ރެއާލް މެޑްރިޑުން ސެލްޓާ ވިގޯ ބަލިކޮށް ތާވަލުގެ އެއްވަނަ ވަރުގަދަކޮށްފި
ސްޕެނިޝް ލަލީގާގައި ރޭ ރެއާލް މެޑްރިޑުން އަމިއްލަ ދަނޑުގައި ސެލްޓާ ވިގޯ އަތުން 2-1 އިން މޮޅުވެ، ތާވަލުގެ އެއްވަނައިގައި އޮތް އޮތުން އިތުރަށް ވަރުގަދަކޮށްފިއެވެ.
ސްޕެނިޝް ލަލީގާގައި ރޭ ރެއާލް މެޑްރިޑުން އަމިއްލަ ދަނޑުގައި ސެލްޓާ ވިގޯ އަތުން 2-1 އިން މޮޅުވެ، ތާވަލުގެ އެއްވަނައިގައި އޮތް އޮތުން އިތުރަށް ވަރުގަދަކޮށްފިއެވެ.
މެޗުގެ ހަ ވަނަ މިނެޓުގައި ސެލްޓާ ވިގޯގެ ޕަބްލޯ ޑުރާން ޖެހި ގޯލުން ރެއާލް މެޑްރިޑަށް ކުރީކޮޅުގައި ޕްރެޝަރާ ކުރިމަތިލާން ޖެހުނެވެ. ނަމަވެސް ދެވަނަ ހާފުގައި ޖޫޑް ބެލިންހަމް ނަތީޖާ ހަމަހަމަކޮށް، ބަދަލު ކުޅުންތެރިއެއްގެ ގޮތުގައި ކުޅެން އެރި ކާލޯސް އެސްޕީ މެޗު ކާމިޔާބުކޮށްދިނެވެ. ރެއާލްގެ ކީލިއަން އެމްބާޕޭ ޖެހި ޕެނެލްޓީއެއް ވަނީ ބޭކާރުވެފައެވެ.
މެޗަށް ފަހު ކޯޗު ހޯސޭ މޮރީނިއޯ ބުނީ ބައިނަލްއަޤުވާމީ ބްރޭކަށް ފަހު ކުޅުންތެރިން ޓީމާ ގުޅުނުއިރު ތިބީ ވަރަށް ބޮޑަށް ވަރުބަލިވެފައި ކަމަށާއި، ގިނަ ކުޅުންތެރިން ދިގު ދަތުރުތައް ކޮށް، ބައެއް ކުޅުންތެރިން މެޗުގެ ދެތިން ދުވަސް ކުރިން ޓީމާ ގުޅުމުން ކުޅުމަށް އެކަމުގެ އަސަރު ފޯރި ކަމަށެވެ.
"އަހަރެން ހީކުރީ މިއީ އުނދަގޫ މެޗަކަށް ވާނެ ކަމަށް، އެކަމަކު މިހާ ބޮޑު ގޮންޖެހުމަކާ ކުރިމަތިލާންޖެހޭނެ ކަމަކަށް އުންމީދެއް ނުކުރަން. ސެލްޓާ ވިގޯއިން ދެއްކީ ވަރަށް މޮޅު ކުޅުމެއް. އަހަރެމެންގެ ބައެއް ކުޅުންތެރިން 12 ގަޑިއިރުގެ ދަތުރުތައް ކޮށްފައި ތިބިއިރުވެސް، މޮޅުވުމަށް އެމީހުން ދެއްކި ހިތްވަރަށް ތައުރީފު ހައްގު،" މޮރީނިއޯ ބުންޏެވެ.
މެޗުގައި ފާހަގަކޮށްލެވުނު ކުޅުންތެރިއަކީ އުމުރުން 21 އަހަރުގެ އެސްޕީއެވެ. ދަނޑުމަތިން މި ސީޒަނުގައި މަދު ވަގުތުކޮޅެއް ލިބުނު ނަމަވެސް، ޔޫރަޕުގެ އެންމެ ވަރުގަދަ ފަސް ލީގަށް ބަލާއިރު ކުޅުނު މިނެޓަށް ނިސްބަތުން އެންމެ ގިނަ ގޯލު ޖެހި ކުޅުންތެރިޔާގެ ގޮތުގައި އެސްޕީ އޮތީ 44 މިނެޓުގެ ތެރޭގައި ތިން ގޯލު ކާމިޔާބުކޮށްގެންނެވެ. މޮރީނިއޯ ބުނީ އެސްޕީ އަކީ ފްލެކްސިބަލް ކުޅުންތެރިއެއް ކަމަށާއި، ބަދަލު ކުޅުންތެރިއެއްގެ ގޮތުގައި ކުޅެން ޖެހުމާ މެދު އޭނާގެ ޝަކުވާއެއް ނެތް ކަމަށާއި، ކުރިއަށް އޮތް ތަނުގައި ފުރަތަމަ އެގާރައިން ފުރުސަތު ދިނުމާ މެދު ވިސްނަމުންދާ ކަމަށެވެ.
ފުރަތަމަ އެގާރައިގައި ނުހިމެނުނު ވިނީޝިއަސް ޖޫނިއާއާ ބެހޭ ގޮތުން ނޫސްވެރިން ސުވާލު ކުރުމުން މޮރީނިއޯ ބުނީ އަންގާރަ ދުވަހު ޗެމްޕިއަންސް ލީގުގައި ޕީއެސްވީއާ ދެކޮޅަށް ކުޅޭ މެޗުގެ ފުރަތަމަ އެގާރައިގައި ވިނީޝިއަސް ހިމެނޭނެ ކަމަށެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް