ކޮޕް31 އެއްބަސްވުމަކާ ނުލައި ނިމިއްޖެ - ފޮސިލް ފިއުލްގެ މައްސަލައިގައި ޤައުމުތައް ބައިބައިވެފައި
ތުރުކީވިލާތުގެ އަންތާލިޔާގައި ބޭއްވި އދ. ގެ މޫސުމީ ބަދަލުތަކާ ބެހޭ 31 ވަނަ ކޮންފަރެންސް (ކޮޕް31)، ފޮސިލް ފިއުލް ބޭނުންކުރުން ހުއްޓައިލުމާ މެދު ޤައުމުތަކުގެ ޚިޔާލު ތަފާތުވެ، މައިގަނޑު ސިޔާސީ އެއްބަސްވުމަކާ ހަމައަށް ނުދެވި އާދީއްތަ ދުވަހު ނިމިއްޖެއެވެ.
ތުރުކީވިލާތުގެ އަންތާލިޔާގައި ބޭއްވި އދ. ގެ މޫސުމީ ބަދަލުތަކާ ބެހޭ 31 ވަނަ ކޮންފަރެންސް (ކޮޕް31)، ފޮސިލް ފިއުލް ބޭނުންކުރުން ހުއްޓައިލުމާ މެދު ޤައުމުތަކުގެ ޚިޔާލު ތަފާތުވެ، މައިގަނޑު ސިޔާސީ އެއްބަސްވުމަކާ ހަމައަށް ނުދެވި އާދީއްތަ ދުވަހު ނިމިއްޖެއެވެ.
މަޝްވަރާތައް ނާކާމިޔާބުވީ ބިމުއަޑީގެ ތެލާއި ގޭހާ ގުޅޭ ލަފުޒުތައް އެއްބަސްވުމުގައި ހިމެނުމަށް ބައެއް ޤައުމުތަކުން ބާރުއެޅިއިރު، އެ ކަމަށް ވީޓޯ ކުރާނެ ކަމަށް އެހެން ޤައުމުތަކުން ބުނުމުންނެވެ. މަޝްވަރާތަކުގެ ރިޔާސަތު ބެލެހެއްޓެވި ކްރިސް ބޯވަން ވިދާޅުވީ ސާފު ހަކަތައާ ގުޅޭ ރަނގަޅު ކަންތައްތައް ސަމިޓުގައި ހިނގި ނަމަވެސް، ފޮސިލް ފިއުލްގެ ޚިޔާލުތަފާތުވުމާ ހެދި މައި އެއްބަސްވުމެއް ނެރެވޭ ގޮތް ނުވީ ކަމަށެވެ. ރަޝިޔާ އަދި ސައުދީ އަރަބިއްޔާއިން ބުނީ ތެލާއި ގޭސް ކުއްލިއަކަށް ހުއްޓައިލައިފި ނަމަ ހަކަތައިގެ އަގު އުފުލި، އެންމެ ފަޤީރު ޤައުމުތަކަށް ދަތިވާނެ ކަމަށެވެ.
އީޔޫ އާއި އިނގިރޭސިވިލާތުން ބުނީ ފޮސިލް ފިއުލްގެ ވާހަކަ ނެތް އެއްބަސްވުމެއް ބަލައިނުގަނެވޭނެ ކަމަށާއި މިއީ ފަހަތަށް އެޅުނު ފިޔަވަޅެއް ކަމަށެވެ. ނޯވޭ ވެސް ވަނީ ހުށަހެޅުނު ނިންމުންތަކާ ދެކޮޅު ހަދައިފައެވެ.
ކޮޕް31 ގެ ރައީސް މުރާތު ކުރުމް ވިދާޅުވީ ކުރެއްވެން ހުރި ހުރިހާ މަސައްކަތެއް ކުރައްވައިފައިވާ ކަމަށާއި، "ވަކި ލަފުޒަކާ ހެދި މުޅި ނަތީޖާ ގެއްލުވާލައި ދުނިޔޭގެ ރައްޔިތުންގެ އުންމީދުތައް ވިއްސިވިއްހާލި ކޮށްނުލެވޭނެ" ކަމަށެވެ. ދެން އާ ޑްރާފްޓެއް ހުށަނާޅުއްވާނެ ކަމަށާއި ޢަމަލުކުރައްވާނީ ކުރީގެ ނިންމުންތަކަށް ކަމަށް ވެސް އޭނާ ވިދާޅުވިއެވެ. އދ. ގެ ސެކްރެޓަރީ ޖެނެރަލް އެންޓޯނިއޯ ގުޓަރެސް ވެސް ވިދާޅުވީ މި ނަތީޖާއާ މެދު ވަރަށް ބޮޑަށް މާޔޫސްވެވަޑައިގެންފައިވާ ކަމަށެވެ.
ކުދި ޖަޒީރާ ޤައުމުތައް ކަމަށްވާ މާޝަލް އައިލެންޑްސް އާއި ވަނުއާޓޫ ފަދަ ޤައުމުތަކުން ބުނީ ދުނިޔޭގެ ފިނިހޫނުމިން 1.5 ޑިގްރީގައި ހިފެހެއްޓުމުގެ ބާރެއް ނެތް، ފޮސިލް ފިއުލްގެ މަސްލަހަތު ރައްކާތެރިކުރާ އެއްބަސްވުމަކަށް އެ ޤައުމުތަކުގެ މުސްތަޤުބަލު ޤުރުބާން ނުކުރެވޭނެ ކަމަށެވެ. ކެންޔާ، ފިލިޕީންސް އަދި ބްރެޒިލް ފަދަ ޤައުމުތަކުން ބުނީ މޫސުމީ ގެއްލުންތަކަށް ބަދަލު ހޯދުމަށް ބޭނުންވާ މާލީ އެހީ ފޯރުކޮށްދިނުމުގައި ވެސް ސަމިޓް ނާކާމިޔާބުވެފައިވާ ކަމަށާއި، އެންމެ ގިނައިން ވިހަ ގޭސް ބޭރުކުރާ ޤައުމުތަކުން ޒިންމާ ނަގަންޖެހޭނެ ކަމަށެވެ.
ޗައިނާއިން ނުރުހުން ފާޅުކުރި ނަމަވެސް، މިއީ ބައިނަލްއަޤުވާމީ ނިޒާމުގެ ނާކާމިޔާބީއެއްގެ ގޮތުގައި ނުދެކޭ ކަމަށާއި، އެއްބަސްވުމަކަށް ވާޞިލުވުމަށް އެ ނިޒާމު އިތުރަށް ހަރުދަނާކުރަންޖެހޭ ކަމަށް ބުނެފައިވެއެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް