ތިލަފުށި ކާގޯ ޓާމިނަލަށް ފުރަތަމަ ފަހަރަށް ކޮންޓޭނާ ވެސަލެއް ކައިރިކޮށް ބޭލުން ފަށައިފި
ތިލަފުށި ކާގޯ ޓާމިނަލްގައި ފުރަތަމަ ފަހަރަށް ކޮންޓޭނާ އުފުލާ އުޅަނދަކުން ކޮންޓޭނާ ބާލަން މިއަދު ފަށައިފިއެވެ.
ތިލަފުށި ކާގޯ ޓާމިނަލްގައި ފުރަތަމަ ފަހަރަށް ކޮންޓޭނާ އުފުލާ އުޅަނދަކުން ކޮންޓޭނާ ބާލަން މިއަދު ފަށައިފިއެވެ.
ތިލަފުއްޓަށް ކައިރިކުރީ އެމްއެސްއެސް ގަލީނާ ނަމަކަށް ކިޔާ ކޮންޓޭނާ ވެސަލެކެވެ. އެ އުޅަނދުގައި 524 ޓީއީޔޫ ބަރުކޮށްގެން ރާއްޖެ އައިއިރު، އެ ތެރެއިން 490 ޓީއީޔޫ ބާލާނީ ތިލަފުށި ކާގޯ ޓާމިނަލަށެވެ.
މި އޮޕަރޭޝަން ހިންގުމާ ގުޅޭ ތައްޔާރީތައް މޯލްޑިވްސް ޕޯޓްސް ލިމިޓެޑް (އެމްޕީއެލް) އިން ފެށީ މި އަހަރުގެ މެއި މަހުއެވެ. އެ ކުންފުނިން ބުނީ ކޮންމެ އަހަރަކު ވެސް އައު އަހަރުން ފެށިގެން ރަމަޟާން މަސް ނިމޭތާ މަހެއްހާ ދުވަހާ ހަމައަށް ރާއްޖެއަށް މުދާ އެތެރެކުރާ މިންވަރު އިތުރުވާ ކަމަށެވެ. އޭގެ އިތުރުން ފަތުރުވެރިކަމުގެ ދާއިރާގައި އެނދުތައް އިތުރުވެ، އައު ރިސޯޓުތައް ހުޅުވުމުން ވެސް މުދާ އެތެރެކުރާ މިންވަރު ދާނީ އިތުރުވަމުން ކަމަށް އެ ކުންފުނިން ލަފާކުރެއެވެ.
ތިލަފުށީގައި ކޮންޓޭނާ ބާލައި ދޫކުރެވޭނެ އިންތިޒާމު ހަމަޖެއްސީ މާލޭ ވިޔަފާރި ބަނދަރުގެ ޖާގައިގެ ދަތިކަމަށް ލުޔެއް ހޯދައި، ވިޔަފާރިވެރިންނަށް އަވަހަށް މުދާ ކްލިއާ ކުރެވޭނެ މަގު ފަހިކޮށްދިނުމުގެ ގޮތުން ކަމަށް އެމްޕީއެލް އިން ބުނެފައިވެއެވެ.
މާލޭ ވިޔަފާރި ބަނދަރު ތިލަފުއްޓަށް ބަދަލުކުރުމުގެ މަޝްރޫޢުގެ މަސައްކަތްތައް މިހާރު ވެސް ކުރިއަށް އެބަ ގެންދެއެވެ. ތިލަފުށީގައި އެންމެ ފުރަތަމަ ތަރައްޤީކުރާ 375 މީޓަރުގެ ކީވޯލް ބިނާކުރުން ހަވާލުކޮށްފައިވާ ޗައިނާ ހާބަރ އިންޖިނިއަރިން ކޮމްޕެނީން އެ މަސައްކަތް ކުރިއަށް ގެންދާއިރު، 2027 ވަނަ އަހަރުގެ ޖުލައި މަހު އެ ކީވޯލް ނިންމާލެވޭނެ ކަމަށް ލަފާކުރެވެއެވެ. އެމްޕީއެލްގެ އަމާޒަކީ 2027 ވަނަ އަހަރުގެ ނޮވެމްބަރު މަހު މާލޭ ވިޔަފާރި ބަނދަރުގެ ހުރިހާ އޮޕަރޭޝަނެއް ތިލަފުއްޓަށް ބަދަލުކުރުމެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް