އިސްރާއީލާ ގުޅޭ ސިޔާސަތު ސާފުކޮށްދިނުމަށް މެލޭޝިއާގެ ސަފީރު ވޮޝިންގްޓަންއަށް ހާޒިރުކޮށްފި
Israel aa gulhey siyaasathu saafukohdhinumah Malaysia ge safeeru Washington ah haazirukoffi
Ahmed Aahil Saeed
25 July 2026
އެމެރިކާގެ ރައީސް ޑޮންލްޑް ޓްރަމްޕާއި އިސްރާއީލުގެ ބޮޑުވަޒީރު ނަތަންޔާހޫ؛ ފޮޓޯ / ވިކިކޮމްސް މީޑިއާ
އިސްރާއީލު ބަލައިނުގަތުމުގެ ސިޔާސަތާ ގުޅިގެން ވޮޝިންޓަނުން މެލޭޝިއާގެ ސަފީރު ވޮޝިންގްޓަންއަށް ހާޒިރުކޮށް މެލޭޝިއާގެ ސިޔާސަތު ސާފުކޮށްދިނުމަށް އެދިއްޖެއެވެ.
މެލޭޝިއާގެ ޚާރިޖީ ވަޒީރު މުޙައްމަދު ޙަސަން ވިދާޅުވީ ސަފީރު މުޙައްމަދު ޝަހްރުލް އިކްރާމް ޔައުގޫބް ސްޓޭޓް ޑިޕާޓްމަންޓަށް ދެންނެވީ އިސްރާއީލު ބަލައިނުގަތުމަކީ މެލޭޝިއާއިން ޒަމާނުއްސުރެ ގެންގުޅެމުން އަންނަ ސިޔާސަތެއް ކަމަށެވެ. އެ ގައުމުގެ އިމިގްރޭޝަން ސިޔާސަތުގައި އިސްރާއީލު ނުވަތަ ޒަޔަނިސްޓް ދައުލަތެއް ބަލައެއް ނުގަނެއެވެ.
މި ކަންތައްގަނޑު ފެށުނީ އެމެރިކާގެ އިންވެސްޓަރު ބަލާޖީ ސްރީނިވާސަން ޖޮހޯރު ސްޓޭޓްގެ ފޮރެސްޓް ސިޓީގައި ސްޓާޓްއަޕް ފައުންޑަރުންނާއި ޑިޖިޓަލް ނޮމެޑުންނަށް ހާއްސަ "ނެޓްވޯކް ސްކޫލް"ގެ ނަމުގައި ތަނެއް ގާއިމުކުރުމާ ހިސާބުންނެވެ. އެ ތަނުގައި އިސްރާއީލުގެ ބައިވެރިން ތިބި ކަމުގެ ތުހުމަތު ސޯޝަލް މީޑިއާގައި ފެތުރުމުން ޖޮހޯރު ސަރުކާރުން ފެޑެރަލް ތަހުގީގެއް ހިންގުމަށް ގޮވާލިއެވެ. މެލޭޝިއާގެ އިމިގްރޭޝަނުން 40 ގައުމެއްގެ 266 ބިދޭސީއެއްގެ ލިޔެކިޔުންތައް ބެލިއިރު އެންމެންގެ ވެސް ޓްރެވެލް ޑޮކިއުމެންޓްތައް ސައްހައެވެ. ނަމަވެސް އެ ސްކޫލުގެ ލައިސެންސް ބާތިލުކޮށް އަންގާރަ ދުވަހު ބަންދުކުރިއެވެ. ބޮޑުވަޒީރު އަންވަރު ވަނީ އެ ތަނުގެ ވިޔަފާރި ހިންގުމާއި ތަނުގެ ހުއްދަތަކާއި ބިން ބޭނުންކުރުން ފުޅާ ދާއިރާއެއްގައި ބެލުމަށް އަމުރުކޮށްފައެވެ.
ޚާރިޖީ ވަޒީރު ވިދާޅުވީ މި މައްސަލައިގެ ތެރޭގައި އެމެރިކާ އަދި އިސްރާއީލުގެ ރައްޔިތުކަން އޮންނަ މީހަކު އެމެރިކާ ޕާސްޕޯޓުގައި މެލޭޝިއާއަށް ވަދެފައިވާ ކަމަށާއި ފަހުން ކުރި ޗެކުތަކުން އިސްރާއީލު ރައްޔިތުކަން ފާހަގަވުމުން އެ މީހާ ފޮނުވާލި ކަމަށެވެ. ބޮޑުވަޒީރު އަންވަރު ވަނީ މެލޭޝިއާގައި ތިބި އިސްރާއީލު ރައްޔިތުން ހޯދައި ވަގުތުން ޑީޕޯޓް ކުރާނެ ކަމަށް ވިދާޅުވެފައެވެ.
އަންވަރުގެ މި ބަސްތަކާ ގުޅިގެން އެމެރިކާ ކޮންގްރެސްގެ 8 މެންބަރަކު ވަނީ ސެކްރެޓަރީ އޮފް ސްޓޭޓް މާކޯ ރޫބިއޯއަށް ސިޓީއެއް ފޮނުއްވައި މެލޭޝިއާއާ އެކު އެމެރިކާ ބާއްވާ ސެކިއުރިޓީ އަދި އިގުތިސާދީ ގުޅުންތައް މުރާޖައާ ކުރުމަށް ގޮވާލައްވައިފައެވެ. 15 ދުވަހުގެ ތެރޭގައި ނިންމުން ބަދަލު ނުކޮށްފިނަމަ މެލޭޝިއާ ސިފައިންނަށް ތަމްރީނު ފޯރުކޮށްދޭ ބައިނަލްއަގުވާމީ އަސްކަރީ ތައުލީމީ ޕްރޮގްރާމަށް ދޭ ފައިސާ ކަނޑާލުމަށް ވެސް އެ މެންބަރުން އެދިވަޑައިގެންފައިވެއެވެ.
މެލޭޝިއާގެ ކުރީގެ ސަފީރަކު ހާމަކުރެއްވި ގޮތުގައި ފަލަސްތީނާ ގުޅޭ މެލޭޝިއާގެ މައުގިފާ ގުޅިގެން ފަސް ފަހަރެއްގެ މަތިން ސްޓޭޓް ޑިޕާޓްމަންޓަށް ހާޒިރުކުރެވުނެވެ. އެއް ފަހަރު އެމެރިކާގެ އޮފިޝަލުން ވަނީ އިސްރާއީލާ މެދު ހަމްދަރުދީ ފާޅުކުރާ ބަޔާނެއް ނެރެދިނުމަށް އެދިފައެވެ. ނަމަވެސް އެ ހުށަހެޅުން ސަފީރު ވަނީ ގަބޫލުނުކޮށް ދޫކޮށްލައްވައިފައެވެ. އިސްރާއީލާ ދެކޮޅު ސިޔާސަތުގެ މައްސަލައިގައި ވޮޝިންޓަނާއި ކުއާލަލަމްޕޫރާ ދެމެދު ޒަމާނުއްސުރެ ޚިޔާލު ތަފާތުވުން އޮންނަކަން މި ހާދިސާތަކުން ހާމަވެއެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް