2025 ވަނަ އަހަރުގެ ބަޖެޓަށް މެންބަރުން 23 އިސްލާހެއް ހުށަހަޅައިފި
އަންނަ އަހަރަށް ލަފާކުރާ 59.7 ބިލިއަން ރުފިޔާގެ ދައުލަތުގެ ބަޖެޓަށް ރައްޔިތުންގެ މަޖިލީހުގެ މެންބަރުންގެ ފަރާތުން 23 އިސްލާހެއް މިއަދު ހުށަހަޅައިފިއެވެ.
އަންނަ އަހަރަށް ލަފާކުރާ 59.7 ބިލިއަން ރުފިޔާގެ ދައުލަތުގެ ބަޖެޓަށް ރައްޔިތުންގެ މަޖިލީހުގެ މެންބަރުންގެ ފަރާތުން 23 އިސްލާހެއް މިއަދު ހުށަހަޅައިފިއެވެ.
މަޖިލީހުގެ މިއަދުގެ ޖަލްސާގައި ބަޖެޓް ދިރާސާކުރާ ކޮމިޓީގެ ރިޕޯޓު ހުށަހެޅުމާ ގުޅިގެން، އެ ރިޕޯޓަށް 23 އިސްލާހެއް ލިބިފައިވާ ކަމަށް މަޖިލީހުގެ ރައީސް ޢަބްދުއްރަޙީމް ޢަބްދުﷲ ވިދާޅުވިއެވެ. ނަމަވެސް އެ އިސްލާހުތަކުގެ ތަފްސީލާއި ހުށަހެޅުއްވި މެންބަރުންގެ ނަންތައް ހާމަކުރައްވާފައެއް ނުވެއެވެ. ފިނޭންސް މިނިސްޓްރީން ހުށަހެޅި ގޮތަށް، އެއްވެސް ބަދަލެއް ނުގެނެސް ބަޖެޓް ކޮމިޓީން ވަނީ މި ބަޖެޓު ފާސްކޮށްފައެވެ.
ފިނޭންސް މިނިސްޓަރު މަޖިލީހަށް ހުށަހެޅުއްވީ ޖުމްލަ 59,704,440,795 ރުފިޔާގެ ބަޖެޓެކެވެ. މިއީ ހިނގަމުންދާ އަހަރުގެ ބަޖެޓާ އަޅައިބަލާއިރު 4.5 ބިލިއަން ރުފިޔާ ކުޑަ ޢަދަދެކެވެ. ޚަރަދުގެ ގޮތުގައި 52.6 ބިލިއަން ރުފިޔާ ހިނގާނެ ކަމަށް ލަފާކޮށްފައިވާއިރު، އޭގެ ތެރެއިން 42.7 ބިލިއަން ރުފިޔާ ނުވަތަ 71.5 އިންސައްތަ ކަނޑައަޅާފައި ވަނީ ރިކަރަންޓް ޚަރަދަށެވެ. ކެޕިޓަލް ޚަރަދަށް 9.8 ބިލިއަން ރުފިޔާ ކަނޑައަޅާފައިވާއިރު، ޕީއެސްއައިޕީ މަޝްރޫޢުތަކަށް 8.2 ބިލިއަން ރުފިޔާ ބަޖެޓުކޮށްފައިވެއެވެ. ކޮންޓިންޖެންސީ ބަޖެޓުގެ ގޮތުގައި އެއް ބިލިއަން ރުފިޔާ ވެސް ހިމަނާފައިވެއެވެ.
އާމްދަނީގެ ގޮތުން ބަލާއިރު، ހިލޭ އެހީއާ އެކު އަންނަ އަހަރު 43.2 ބިލިއަން ރުފިޔާ ލިބޭނެ ކަމަށް އަންދާޒާކޮށްފައިވެއެވެ. މިއީ މި އަހަރާ އަޅައިބަލާއިރު 1.4 ބިލިއަން ރުފިޔާގެ އިތުރުވުމެކެވެ. އެ ޢަދަދުގެ ތެރޭގައި ޓެކުހުން ލިބޭނެ ކަމަށް ލަފާކުރާ 33.6 ބިލިއަން ރުފިޔާ ހިމެނެއެވެ.
ބަޖެޓުގެ އެންމެ ބޮޑު އިންސައްތައެއް ޚާއްޞަކޮށްފައި ވަނީ ޞިއްޙީ ދާއިރާއަށެވެ. އެ ދާއިރާއަށް 10.2 ބިލިއަން ރުފިޔާ ނުވަތަ ބަޖެޓުގެ 17.6 އިންސައްތަ ކަނޑައަޅާފައިވެއެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް