ސްކޭމްތަކުން ގެއްލުނު 3.1 މިލިއަން ރުފިޔާއަށްވުރެ ގިނަ ފައިސާ ފުލުހުން އަނބުރާ ހޯދައިދީފި
ސްކޭމްތަކުގެ ސަބަބުން ރައްޔިތުންނަށް ގެއްލުނު ފައިސާގެ ތެރެއިން 3.1 މިލިއަން ރުފިޔާއަށްވުރެ ގިނަ ފައިސާ، 30 ޤައުމަކާ ގުޅިގެން ހިންގި ބައިނަލްއަޤުވާމީ އޮޕަރޭޝަނެއްގެ ތެރެއިން ތިން މަސްދުވަހުގެ ތެރޭގައި އަނބުރާ ހޯދައިދީފައިވާ ކަމަށް ފުލުހުން ބުނެފިއެވެ.
ސްކޭމްތަކުގެ ސަބަބުން ރައްޔިތުންނަށް ގެއްލުނު ފައިސާގެ ތެރެއިން 3.1 މިލިއަން ރުފިޔާއަށްވުރެ ގިނަ ފައިސާ، 30 ޤައުމަކާ ގުޅިގެން ހިންގި ބައިނަލްއަޤުވާމީ އޮޕަރޭޝަނެއްގެ ތެރެއިން ތިން މަސްދުވަހުގެ ތެރޭގައި އަނބުރާ ހޯދައިދީފައިވާ ކަމަށް ފުލުހުން ބުނެފިއެވެ.
މި އަހަރުގެ ޖުލައި 1 އިން ސެޕްޓެމްބަރު 30 އާ ހަމައަށް ހިންގި މި އޮޕަރޭޝަނުގެ މުއްދަތުގައި ފުލުހުންގެ އެންޓި ސްކޭމް ސެންޓަރަށް ސްކޭމްގެ 544 މައްސަލައެއް ހުށަހެޅިފައިވާ ކަމަށް ފުލުހުން ބުނެއެވެ. އެ މައްސަލަތަކުގައި ރައްޔިތުންނަށް 5,256,101.97 ރުފިޔާގެ ގެއްލުން ލިބިފައިވާއިރު، އޭގެ ތެރެއިން 3,104,075.38 ރުފިޔާ އަނބުރާ ހޯދައިދެވިފައިވެއެވެ. މިއީ ގެއްލުނު ކަމަށް ރިޕޯޓްކުރި ޖުމްލަ ފައިސާގެ ގާތްގަނޑަކަށް 59.1 އިންސައްތައެވެ. ސްކޭމް ހިންގާ ފަރާތްތަކުން ފައިސާ ދައުރުކުރުމުގެ ކުރިން އެ ފައިސާ ހިފެހެއްޓުމަށް މާލީ އިދާރާތަކާ ގުޅިގެން އެޅި ހަލުވި ފިޔަވަޅުތަކުގެ ސަބަބުން މި ނަތީޖާ ހާސިލުކުރެވުނު ކަމަށް ފުލުހުން ބުނެއެވެ.
ފުލުހުން ބުނާ ގޮތުގައި މި މުއްދަތުގައި ސްކޭމްގެ މުޢާމަލާތްތަކާ ގުޅުން ހުރި ކަމަށް ބެލެވޭ 847 ފަރާތެއް ދެނެގަނެވި، ތަޙުޤީޤުތަކާ ގުޅިގެން 17 މީހަކު ހައްޔަރުކޮށްފައިވެއެވެ. އަދި ކުށުން ހޯދާ ފައިސާ އިތުރަށް ދައުރުވުން ހުއްޓުވުމަށް ބޭންކުތަކާ ގުޅިގެން ތުހުމަތުކުރެވޭ 1,088 ބޭންކު އެކައުންޓެއް ވަގުތީ ގޮތުން ފްރީޒްކޮށްފައިވާ ކަމަށް ވެސް ފުލުހުން ބުނެއެވެ.
ހުށަހެޅުނު މައްސަލަތަކުގެ ތެރެއިން އެންމެ ގިނައީ އޮންލައިން ޕްލެޓްފޯމްތަކާއި ޕޭޖުތައް މެދުވެރިކޮށް މުދާ ގަނެވިއްކުމުގެ ނަމުގައި ހިންގި ސްކޭމްތަކެވެ. އެ ބާވަތުގެ 230 މައްސަލައެއް ހުށަހެޅިފައިވާއިރު، ދެވަނައަށް ގިނައީ ބޭރު ފައިސާ މާރުކުރުމުގެ ނަމުގައި ހިންގި 107 މައްސަލައެވެ. ބުކިން ކެންސަލްކޮށް ރީފަންޑް ދިނުމުގެ ނަމުގައި ހިންގާ ސްކޭމްތައް ފަހަކަށް އައިސް އިތުރުވަމުންދާ ކަމަށް ފުލުހުން ފާހަގަކޮށްފައިވާއިރު، އެފަދަ 80 މައްސަލައެއް ވެސް ހުށަހެޅިފައިވެއެވެ.
މީގެ އިތުރުން އިދާރާތަކާއި މަޝްހޫރު ފަރާތްތަކާއި އާއިލާ ނުވަތަ ރައްޓެހިންގެ ނަމުގައި ފައިސާ ހޯދުމުގެ 43 މައްސަލައަކާއި، ފައިދާ ބޮޑު އިންވެސްޓްމަންޓެއްގެ ނަމުގައި ހިންގި 32 ސްކޭމަކާއި، އެކައުންޓުގެ ވެރިފަރާތުގެ ހުއްދައެއް ނެތި މުޢާމަލާތު ހިންގުމުގެ 27 މައްސަލައެއް ރެކޯޑްކުރެވިފައިވެއެވެ. ލޯބީގެ ގުޅުމެއް ދައްކައިގެން ފައިސާ ހޯދުމުގެ އަށް މައްސަލައެއް ވެސް އެ ސެންޓަރަށް ހުށަހެޅިފައިވެއެވެ. އޮންލައިންކޮށް ކުށްކުރާ ފަރާތްތަކުގެ އުކުޅުތައް އެކި ގޮތްގޮތަށް ބަދަލުވަމުންދާކަން މި ހިސާބުތަކުން ދައްކައިދޭ ކަމަށް ފުލުހުން ބުނެއެވެ.
އޮޕަރޭޝަނުގެ ތެރެއިން ދުނިޔޭގެ އެކި ހިސާބުތަކުން 960 އަށްވުރެ ގިނަ މީހުން ހައްޔަރުކޮށް، ތުހުމަތުކުރެވޭ 3,500 އަށްވުރެ ގިނަ ފަރާތެއް ދެނެގަނެވިފައިވާ ކަމަށް ފުލުހުން ބުނެއެވެ. ކުށުން ހޯދި ކަމަށް ޝައްކުކުރެވޭ 39 ބިލިއަން ޑޮލަރަށްވުރެ ގިނަ ފައިސާއާއި ޑިޖިޓަލް އެސެޓް ދެނެގަނެވި، 4,126 ބޭންކު އެކައުންޓަކާއި 570 އަށްވުރެ ގިނަ ސޯޝަލް މީޑިއާ އެކައުންޓެއް ބަންދުކޮށް، ގަވާއިދާ ޚިލާފަށް ހިންގަމުންދިޔަ 29 ސްކޭމް ސެންޓަރެއް ރެއިޑްކޮށްފައިވެއެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް