މައިގަނޑު ބަޔަށް ދާން

ދުނިޔެ

ބީޖޭޕީ ކެންޑިޑޭޓް ބަލިވުމާ އެކު ކެންޕެއިނުގައި ހަރުކުރި މަގުބައްތިތައް ނެގަން ފަށައިފި

އިންޑިއާގެ ރާޖަސްތާނުގެ ޓޮންކް ޑިސްޓްރިކްޓުގައި ބޭއްވި ޕަންޗާޔަތު އިންތިޚާބުން ބީޖޭޕީގެ ކެންޑިޑޭޓް ނާކާމިޔާބުވުމާ ގުޅިގެން، ކެންޕެއިން ތެރޭގައި އެ ސަރަޙައްދުގެ މަގުތަކުގައި ހަރުކުރި އެލްއީޑީ ބައްތިތައް ނަގަން ފަށައިފިއެވެ.

ބީޖޭޕީ ކެންޑިޑޭޓް ބަލިވުމާ އެކު ކެންޕެއިނުގައި ހަރުކުރި މަގުބައްތިތައް ނެގަން ފަށައިފި

އިންޑިއާގެ ރާޖަސްތާނުގެ ޓޮންކް ޑިސްޓްރިކްޓުގައި ބޭއްވި ޕަންޗާޔަތު އިންތިޚާބުން ބީޖޭޕީގެ ކެންޑިޑޭޓް ނާކާމިޔާބުވުމާ ގުޅިގެން، ކެންޕެއިން ތެރޭގައި އެ ސަރަޙައްދުގެ މަގުތަކުގައި ހަރުކުރި އެލްއީޑީ ބައްތިތައް ނަގަން ފަށައިފިއެވެ.

ޕީޕްލޫ ޕަންޗާޔަތު ސަމިތީގެ ހަތަރު ވަނަ ވޯޑުން ވާދަކުރި ބީޖޭޕީގެ ޕްރިޔަންކާ ޝަރުމާ ބަލިވުމާ އެކު މި މައްސަލަ ފެންމަތިވީއެވެ. ޕްރިޔަންކާއަކީ ނިވާއީ ދާއިރާގެ ޤާނޫނުހަދާ މަޖިލީހުގެ މެންބަރު (އެމްއެލްއޭ) ރާމް ސަހާޔާ ވަރްމާގެ އެހީތެރިޔާ އަލޯކް ޝަރުމާގެ އަނބިކަނބަލުންނެވެ. ރައްޔިތުން ބުނާ ގޮތުގައި ކުމްހާރޯން ކީ ދާނީ، ބޭގަމްޕޫރާ، ހަނީފްގަންޖް އަދި ބިޖަލްޕޫރާ އަވަށްތަކުގެ ހޮޅިދަނޑިތަކުގައި ގާތްގަނޑަކަށް 50 އެލްއީޑީ މަގުބައްތި ހަރުކުރީ އަލޯކް ޝަރުމާގެ އިސްނެގުމަށެވެ. ނަތީޖާ އިޢުލާނުވެ ޕްރިޔަންކާ ބަލިވުމާ އެކު އެ ބައްތިތައް ނަގަން ފެށުމުން، ރައްޔިތުން ތުހުމަތުކުރަނީ ވޯޓު ނުދިނުމުގެ ބަދަލެއް ކަމަށެވެ.

ބައްތިތައް ނެގުމަށް ޖައިޕޫރު ވިދުޔުތު ވިތުރަން ނިގާމް ލިމިޓެޑް (ޖޭވީވީއެންއެލް) ގެ ޓީމެއް އެ ސަރަޙައްދަށް ދިއުމުން ރައްޔިތުން ވަނީ ނުރުހުން ފާޅުކޮށް އިހުތިޖާޖުކޮށްފައެވެ. އެހެން ނަމަވެސް އެ ޓީމުން ކުމްހާރޯން ކީ ދާނީ އަވަށުގެ 10 ހޮޅިދަނޑިއަކުން ބައްތިތައް ނެގިއެވެ. ބާކީ 40 ހޮޅިދަނޑީގެ ބައްތިތައް ނެގުން ހުއްޓައިލީ، އަލަށް އިންތިޚާބުވި ވިލެޖް ސަރުޕަންޗުން އެ ބައްތިތަކުގެ ކަރަންޓު ބިލު ދެއްކުމަށް އެއްބަސްވުމުންނެވެ.

ޖޭވީވީއެންއެލްގެ އެގްޒެކެޓިވް އިންޖިނިއަރު ޑީ.އާރް މީނާ ވިދާޅުވީ، ކަރަންޓުގެ މައްސަލައެއް ބަލަން ދިޔަ ޓީމަކަށް އެ ހޮޅިދަނޑިތަކުގައި ހުއްދައެއް ނެތި ޣައިރުޤާނޫނީ ގޮތުން ކަރަންޓު ގުޅައިގެން ބައްތި ހަރުކޮށްފައިވާކަން ފާހަގަކުރެވުނު ކަމަށެވެ. އެ ސަބަބާ ހުރެ ބައްތިތައް ނަގަން ފެށީ ކަމަށާއި، މިކަން ހިނގައިދިޔަ ގޮތް ބެލުމަށް ޚާއްޞަ ތަޙުޤީޤެއް ފަށާފައިވާ ކަމަށް ވެސް އޭނާ ވިދާޅުވިއެވެ.

އެމްއެލްއޭ ރާމް ސަހާޔާ ވަރްމާ ވަނީ ސިޔާސީ ބަދަލުހިފުމެއް ކަމަށް ދެކެވޭ ވާހަކަ ދޮގުކުރައްވައިފައެވެ. އޭނާ ވިދާޅުވީ އެ ބައްތިތަކަކީ ދިވާލީއާ ދިމާކޮށް ކެންޑިޑޭޓުން ހަރުކުރި ބައްތިތަކެއް ކަމަށާއި، ކަރަންޓު ބިލުގެ މައްސަލަ ފެންމަތިވުމުން ކަރަންޓު ބޯޑުން ފިޔަވަޅު އެޅީ ކަމަށެވެ. އެހެން ނަމަވެސް އިންތިޚާބުގެ ނަތީޖާއާ ދިމާކޮށް ބައްތިތައް ނަގަން ފެށި ވަގުތާ މެދު ރައްޔިތުން ސުވާލު އުފައްދައި، ބޮޑެތި ފާޑުކިޔުންތައް އަދިވެސް ދަނީ އަމާޒުވަމުންނެވެ.

ކޮމެންޓް ކުރޭ

އީމެއިލް ނުފެންނާނެއެވެ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް

ނިއުސް ކާސްޓް

އެންމެ ފަހުގެ ޚަބަރުތަކާއި، ސިޔާސީ އަދި އިޖުތިމާޢީ ކަންކަމުގެ އެންމެ ފުރިހަމަ މަޢުލޫމާތު އެންމެ އަވަހަށް ގެނެސްދިނުމަށް ޚާއްޞަކޮށްފައިވާ ވެބްސައިޓެކެވެ. އަޅުގަނޑުމެންގެ މަޤްޞަދަކީ، ހަމަހަމަކަމާއި އިންޞާފުވެރިކަމާއެކު، އިތުބާރު ހުރި ޚަބަރުތައް ކިޔުންތެރިންނާ ހަމައަށް ގެނެސްދިނުމެވެ.

Copyright © 2026 Newscast. All rights reserved.