އަންހެނުންނަށް ކުރާ އަނިޔާ ހުއްޓުވުމުގައި ސަރުކާރު ދެމިއޮންނާނެ ކަމުގެ ޔަޤީންކަން ރައީސް ދެއްވައިފި
އަންހެނުންނާއި އަންހެން ކުދިންނަށް ކުރާ އަނިޔާތަކުން ރައްކާތެރިކަން ހޯދައިދީ އިންސާފު ކަށަވަރުކޮށްދިނުމުގައި ސަރުކާރު ސާބިތުކަންމަތީ ދެމިއޮންނާނެ ކަމުގެ ޔަޤީންކަން ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ދެއްވައިފިއެވެ.
އަންހެނުންނާއި އަންހެން ކުދިންނަށް ކުރާ އަނިޔާތަކުން ރައްކާތެރިކަން ހޯދައިދީ އިންސާފު ކަށަވަރުކޮށްދިނުމުގައި ސަރުކާރު ސާބިތުކަންމަތީ ދެމިއޮންނާނެ ކަމުގެ ޔަޤީންކަން ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ދެއްވައިފިއެވެ.
އެމަނިކުފާނު މި ޔަޤީންކަން ދެއްވީ އަންހެނުންނަށް ކުރާ އަނިޔާތައް ހުއްޓުވުމުގެ ބައިނަލްއަޤުވާމީ ދުވަހާ ގުޅިގެން ދެއްވި ޚިޠާބުގައެވެ. އެ ޚިޠާބުގައި ރައީސް ވިދާޅުވީ އަންހެނުންނާއި އަންހެން ކުދިންނަށް ކުރާ އަނިޔާތަކަކީ އިންސާނީ ޙައްޤުތަކަށް އަރައިގަތުމުގެ ބޮޑު ޖަރީމާއެއް ކަމަށެވެ. ރާއްޖޭގައި އަންހެނުންނަށް ރައްކާތެރިކަން ދިނުމަށް ގެވެށި އަނިޔާ ހުއްޓުވުމުގެ ޤާނޫނާއި، ޖިންސީ ކުށުގެ ޤާނޫނާއި، ޖިންސީ ގޯނާ އަދި ޖިންސީ ފުރައްސާރަ ހުއްޓުވުމުގެ ޤާނޫނާއި، ޤާނޫނުލްޢުޤޫބާތުން ވަރުގަދަ ބިންގަލެއް އެޅިފައިވާ ކަމަށް ވެސް ރައީސް ވިދާޅުވިއެވެ.
އެ ޤާނޫނީ ރައްކާތެރިކަމަކީ ޙަޤީޤީ މާނައިގައި އަނިޔާ ލިބޭ ކޮންމެ ފަރާތަކަށް ފޯރުކޮށްދެވޭ ރައްކާތެރިކަމަކަށް ހެދުމަށް ސަރުކާރުން މަސައްކަތް ކުރަމުންދާ ކަމަށް ރައީސް ވިދާޅުވިއެވެ. އެ ގޮތުން އަނިޔާގެ މައްސަލަތައް ރިޕޯޓުކުރުމުގައި ހަރުދަނާ އުސޫލުތައް އެކުލަވައިލުމާއި، ގެވެށި އަނިޔާ ލިބޭ ފަރާތްތަކަށް ޚާއްޞަ ރައްކާތެރި ހިޔާތައް ބިނާކުރައްވަމުން ގެންދަވާ ކަމަށް ވެސް ވިދާޅުވިއެވެ. މީގެ އިތުރުން، ކުރީ ސަފުގައި ޚިދުމަތްކުރާ ފަރާތްތަކާއި ތަޙުޤީޤީ އިދާރާތަކާއި ޢަދުލު އިންސާފުގެ ދާއިރާގެ ޤާބިލުކަން އިތުރުކޮށް ހޭލުންތެރިކަން ފެތުރުމުގެ މަސައްކަތް ވެސް ކުރިއަށް ގެންދަވާ ކަން ރައީސް ފާހަގަކުރެއްވިއެވެ.
އިންޓަނެޓާއި ޓެކްނޮލޮޖީ މެދުވެރިކޮށް ކުރާ ގޯނާއާއި ފުރައްސާރައިން އަންހެނުން ރައްކާތެރިކުރުމަށް، އިޤްތިޞާދީ އަދި އިޖުތިމާޢީ ހުރަސްތައް ނައްތައިލައި އަންހެނުން ބާރުވެރިކުރުވުމަށް ޚާއްޞަ އިސްކަމެއް ދެއްވާ ކަމަށް ވެސް ރައީސް ވިދާޅުވިއެވެ. އޯގާތެރި މުޖުތަމަޢެއް ބިނާކުރުމުގެ ތަޞައްވުރުގެ ދަށުން ސިޔާސަތުތައް އެކަށައަޅައި ޕްރޮގްރާމްތައް ހިންގަވަނީ ކުށްކުރާ ފަރާތްތައް ޒިންމާދާރުކުރުވައި އަދަބު ނުލިބި ސަލާމަތްވުމުގެ ފުރުޞަތު ނައްތައިލުމަށް ކަމަށް ވެސް އެމަނިކުފާނު ވިދާޅުވިއެވެ.
އެ ޚިޠާބު ނިންމަވައިލައްވަމުން ރައީސް ވަނީ ބިރުވެރިކަމެއް ނެތި އަބުރުވެރިކަމާ އެކު އަންހެނުންނަށް ދިރިއުޅެވޭ މާޙައުލެއް ހޯދައިދިނުމަށް ދައުލަތުގެ މުއައްސަސާތަކާއި އަމިއްލަ ޖަމުޢިއްޔާތަކާއި ވިޔަފާރިތައް އަދި މުޅި މުޖުތަމަޢު ގުޅިގެން މަސައްކަތްކުރުމަށް އިލްތިމާސްކުރައްވައިފައެވެ. ރައީސް ވަނީ ރަސްމީ އެކްސް އެކައުންޓުގައި ވެސް މި ޝުޢޫރުތައް ތަކުރާރުކުރައްވައި، ކޮންމެ އަންހެނަކާއި އަންހެން ކުއްޖަކު ހުރިހާ ބާވަތެއްގެ އަނިޔާއިން ރައްކާތެރިވެ ދިރިއުޅެވޭ ޤައުމެއް ބިނާކުރުމަށް އެންމެން އެކަތިގަނޑަކަށް ވުމަށް ގޮވައިލައްވައިފައެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް