އެމްއެންޔޫގެ މައި ކެމްޕަހުގައި ނަފްސާނީ ދުޅަހެޔޮކަމުގެ ދުވަހުގެ ހަރަކާތްތައް ކުރިއަށް
ދިވެހިރާއްޖޭގެ ޤައުމީ ޔުނިވަރސިޓީ (އެމްއެންޔޫ) އިން އެ ޔުނިވަރސިޓީގެ މައި ކެމްޕަހާއި ރީޖަނަލް ކެމްޕަސްތަކުގައި ތަފާތު ހަރަކާތްތައް ބާއްވައިގެން 2026 ވަނަ އަހަރުގެ ނަފްސާނީ ދުޅަހެޔޮކަމުގެ ދުވަސް ފާހަގަކޮށްފިއެވެ.
ދިވެހިރާއްޖޭގެ ޤައުމީ ޔުނިވަރސިޓީ (އެމްއެންޔޫ) އިން އެ ޔުނިވަރސިޓީގެ މައި ކެމްޕަހާއި ރީޖަނަލް ކެމްޕަސްތަކުގައި ތަފާތު ހަރަކާތްތައް ބާއްވައިގެން 2026 ވަނަ އަހަރުގެ ނަފްސާނީ ދުޅަހެޔޮކަމުގެ ދުވަސް ފާހަގަކޮށްފިއެވެ.
މި އަހަރު މި ދުވަސް ފާހަގަކުރީ "ރިއަލް ވޮއިސަސް، ރިއަލް ޗޭންޖް – ލިވްޑް އެކްސްޕީރިއަންސަސް ހާޑް: ރިއަލް ވޮއިސަސް، ރިއަލް ޗޭންޖް" މި ޝިޢާރުގެ ދަށުންނެވެ. އެމްއެންޔޫއިން ބުނީ ނަފްސާނީ ދުޅަހެޔޮކަމާ ބެހޭ ހޭލުންތެރިކަން އިތުރުކުރުމާއި، އުފެއްދުންތެރި ހުނަރުތަކުގެ ތެރެއިން އިޙުސާސްތައް ފާޅުކުރުމުގެ ފުރުސަތު ދިނުމާއި، އެކަކު އަނެކަކަށް އެހީތެރިވާ އެކުވެރި މާޙައުލެއް ޔުނިވަރސިޓީގައި ޤާއިމުކުރުމަކީ މި ހަރަކާތްތަކުގެ މައިގަނޑު މަޤްޞަދު ކަމަށެވެ.
މައި ކެމްޕަހުގައި ބޭއްވި ޚާއްޞަ ރަސްމިއްޔާތުގެ ޝަރަފުވެރި މެހެމާނަކީ އެ ޔުނިވަރސިޓީގެ ވައިސް ޗާންސެލަރެވެ. އެ ރަސްމިއްޔާތުގައި ނަފްސާނީ ދުޅަހެޔޮކަމުގެ ދުވަހާ ގުޅުވައިގެން ބޭއްވި އާޓް މުބާރާތުން ވަނަތައް ހޯދި ދަރިވަރުންނަށް އިނާމު ދީފައިވެއެވެ. އެ އިނާމުތައް ސްޕޮންސަރކޮށްދިނީ "ލިޓްލް ފިނޯ" އިން ކަމަށްވާތީ، އެމްއެންޔޫއިން އެ ފަރާތަށް ޚާއްޞަ ޝުކުރެއް އަދާކޮށްފައިވެއެވެ.
ރަސްމިއްޔާތުގެ ތެރޭގައި ދަރިވަރުންނާއި މުވައްޒަފުންގެ އުފެއްދުންތެރި ލިޔުންތަކުގެ އެގްޒިބިޝަނަކާއި "ފީލިންގްސް ޓްރީ" އަދި ޅެންވެރިކަމުގެ ހަރަކާތްތައް ވެސް ކުރިއަށް ގެންގޮސްފައިވެއެވެ. އެމްއެންޔޫއިން ބުނެފައިވަނީ، މިއީ ޔުނިވަރސިޓީގެ މެންބަރުންނަށް ހިޔާލުތަކާއި އިޙުސާސްތައް މިނިވަންކަމާއެކު ފާޅުކުރުމަށް ހުޅުވާލި މުހިންމު ހަރަކާތްތަކެއް ކަމަށެވެ. ރީޖަނަލް ކެމްޕަސްތަކުގެ ލައިބްރަރީތަކުގައި ޕަޒަލް ކުޅުމާއި ޑޫޑްލިންގ ފަދަ ހަރަކާތްތައް ބާއްވާފައިވެއެވެ.
އެމްއެންޔޫއިން ބުނީ، ދަރިވަރުންނާއި މުވައްޒަފުންގެ މެދުގައި އެކުވެރިކަން ބަދަހިކޮށް ނަފްސާނީ ދުޅަހެޔޮކަމާ ބެހޭ ހޭލުންތެރިކަން އިތުރުކުރުމުން، އުނގަނައިދިނުމުގެ މާޙައުލު އިތުރަށް ފުރިހަމަވާނެ ކަމަށެވެ. މިއީ މުޅި ޔުނިވަރސިޓީއަށް ހުޅުވާލައިގެން މިފަދަ ބޮޑު ހަރަކާތެއް އެމްއެންޔޫގެ މައި ކެމްޕަހުގައި ބޭއްވި ފުރަތަމަ ފަހަރެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް