާއްޖެއަށް މުދާ އެކްސްޕޯޓްކުރުމުގެ ތަޖުރިބާ ހުރި ވިޔަފާރިވެރިންނާއި މިނިސްޓަރުންނާއި ސަރުކާރުގެ އިސް އޮފިޝަލުން ހިމެނޭ ވަފުދެއް ހަފުތާއެއްހާ ދުވަހުގެ ތެރޭގައި ރާއްޖެ ފޮނުވުމަށް ނިންމާފައިވާ ކަމަށެވެ. މި މަސައްކަތްތައް ލަސްނުކޮށް ފެށުން މުހިންމު ކަމަށް ވެސް ޝެހްބާޒް ފާހަގަކުރިއެވެ.
"ކަނޑުގެ މަގުން ގުޅާލުމަކީ ވެސް އެހާމެ ބޭނުންތެރި ކަމެކެވެ. ކަރާޗީ ނުވަތަ ގްވާދަރުން މާލެއަށް ސީދާ ދަތުރުކުރާ އިތުބާރުހުރި ޝިޕިންގް ޝެޑިއުލެއް ނެތި، އަޅުގަނޑުމެންގެ އަމާޒުތަކަށް އެންމެ ފުރިހަމައަށް ވާޞިލެއް ނުވެވޭނެ. އެހެންކަމުން، ކަމާބެހޭ ވަޒީރުން މަޝްވަރާކުރައްވައި، ވީހާވެސް ކުރު މުއްދަތެއްގެ ތެރޭގައި މިކަން ކުރެވޭނެ ގޮތްތަކެއް ހަމަޖައްސަވަން ޖެހޭ،" ޝެހްބާޒް ބުންޏެވެ.
މާލެއާއި އިސްލާމްއާބާދު ނުވަތަ ކަރާޗީއާ ދެމެދު ސީދާ ފްލައިޓެއް ނެތުމަކީ ބޮޑު ހުރަހެއް ކަމަށް ޝެހްބާޒް ބުންޏެވެ. އެހެންކަމުން ޕާކިސްތާން އިންޓަނޭޝަނަލް އެއާލައިން (ޕީއައިއޭ) ނުވަތަ އެހެން އެއާލައިނެއް މެދުވެރިކޮށް މާލެއަށް ސީދާ ދަތުރުތައް ފެށޭނެ ގޮތްތައް ބެލުމަށް އެ ޤައުމުގެ ސިވިލް އޭވިއޭޝަން މިނިސްޓްރީއަށް އަންގާފައިވާ ކަމަށް ޝެހްބާޒް ބުންޏެވެ. ރާއްޖޭގެ އެއާލައިނެއްގެ ދަތުރުތައް ޕާކިސްތާނަށް ފެށުމަށް އަވަސް ރޭވުމެއް އެކުލަވާލުމަށް ރައީސް ޑރ. މުޢިއްޒު ވެސް އިރުޝާދު ދެއްވާފައިވާ ކަމަށް ޝެހްބާޒް ފާހަގަކުރިއެވެ.
ޕާކިސްތާނުގެ ވަފުދު ރާއްޖެ ދާއިރު މިހާރު ދެކެވުނު ވާހަކަތައް ރަސްމީ އެއްބަސްވުންތަކަކަށް ބަދަލުކުރަން ބޭނުންވާ ކަމަށް ޝެހްބާޒް ބުންޏެވެ. ހަމައެކަނި އެމްއޯޔޫތަކުގައި ސޮއިކުރުމުގެ ބަދަލުގައި ވަރުގަދަ ރަސްމީ އެއްބަސްވުންތައް ޤާއިމުކުރުމުން ދެ ޤައުމުގެ މުޢާމަލާތްތަކަށް އިތުރު އިތުބާރެއް ލިބޭނެ ކަމަށް ވެސް ޝެހްބާޒް ބުންޏެވެ.
ރައީސް ޑރ. މުޢިއްޒު ޕާކިސްތާނަށް ކުރައްވާ ރަސްމީ ދަތުރުފުޅުގެ ތެރެއިން އިއްޔެ ދެއްވި ގުޅިފައިވާ ބަޔާނުގައި ވަނީ ކުރިއަށް އޮތް ދެ އަހަރުގެ ތެރޭގައި ދެ ޤައުމުގެ ދެމެދުގެ އިޤްތިޞާދީ މުޢާމަލާތްތައް 200 މިލިއަން ޑޮލަރަށް އިތުރުކުރުމަށް އަމާޒުކޮށްފައިވާ ކަން ހާމަކޮށްފައެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް