ކުޑަކުދިންނަށް ސޯޝަލް މީޑިއާ ހިފެހެއްޓުމާ ގުޅޭ ދިރާސާތަކެއް ސަރުކާރުން ފަށައިފި
ކުޑަކުދިން އިންޓަނެޓާއި ސޯޝަލް މީޑިއާގެ ނޭދެވޭ އަސަރުތަކުން ސަލާމަތްކުރުމަށްޓަކައި ވަކި އުމުރުފުރާއަކުން ދަށުގެ ކުދިންނަށް ސޯޝަލް މީޑިއާ ބޭނުންކުރުން ހިފެހެއްޓުމާ ގުޅޭ ދިރާސާތަކެއް ސަރުކާރުން ކުރަމުންދާ ކަމަށް ދާޚިލީ ސަލާމަތާއި ފަންނިއްޔާތާ ބެހޭ މިނިސްޓަރު ޢަލީ އިޙްސާން މިއަދު ވިދާޅުވެއްޖެއެވެ.
ކުޑަކުދިން އިންޓަނެޓާއި ސޯޝަލް މީޑިއާގެ ނޭދެވޭ އަސަރުތަކުން ސަލާމަތްކުރުމަށްޓަކައި ވަކި އުމުރުފުރާއަކުން ދަށުގެ ކުދިންނަށް ސޯޝަލް މީޑިއާ ބޭނުންކުރުން ހިފެހެއްޓުމާ ގުޅޭ ދިރާސާތަކެއް ސަރުކާރުން ކުރަމުންދާ ކަމަށް ދާޚިލީ ސަލާމަތާއި ފަންނިއްޔާތާ ބެހޭ މިނިސްޓަރު ޢަލީ އިޙްސާން މިއަދު ވިދާޅުވެއްޖެއެވެ.
ނޫސްވެރިންގެ ބައްދަލުވުމެއްގައި ވާހަކަދައްކަވަމުން މިނިސްޓަރު ވިދާޅުވީ ރާއްޖޭގައި ސޯޝަލް މީޑިއާ އެއްކޮށް މަނާކުރަން އުޅޭ ކަމަށް ބުނެ ބައެއް ފަރާތްތަކުން ފަތުރަމުންދަނީ ހަގީގަތާ ޚިލާފު ވާހަކަތަކެއް ކަމަށެވެ. މި ޕްރެސް ކޮންފަރެންސް ކުއްލި ގޮތަކަށް ބާއްވަން ޖެހުނީ ވެސް އެ ދޮގު މައުލޫމާތުތައް ސާފުކޮށްދިނުމަށް ކަމަށް މިނިސްޓަރު ވިދާޅުވިއެވެ.
މިނިސްޓަރު ވިދާޅުވި ގޮތުގައި މިއަހަރުގެ ޖޫން އެއް ވަނަ ދުވަހު ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ބޭއްވެވި ނޫސްވެރިންގެ ބައްދަލުވުމުގައި ވެސް އޮންލައިން މާހައުލުގައި ކުޑަކުދިންނަށް ދިމާވާ ގްރޫމިންއާއި ސައިބާ ބުލީއިންއާއި އުމުރާ ނުގުޅޭ ކޮންޓެންޓަށް ހުށަހެޅުމުން އެ ކުދިން ރައްކާތެރިކުރުމަށް ފިޔަވަޅު އަޅުއްވާނެ ކަމަށް ވިދާޅުވެފައިވެއެވެ. އެ މަސައްކަތުގެ ދަށުން، ކެބިނެޓުގެ ސަބް ކޮމިޓީއެއް ކަމަށްވާ ސޯޝަލް ކައުންސިލަށް އަޅަންފެންނަ ފިޔަވަޅުތަކާ ގުޅޭ ކަރުދާހެއް އިއްޔެ ހުށަހަޅާފައިވާ ކަމަށް ވެސް ވިދާޅުވިއެވެ.
ޓެކްނިކަލް ޓީމުތަކުގެ ދިރާސާތަކުން މިހާތަނަށް ލަފާދީފައިވަނީ ސޯޝަލް މީޑިއާ ހިފެހެއްޓުމަށް އެންމެ އެކަށީގެންވާ އުމުރަކީ 16 އަހަރުން ދަށް ކަމަށެވެ. ނަމަވެސް މިއީ ނިހާއީ ނިންމުމެއް ނޫން ކަމަށާއި، މަދަނީ ޖަމްޢިއްޔާތަކާއި ޢާންމު ރައްޔިތުންގެ ޚިޔާލު ހޯދުމަށް ފުޅާ ދާއިރާއެއްގައި މަޝްވަރާ ކުރައްވާނެ ކަމަށް މިނިސްޓަރު ވިދާޅުވިއެވެ. އެއަށްފަހު ސިޔާސަތު ކެބިނެޓަށް ހުށަހަޅައި، ޤާނޫނަށް ގެންނަންޖެހޭ އިސްލާހުތައް ގެންނަވާނެ ކަމަށް ވެސް ހާމަކުރެއްވިއެވެ.
މި ސިޔާސަތުގެ ބޭނުމަކީ ތަޢުލީމީ ނުވަތަ ޞިއްޙީ މައުލޫމާތު ފޯރުކޮށްދޭ ޕްލެޓްފޯމްތަކަށް ހުރަސްއެޅުން ނޫން ކަމަށާއި، "މޯލްޑިވްސް 2.0" ޑިޖިޓަލައިޒޭޝަން ސިޔާސަތުގެ ދަށުން 10 އަހަރުން މަތީގެ ކުދިންނަށް އީފާސް މެދުވެރިކޮށް ބޭނުންތެރި ޚިދުމަތްތައް ލިބެން އޮންނާނެ ކަމަށް މިނިސްޓަރު ވިދާޅުވިއެވެ. ހިފެހެއްޓޭނީ ހަމައެކަނި ކުދިންނަށް ގެއްލުންދެނިވި ޕްލެޓްފޯމްތައް ކަމަށް ވެސް ވިދާޅުވިއެވެ.
ދުނިޔޭގެ އެހެން ޤައުމުތަކުން ވެސް މިފަދަ ފިޔަވަޅު އަޅަމުންދާކަން ފާހަގަކުރައްވައި މިނިސްޓަރު ވިދާޅުވީ އޮސްޓްރޭލިއާގައި 16 އަހަރުން ދަށުގެ ކުދިންނަށް ބޮޑެތި ސޯޝަލް މީޑިއާ ޕްލެޓްފޯމްތައް ހިފެހެއްޓާފައިވާ ކަމަށެވެ. ފްރާންސްގައި 15 އަހަރުން ދަށުގެ ކުދިންނަށް، ނޯވޭއާއި އިނގިރޭސިވިލާތުގައި 16 އަހަރުން ދަށުގެ ކުދިންނަށް، އަދި އެމެރިކާގެ ފްލޮރިޑާ ސްޓޭޓުގައި 14 އަހަރުން ދަށުގެ ކުދިންނަށް ސޯޝަލް މީޑިއާ މަނާކޮށް ބެލެނިވެރިންގެ ހުއްދައާ ނުލައި ބޭނުންނުކުރެވޭ ގޮތް ހަދަމުންދާ ކަމަށާއި، ޔޫއޭއީގައި ވެސް އެންމެ ދަށް އުމުރަކީ 15 އަހަރު ކަމުގައި ކަނޑައަޅާފައިވާ ކަމަށް ވިދާޅުވިއެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް