މައިގަނޑު ބަޔަށް ދާން

ދުނިޔެ

ސުނެއުންގ އިމްތިޙާނުގައި އޭއައި މަކަރުގެ މައްސަލަ - ދެކުނު ކޮރެއާގެ ތަޢުލީމީ މިނިސްޓަރު އިސްތިއުފާ ދީފި

ދެކުނު ކޮރެއާގެ ޤައުމީ ޔުނިވާސިޓީ އެންޓްރެންސް އިމްތިޙާނު ސުނެއުންގގައި އާޓިފިޝަލް އިންޓެލިޖެންސް (އޭއައި) ބޭނުންކޮށްގެން މަކަރު ހެދުން ހުއްޓުވުމަށް ފަހު ވަގުތު އެޅި ފިޔަވަޅުތަކުން އުފެދުނު ހަމަނުޖެހުމުގެ ޒިންމާ ނަންގަވައި އެ ޤައުމުގެ ތަޢުލީމީ މިނިސްޓަރު ޗޮއި ކިޔޯ ޖިން އާދީއްތަ ދުވަހު މަގާމުން އިސްތ

ސުނެއުންގ އިމްތިޙާނުގައި އޭއައި މަކަރުގެ މައްސަލަ - ދެކުނު ކޮރެއާގެ ތަޢުލީމީ މިނިސްޓަރު އިސްތިއުފާ ދީފި

ދެކުނު ކޮރެއާގެ ޤައުމީ ޔުނިވާސިޓީ އެންޓްރެންސް އިމްތިޙާނު ސުނެއުންގގައި އާޓިފިޝަލް އިންޓެލިޖެންސް (އޭއައި) ބޭނުންކޮށްގެން މަކަރު ހެދުން ހުއްޓުވުމަށް ފަހު ވަގުތު އެޅި ފިޔަވަޅުތަކުން އުފެދުނު ހަމަނުޖެހުމުގެ ޒިންމާ ނަންގަވައި އެ ޤައުމުގެ ތަޢުލީމީ މިނިސްޓަރު ޗޮއި ކިޔޯ ޖިން އާދީއްތަ ދުވަހު މަގާމުން އިސްތިއުފާ ދެއްވައިފިއެވެ.

ގާތްގަނޑަކަށް ނުވަ ގަޑިއިރަށް ދެމިގެންދާ ސުނެއުންގ އިމްތިޙާނަކީ އެ ޤައުމުގެ އެތައް މިލިއަން ބައެއްގެ ކެރިއަރު ކަނޑައެޅުމުގައި މުހިންމު ދައުރެއް އަދާކުރާ އިމްތިޙާނެކެވެ. ބުރާސްފަތި ދުވަހު ބޭއްވި މި އިމްތިޙާނުގައި ގާތްގަނޑަކަށް 500،000 ދަރިވަރުން ބައިވެރިވެފައިވެއެވެ.

އޭއައި ބޭނުންކޮށްގެން މަކަރު ހެދުމުގެ ކަންބޮޑުވުން ބޮޑުވެގެން ދިޔައީ، އެޕްރީލް މަހު ބޭއްވި ޤައުމީ ޓެކްސް އެކައުންޓެންސީ އިމްތިޙާނުން އެއްވަނަ ހޯދި 34 އަހަރުގެ ހަން ވޮން ސޮކް މަކަރު ހެދި ކަމަށް ހުސްވި ހަފުތާ ބަންދުގައި އެއްބަސްވުމާ ގުޅިގެންނެވެ. 160 ސުވާލުގެ ތެރެއިން އެންމެ ސުވާލެއް ފިޔަވައި ހުރިހާ ސުވާލެއް ރަނގަޅުކޮށްފައި އޮތުމުން ނަތީޖާއާ މެދު ޝައްކު ބޮޑުވެފައި ވަނިކޮށް، ވީޑިއޯ މެސެޖެއްގައި އޭނާ ބުނީ "ޓެސްޓުގެ ސުވާލުތައް މައިކްރޯ ކެމެރާއަކުން ފޮޓޯ ނަގައި އޭއައި އަށް ފޮނުވައި، ސްމާޓް ފޯނުން ޖަވާބު ޗެކުކޮށްގެން މަކަރު ހެދީ" ކަމަށެވެ.

ސިއްރު ޑިވައިސް ދެނެގަތުމަށް ޓަކައި ދެކުނު ކޮރެއާގެ ތާރީޚުގައި ފުރަތަމަ ފަހަރަށް ޤައުމީ ކާރިސާ އެލާޓް ސިސްޓަމް މި ބޭނުމުގައި ބޭނުންކޮށް، ލޯކަލް ގަޑީން ހެނދުނު 08:00 އާއި މެންދުރުފަހު 15:00 އާ ދެމެދު ތިން އެލާޓް ފޮނުވައިފައިވެއެވެ. ނިއްވާލާފައި ނުވަތަ އެއާޕްލޭން މޯޑުގައި ނެތް ހުރިހާ ފޯނެއް ރިންގުވެފައިވެއެވެ. މީގެ އިތުރުން، ގޮށްތަކުގެ ފަހަތުގައި ކެމެރާ ފޮރުވާފައި ހުރެދާނެ ކަމަށް ބަލައި ގަމީހާއި ޖެކެޓުގެ ގޮށްތައް ނިވާކުރަން އެންގުމާއި އައިނު ޗެކުކުރުން ވެސް ހިމެނެއެވެ. ތަޢުލީމީ މިނިސްޓްރީން ބުނެފައިވާ ގޮތުގައި ހުއްދަ ނެތް ސްމާޓް ޑިވައިސް ގެންގުޅުނު 111 ކެންޑިޑޭޓަކު ފެނިފައިވެއެވެ.

ޗޮއި ބުނީ "ޒިންމާ ހުރި މިނިސްޓަރުގެ ހައިސިއްޔަތުން، ކުރީބައިގައި ތައްޔާރުވުމުގައި އިހުމާލުވެފައިވާ ކަމަށް ބުނެ ކުރެވޭ ފާޑުކިޔުމުން ސަލާމަތްވެވިދާނެ ކަމަށް ޤަބޫލެއް ނުކުރެވެ" ކަމަށެވެ. "އިމްތިޙާނު ނިމިފައިވާއިރު ފުން ޒިންމާއެއް އިޙްސާސްކުރެވޭތީ އިސްތިއުފާ ހުށަހަޅަނީ" ކަމަށް ވެސް އޭނާ ބުންޏެވެ.

މި ފިޔަވަޅުތަކުގެ ސަބަބުން މަކަރު ނުހެދި ދަރިވަރުންނަށް ވެސް ހާސްކަން ކުރިމަތިވެފައިވެއެވެ. ބައެއް ދަރިވަރުން ބޯ ފްރޭމުގެ އައިނު ސްމާޓް އައިނަކަށް ހީކޮށްފާނެ ކަމާ މެދު ކަންބޮޑުވެ، ޝައްކު ނުއުފެދޭނެ ގޮތަށް ކޮންޓެކްޓް ލެންސް ލައްވައިގެން އިމްތިޙާނަށް ދިޔައެވެ. ދެކުނު ކޮރެއާގެ ރައީސް ލީ ޖެ މިޔުންގ ވަނީ ޗޮއިގެ އިސްތިއުފާ ޤަބޫލުކޮށް، މިހާރު އޮތް އިމްތިޙާނީ ނިޒާމު އިސްލާޙުކުރުމަށް ގޮވާލައްވައިފައެވެ.

ކޮމެންޓް ކުރޭ

އީމެއިލް ނުފެންނާނެއެވެ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް

ނިއުސް ކާސްޓް

އެންމެ ފަހުގެ ޚަބަރުތަކާއި، ސިޔާސީ އަދި އިޖުތިމާޢީ ކަންކަމުގެ އެންމެ ފުރިހަމަ މަޢުލޫމާތު އެންމެ އަވަހަށް ގެނެސްދިނުމަށް ޚާއްޞަކޮށްފައިވާ ވެބްސައިޓެކެވެ. އަޅުގަނޑުމެންގެ މަޤްޞަދަކީ، ހަމަހަމަކަމާއި އިންޞާފުވެރިކަމާއެކު، އިތުބާރު ހުރި ޚަބަރުތައް ކިޔުންތެރިންނާ ހަމައަށް ގެނެސްދިނުމެވެ.

Copyright © 2026 Newscast. All rights reserved.